ކޮވިޑް-19: މިއަދު ފައްސިވީ އެންމެ 8 މީހުން، ބަލިން ފަސޭހަވީ 34 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 8 މީހުން ފައްސިވެ 34 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 4 މީހުންނާއި އަތޮޅުތެރެއިން އެކަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 3 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،501 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 12،929 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 47 މީހުންނެވެ.
ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކަށް ލުއިދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައެވެ.