މޫނުގައި ފޮއިލް އޮޅުމަކީ ވަރަށް ސަޅި ކަމެއް ،ސަބަބަކީ؟

އެލްމިނިއަމް ފޮއިލަކީ މޫނުގައި އަޅަން ސަޅި އެއްޗެކޭ ބުނުމުން ހައިރާން ވެއްޖެ ދޯއެވެ؟ ފޮއިލަކީ ކާއެއްޗެހި މަތީގައި އެޅުމަށް ނުވަތަ މަސް ފިހާ އިރު މަހުގައި އޮޅާލަން ބޭނުން ކުރާ އެއްޗެއް ވިއްޔާއެވެ. އެހެން ނަމަވެސް ފޮއިލަކީ މޫނުގައި ވެސް އެޅުމަށް “ސަޅި” އެއްޗެކެވެ. ސަބަބު ވެސް މިއޮތީއެވެ.
ހެނދުނު ނިދާ ހޭލާ ވަގުތު ކަންނެތް ކަން އިހުސާސް ވޭ ހެއްޔެވެ؟ ފޮއިލުން އެކަމުން ސަލާމަތް ވެވިދާނެއެވެ. ފޮއިލް ފުރިޖަށް ލުމަށް ފަހު ފިނި ކޮށްލާށެވެ. އަދި އެއަށް ފަހު ފިނިވެފައިވާ ފޮއިލުން މޫނަށް ހެޔޮވަރު ވަރަކަށް ފޮއިލް ކޮޅެއް ކަނޑާލާށެވެ. އަދި އެއަށް ފަހު މޫނުގައި ތަތް ކޮށްލާށެވެ.
ފިނިކަން އިހުސާސް ވެގެން ދާނެއެވެ. ހެނދުނުގެ ކަންނެތްކަން ފިލާ ދިއުމުގެ އިތުރުން ލޯކައިރި ކަޅުވެފައި ވާނަމަ އެކަން ވެސް ހުއްޓުވާލައެވެ. އަދި މުޅި މީހާ އުޖާލާ ކޮށްދެއެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. މޫނުގައި ނަގާ ބިހިތައް މަދުކޮށް ހަންގަނޑު ތެޔޮ ވުމުން ވެސް ސަލާމަތް ކޮށްދިނުމުގައި ފޮއިލް އެހީތެރިވެދޭނެއެވެ.
ދުވަހުގެ ހަވީރުކޮޅު ވަރުބަލިކަން ފިލުވާލުމަށް ނިދާލަން ބޭނުންވެފައިވާ އެތައް މީހުންނެއް ކަންނެތް ވުމުގެ ސަބަބުން ނުނިދާ ހުންނާކަށް ދެން ނުޖެހޭނެއެވެ. ނިދާ ހޭލުމަށް ފަހު މި ދެންނެވި ގޮތަށް ކަންތައް ކުރުމުގެ ސަބަބުން އެކަމުން ވެސް ސަލާމަތް ވެގެން ދާނެއެވެ. މި ސަބަބުތަކަށް ޓަކައި މޫނުގައި ފޮއިލް އެޅުމަކީ ވަރަށް ތަފާތު އަދި އެހާމެ “ސަޅި” ކަމެކެވެ.