ދީން

މައްޔިތާގެ ޖަނާޒާގައި ބައިވެރިވުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިދުނިޔޭގެ ލައްޒަތާއި ، މާއްދީ އެދުންތަކާއި، ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ ސަބަބުތަކެއް ކަމުގައެވެ. މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުުމަކީ އެކަމުގެ ސަބަބުން މަރާއި އާޚިރަތުގެ މަތިން ހަދާން އާކޮށްދޭ ކަމެކެވެ. އަދި މައްޔިތާގެ މައްޗަށް އޭނާގެ ފަރާތުން ކޮށް ދެވޭ މަތިވެރި އަޅުކަމެއް ވެސްމެއެވެ.

Ads by Sosun Fihaara

މަރުވެފައިވާ މުސްލިމެއްގެ ސަންދޯއް ގެންދެވޭހިނދު އެތަންދެކޭ ކޮންމެ މުސްލިމަކު އޭގެ ފަހަތުން ދިއުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ އަދި މަރުވެފައިވާ މުސްލިމް އަޚާއަށް ދޭންޖެހޭ ޙައްޤެކެވެ.

ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއް ވެއެވެ. ސަލާމް ގޮޮވާލާހިނދު އޭގެ ޖަވާބު ދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތް ކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، ކެއުމަށް ދަޢުވަތު ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު ހެޔޮ ދުޢާ ކުރުމެވެ.”

އަދިވެސް ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. އަދި މައްޔިތާ (ސަންދޯއް) ގެންދެވޭހިނދު އެއާ އެކުގައި ގޮސް ޖަނާޒާގައި ބައިވެރިވާށެވެ. ފަހެ، އެއީ އެކަމުގެ ސަބަބުން ތިޔަބައިމީހުންނަށް އަންނަން އޮތް ޙަޔާތުގެ މަތިން ހަނދާން އައުކޮށްދޭ ކަމެކެވެ.”

ސަންދޯއް ގެންދެވޭހިނދު އެސަންދޯކާ އެކުގައި ޖަނާޒާގައި ބައިވެރިވެގެން ދާމީހުން ސަންދޯކުގެ ކުރިންނާއި ފަހަތުން އަދި ސަންދޯކުގެ ދެފަރާތުން ސަންދޯކާ އެކުގައި ދެވިދާނެއެވެ. އެހެން ނަމަވެސް ސަވާރީއެއްގެ މަތީގައި ނުވަތަ ދުއްވާ އެއްޗެއްގެ މަތީގައި އަންނަ މީހުން އަންނަން ޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. “ސަވާރީއެއްގައި ދާމީހާ އަންނަން ޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ. ފައިމަގުގައި ހިނގާފައި ދާމީހުން ސަންދޯކުގެ ކުރިންނާއި ފަހަތުން އަދި އޭގެ ކަނާތްފަރާތުންނާއި ވާތްފަރާތުން ސަންދޯކާ ކައިރީގައި ތިބެގެން ދާށެވެ.”ޖަނާޒާގައި ބައިވެެރިވުމަށް ސަންދޯކާއެކުގައި ދިއުން އެންމެ އިތުރުވެގެން ވަނީ ސަންދޯކުގެ ފަހަތުން ދިއުންކަމުގައި ވެއެވެ. އެހެނީ ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޞަޙާބީންނަށް ވަރަށް ގިނަ ފަހަރުމަތިން ސަންދޯކުގެ ”ފަހަތުން ދިއުމަށް ” އިރުޝާދު ދެއްވާފައި ވެއެވެ.

ޢަލީބުނު އަބީޠާލިބު ވިދާޅުވެފައިވާ މިބަސްފުޅުން އެކަން ދޭހަވެއެވެ. “ޖަމާޢަތުގައިކުރާ ނަމާދު، އެކަނި ނަމާދުކުރާމީހާގެ ނަމާދަށްވުރެ މާތްފަދައިން، ސަންދޯކުގެ ފަހަތުން ހިނގާފައިދިއުން އޭގެ ކުރިން ދިއުމަށްވުރެ މޮޅުއިތުރު ވެގެންވެއެވެ."

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.”އީމާންތެރި ކަމާއިއެކު ޘަވާބާއި ދަރުމަ އިތުރުކުރުމުގެ އެދުމުގައި މުސްލިމެއްގެ ސަންދޯއް ގެންދެވޭ ހިނދު އެއާއެކުގައި ގޮސް މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށްފި މީހަކަށް ޤީރާތެއްގެ ޘަވާބާއި ދަރުމަ ހުއްޓެވެ.

ހަމައެފަދައިން އެސަންދޯކާއިއެކުގައިގޮސް މައްޔިތާ ވަޅުލުމާއި ހަމައަށް ޖަނާޒާގައި ބައިވެރިވެއްޖެމީހަކަށް ދެޤީރާތު ލިބޭހުއްޓެވެ. ”ދެން ދެޤީރާތަކީ ކޮން އެއްޗެއްތޯ އެކަލޭގެފާނަށް ސުވާލު ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. “އޭގެ ބޮޑުމިން އެއްވަރުވެގެންވަނީ ބޮޑުވެގެންވާ ދެ ފަރުބަދައާއިއެވެ. ”ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ކުރީކޮޅު ސަންދޯކެއް އެކަލޭގެފާނު ހުންނެވި ހިސާބަކުން ގެންދެވޭަކަމުގައިވާނަމަ އެސަންދޯ އެކަލޭގެފާނު ހުންނެވި ތަނެއް ފަހަނައަޅައިފުމަށް ދާނދެން ކޮޅަށްތެދުވެވަޑައިގެންހުންނަވައެވެ. އެހެންނަމަވެސް ފަހުންއެގޮތަށް ޢަމަލުކުރެއްވުން ހުއްޓަވާލެއްވިއެވެ. ޢަލީބުނު އަބީޠާލިބު ކޫފާގެ މައިދާނުގައި ވިދާޅުވަނިކޮށް މަސްޢޫދުބުނު އައްޒަރްޤީ އަޑުއެއްސެވިކަމަށް ރިވާވެގެންވެއެވެ. ”އެންމެ ފުރަތަމަ އަހަރުމެންނަށް ﷲގެ ރަސޫލާ އެ ސަންދޯކެއް ގެންދެވޭކަމުގައި ވާނަމަ ކޮޅަށްތެދުވުމަށް އަމުރުކުރައްވައެވެ. އެހެންނަމަވެސް ފަހުން އިށީނުމަށްވެސް އެކަލޭގެފާނު އަހަރުމެންނަށް އަމުރު ކުރެއްވިއެވެ.”

 ޖަނާޒާގައި އަންހެނުންގެ ބައިވެރިވުންް

ސަންދޯއް ގެންދެވޭހިނދު އެއާއިއެކުގައި ދިއުމާއި،  ޖަނާޒާގައި ބައިވެރިވުމަކީ ހަމައެކަނި ފިރިހެނުންނަށްޓަަކައި ޚާއްޞަވެފައިވާކަމެކެވެ. އަދީއޭގެ ދަރުމައާއި ޘަވާބަކީވެސް އެބައިމީހުންނަށްޓަކައިވާ އެއްޗެކެވެ. ކީރިތި ރަސޫލާ, އަންހެނުން ޖަނާޒާގައި ބައިވެރިވުން އެކަނބަލުންގެ މައްޗަށް މަނާކުރައްވާފައިވުމުގެ ސަބަބުން އެއީ އެކަނބަލުން ކުރުން އެދެވިގެންވާކަމެއް ނޫންކަން ދޭހަވެއެވެ.

ކޮންމެއަކަސް ކީރިތި ރަސޫލާ, އަންހެނުންގެމައްޗަށް މިކަންތައް މަނާކުރެއްވުމުގައި ކަނޑައެޅިގެން އެކަނބަލުންގެ މައްޗަށް ގަދައަޅުއްވާ އެކަން ނުކުރުމަށް އަމުރެއްނުކުރައްވައެވެ. އެހެންނަމަވެސް ޖަނާޒާގައިބައިވެރިވުމަކީ އިތުރުއެކަލޭގެފާނު ނުރުއްސަވާކަމެކެވެ. މިކަމުގެ ދަލީލަކީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ޞަޙާބާއިންކުރެ އަންހެން ބޭކަނބަލަކު ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް އައިސްފައިވާ އަންނަނިވި ރިވާޔަތެވެ.

އުއްމު އަޠީއްޔާ ވިދާޅުވެފައިވެއެވެ. ” (ﷲގެ ރަސޫލާ )(ސ ޢ ވ) ސަންދޯކުގެ ފަހަތުން ދިއުން އަޅުގަނޑުމެންނަށް ނަހީކުރެއްވިއެވެ. އެހެންނަމަވެސް އެކަލޭގެފާނު އެކަމުގެ މައްޗަށް އަހަރުމެން ކިޔަމަންގަތުމުގެ މައްޗަށް ގަދަބާރު އަޅުއްވާ އަމުރެއް ނުކުރައްވައެވެ. ”ގިނަމީހުން އެއްވެހަދާ ބޮޑެތި ޖަނާޒާތަކުގައި އަންހެނުން ބައިވެރިވުމަކީ އެކަނބަލުންގެ މައްޗަށް ރައްކާތެރިކަން ލިބިގެންނުވާ އެކަނބަލުންނަށް ވަރަށްދަތި އަދި އުނދަގޫކަން ލިބިގެންވާކަމެކެވެ. މިފަދަ ޖަނާޒާތަކުގައި އެކަނބަލުން ބައިވެރިވުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.

އަޅުގަނޑުމެންގެތެރެއިން ބައެއް އުޚުތުން ޖަނާޒާއާއިއެކު ޤަބުރުސްތާނަށް ނުވަތަ ސަހަރާއަށް އައުމަށްފަހު، މައްޔިތާގެމައްޗަށް ކަށުނަމާދު ކުރެވެމުންދާއިރު، ކަށުނަމާދުގައި އެކަނބަލުން ބައިވެރިނުވެ ތިބޭތަން ފެނެއެވެ. އެކަނބަލުންގެ ޙާޟިރުގައި ކަށުނަމާދު ކުރެވޭކަމުގައިވާނަމަ އެނަމާދުގައި އެކަނބަލުންވެސް ބައިވެރިވެ، މައްޔިތާއަށް ހެޔޮދުޢާކުރުމަކީ މައްޔިތާއަށާއި އެކަނބަލުންނަށް ފައިދާހުރި ކަމެކެވެ. ކީރިތި ރަސޫލާ ގެ އަނބިކަނބަލުން މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ބައެއް ޞަޙާބީންގެ ކަށުނަމާދުގައި ބައިވެރިވެ ވަޑައިގަތްކަން ސާބިތުވެއެވެ.

ރެފަރެންސް: އިސްލާމްދީން.ކޮމް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!