ލަންކާގެ މުސްލިމުން އެދެނީ އެޤައުމުން އެމީހުންނަށް ލިބެންޖެހޭ ޙައްޤުތައް ދިނުމަށް!
އަވަށްޓެރި ޝްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެޤައުމުގައި ވަޅުނުލާ، ރާއްޖޭގައި ވަޅުލަން ގެނައުމާމެދު ދެ ޤައުމުގެ ދެމެދުގައި ވެވެމުންދާ މަޝްވަރާތަކާމެދު ޝްރީލަންކާގެ މުސްލިމު ލީޑަރުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އެގޮތުން ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު އަދި އެ ގައުމުގެ ޕާލަމެންޓް މެމްބަރު ރައޫފް ހަކީމް ވަނީ އެ މައްސަލައިގައި ދިވެހި ސަރުކާރަށް އީމެއިލްއެއް ވެސް ފޮނުއްވާފައިކަން ވަނީ އެނގިފައެވެ.
ޝްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގަށް، ހަކީމް ފޮނުވި އެ މެއިލްގައި ވިދާޅުވެފައި ވަނީ ލަންކާގެ މުސްލިމުން އެދެނީ ލަންކާ ސަރުކާރުން ގެންގުޅޭ ބޭއިންސާފު އުސޫލު ނިމުމަކަށް ގެންނަން ކަމަށާއި އެއީ އެއްގޮތަކަށް ވެސްް ސައިންޓިފިކް ހެކިތަކަކަށް ބިނާކޮށްގެން ކަނޑައަޅާފައިވާ އުސޫލެއް ނޫން ކަމަށެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ލަންކާ ގައި އަންދާލަން ނިންމާފައިވަނީ، އެޤައުމުގެ ބުދިސްޓު މޮންކުން ތަކެއް ޤަބޫލު ކޮށްގެން ފަތުރާފައިވާ ފުލޯކު ވާހަކަތަކަކާ ގުޅިގެންނެވެ. އެމީހުން ބުނެފައިވަނީ ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލައިފިނަމަ ބިން ގަނޑަށް އެބަލި ފެތުރިގެން ގޮސް ގަސްގަހާއި ގެއްސަށާއި ފެނަށް ވެސް ބަލީގެ އަސަރުކޮށް، ގިނަ މީހުްނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވެގެން ދާނެ ކަމަށެވެ.
ސަފީރަށް ފޮނުވި މެއިލް ގައި ހަކީމް އިތުރަށް ވިދާޅުވެފައިވަނީ އެފަދައިން މުސްލިމުން ވެސް އަންދާލުމަކީ ޤާނޫނު އަސާސީން މުސްލިމުންނަށް ވެސް ލިބިދީފައިވާ ޙައްޤެއް ނިގުޅައިގަތުން ކަމަށެވެ.
ހަކީމް ވިދާޅުވީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި ޕާލަމެންޓް މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ އެހެން މެމްބަރުންނާ ވެސް އޭނާއާ ގާތް ގުޅުމެއް އެބަ އޮތް ކަމަށެވެ.
ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލައިދޭން ވިސްނަވާތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި ނަމަވެސް ލަންކާ މުސްލިމުން އެދެނީ އެ ގައުމުގެ ސަރުކާރުގެ ބޭއިންސާފު ނިންމުމަކަށް ގެނެސް މިހާރު ނިންމާފައިވާ ނިންމުން ބަދަލުކުރުން ކަމަށް ވެސް ހަކީމް ވަނީ ވިދާޅުވެފައެވެ.