"ގައުމުގެ ހައްގުގައި މިއަދު އެއްޗެއް ވިދާޅުނުވެ މާދަމާ ރިޔާސީ ރޭހަށް ނުކުންނަން ލަދު ގަންނަން ޖެހޭނެ" : އަދުރޭ
ގައުމުގެ ހައްގުގައި މިއަދު އެއްޗެއް ވިދާޅުނުވެ މާދަމާ ރިޔާސީ ރޭހަށް ނުކުންނަން ލަދު ގަންނަން ޖެހޭނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ލ.މާވަށު ޖަގަހައާއި މާލޭގައި ހުންނަ އިދިކޮޅު ޕީޕީއެމްގެ އޮފީހުގައި އޮންލައިން މެދުވެރިކޮށް ގުޅާލައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވަނީ އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް ސޯލިހްއާއި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަންކަމަށް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވާ ސިޔާސީ ލީޑަރުންނަށް އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ނުދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
"ރައްޔިތުން މިި ވަރަށް ނިކަމެތިވާއިރު، ދިވެހި އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާއިރު، މިނިވަން ކަމަށް އަސަރު ކުރަމުންދާއިރު، ދީނީ އެއްބައިވަންތަކަން ގެއްލުމުންދާއިރު، ސުލްހަ މަސަލަސްކަން ނެތިގެންދާއިރު، އިޖްތިމާއީ އަދާލަތު ވީތަނެއް ނޭނގޭ ހިސާބަށް ދާއިރު، ގައުމުގެ ހައްގުގައި މިއަދު އެއްޗެއް ވިދާޅުނުވެ މާދަމާ ރިޔާސީ ރޭހަށް ނުކުންނަން ލަދު ގަންނަން ޖެހޭނެ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވެފައި ވަނީ ބަލާލި ކޮންމެ ދާއިރާއަކުން ވެސް މިހާރު ފެނިގެން ދަނީ ގައުމު ބަނގުރޫޓުވެގެންދާ މަންޒަރު ކަމަށެވެ.އަދި މިކަމުގައި އިސް ބޭފުޅުން ދިވެހި ރައްޔިތުންގެ ހައްގުގައި ބަހެއް ވިދާޅުނުވެ ނުކުމެވަޑައިގަތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް އަދުރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.