ޚަބަރު

އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒު ވެއްޖެނަމަ ނަޝީދު 1000 އަހަރަށް ޖަލަށް ލާނެ: ޖަމީލު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒު ކުރެއްވިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅުން މިރޭ “ވިސްނާ” ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުން އިންތިގާލީ އިންސާފުގެ ބިލް އަމާޒު ކުރީ ވަކި ބަޔަކަށް ކަމަށެވެ.

ނަމަވެސް ޕީޕީއެމް އިން ވެރިކަމަށް ވަޑައިގަނެ މި ބިލު އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ، ޖަމީލު ވިދާޅުވީ މި ގާނޫނުގެ ދަށުން ނޮވެންބަރު 3، 1988 ގައި ޝަހީދުވި ބަތަލުންގެ އާއިލާތަކަށް އިންސާފު ހޯދައި ދޭނެ ކަމަށެވެ.

މީގެ އިތުރުން ވެެސް މި ގާނޫނު ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ

“ކުރިން އަޅުގަނޑު ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު މިރޭ ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ،" ޖަމީލު ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރައްވައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސް ވަނީ އުފައްދަވާފައެވެ.

މި ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި ގާނޫނެކެވެ.

Ads by Ooredoo
  1. 1000އަހަރު ވާއިރު ސަންދޯއްވެސް އޮންނާނީ ޖަލުގަ