ބަޔާން، ރެއަލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީވެސް ދެވަނަ ބުރަށް
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން މިހާރު ނިމިފައިވާއިރު ދެވަނަ ބުރުގެ ފަހު ޖާގަތައް ބަޔާން މިއުނިކް އާއި، ރެއަލް އަދި އެތްލެޓިކޯ މެޑްރިޑުގެ އިތުރުން ސިޓީ ފަދަ ބޮޑެތި ކްލަބުތަކުން މިވަނީ ހޯދާފައެވެ.
ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ބަލާއިރުގައި ބަޔާން އާއި ލޮކޮމޮޓިވް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ބަޔާން ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެ ގްރޫޕުން އެތްލެޓިކޯ މެޑްރިޑްވެސް ވަނީ ސަލްޒްބާގުގެ މައްޗަށް ކުރި ހޯދައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.
ގްރޫޕް ބީ އިން ރެއަލް މެޑްރިޑު ދެވަނަ ބުރަށް ދަތުރުކުރީ ރޭ ގްލަޑްބަޗާއި ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައިގައެވެ. އެ ގްރޫޕުން ދެން ކޮލިފައި ވެފައި ވަނީ ރޭގެ މެޗުން ބަލިވި ގްލަޑްބަޗްއެވެ.
ސިޓީ ވެސް ވަނީ 2-0ގެ ނަތީޖާ އަކުން މާސޭ ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ގޮސްފައެވެ. ދެން އެ ގްރޫޕުން ކޮލިފައިވީ ޕޯޓޯއެވެ.
ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ލިވަޕޫލްވެސް ކޮލިފައިވެފައި ވާއިރު ދެވަނާގައި އޮތް އެޓްލާންޓާ ވެސް ވަނީ ކޮލިފައިވެފައެވެ.
ފާހަގަކޮށްލެވޭ ބޮޑެތި ޓީމުތަކުގެ ތެރެއިން މިފަހަރު ގްރޫޕް ސްޓޭޖުން ކަޓާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަމިލާންގެ އިތުރުން އަޔަކްސްއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ގުުރުއަތުލުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެެވެ.