ޝިޔާމްގެ ސުވާލެއް: ރައީސް ޔާމީން ޖަލުގައި ބާއްވަވަނީ ރައީސް ނަޝީދު ޖަލަށްލުމުގެ ބަދަލު ހިފަންތޯ؟
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާފައި އޮތީ، ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން އޭގެ ބަދަލު ހިއްޕަވަންތޯ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
ޝިޔާމް މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ޔާމީން މިނިވަން ވާނީ ކޮން ދުވަހަކުތޯ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ރާއްޖޭގައި ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުންނާމެދު ހަރުކަށިކޮށް ކަންކުރުމަކީ ރައްޔިތުން ގަޔާވާކަމެއް ގޮތުގައި ދެކެވަޑައި ނުގަންނަވާކަމަށާއި ރައީސް ޔާމީންގެ މައްސަލައިގައި މިހާރު އެމަނިކުފާނު ހިތާމަ ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވަނީ ރައީސް ޔާމީނު ޖަލުގައި އޮންނެވީ، ރައީސް ނަޝީދު ޖަލަށް ލުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އެހެންވީމާ ރައީސް ނަޝީދު ތިޔަ ވިދާޅުވަނީ، ރައީސް ޔާމީން މިއަދު ޖަލުގައި އެ އޮންނަވަނީ ތިމަން މަނިކުފާނު އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އުސްތާޛު ޢަބްދުﷲ މުޙައްމަދު (އަބްދުﷲ ޤާޟީ) ނިޒާމުން ގެއްލުވާ ލެއްވީމައޭ ތޯ؟" ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.