ޚަބަރު

ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ ދެކޮޅު ހެދުމަށް އެގައުމުގެ 18 އިސްލާމީ ޖަމްއިއްޔާއަކުން ގޮވާލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޝްރީލަންކާގައި ކޮވިޑު-19 ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް އެއްބަސް ނުވުމަށް އެދި، އެގައުމުގެ 18 އިސްލާމީ ޖައިއްޔާއަކުން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފިއެވެ.

Ads by STELCO

ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަގެ އެދިލެއްވުމަކާ ގުޅިގެން ރާއްޖޭގައި ލަންކާގެ މުސްލިމުން ވަޅުލުމާ މެދު ވިސްނަމުންދާކަން އިއުލާން ކުރި ފަހުން އެ ގައުމުގެ 18 އިސްލާމީ ޖަމިއްޔާއަކުން އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްއަށް ފޮނުވި ސިޓީއެއްގައި ވަނީ އެފަދައިން އެދިފައެވެ. އެ ސިޓީގައި ވަނީ ރާއްޖެއިން ލަންކާގެ ޖަނާޒާ ކަންތަކުގައި ވިސްނަމުންދާތީ އެކަމަށް ޝުކުރުވެރި ވެސް ވެފައެވެ.

އެ 18 ޖަމިއްޔާގެ ތެރޭގައި ކޮލަމްބޯ ކޮމިއުނިޓީ ޔޫކޭ އާއި ކޮލަމްބޯ މުސްލިމް އެސޯސިއޭޝަން ޔޫކޭ އާއި ސްރީލަންކަން ލައިވްސް މެޓާ ޖަމިއްޔާ ހިމެނެއެވެ.

އެގައުމުގައި ކޮވިޑުގެ ސަބަބުން މަރުވާ މީހުން އަންދަމުން ދަނީ އެމީހާ ވަޅުލުމުގެ ސަބަބުން ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތި ކަމަށާއި، އެގައުމުން މަރުވާ މީހުން އެހެން ގައުމުތަކަށް ފޮނުވާ ވަޅުލުމުގެ ސަބަބުން މަރުވާ މީހުންގެ އާއިލާ ތަކަށް އެމީހުންގެ މަހާނަ ކައިރިއަށް ޒިޔާރަތް ކުރުން ފަދަ ސަގާފީ އަދި ދީނީ ހަރަކާތްތަކަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ލަންކާގައި މުސްލިމުން ދިރިއުޅޭތާ 2000 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު މުސްލިމުންނަކީ އެގައުމުގެ ބިމާ އެއްވެސް ގުޅުމެއް ނެތް، ބޭރު ބަޔެއް ކަމަށް ބުނާ ވާހަކަތަކަށް، ރާއްޖެއިން ނިންމާ ނިންމުމުގެ ސަބަބުން ބާރު ލިބިދާނެ ކަމަށް އެ ޖަމިއްޔާތަކުން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އަދި ލަންކާގެ މުސްލިމުންގެ ހަށިގަނޑުތައް އެގައުމުން ބޭރުކުރަން ފުރުސަތު ދިނުމަކީ، އެ މައްސަލަ ހައްލު ކުރުމަށް އެޅުގެންދާ ހުރަހެއް ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ.

އެގައުމުގައި ހަށިތައް އަންދަމުން ދަނީ ފޮރުވިފައިވާ އެޖެންޑާއެއް އޮތް ސިޔާސީ ރޭވުމެއްގެ ދަށުން ކަމަށާއި، އެ ރޭވުމަށް އެއްބާރުލުން ނުދިނުމަށާއި އެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރުމަށް ވެސް ސިޓީގައި އެދިފައި ވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!