ޢިބްރަތްތެރިވާހަކަ : ނަމާދު ފަސްކުރަމުންދިޔަ މީހަކަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ވާހަކަ
ނަމާދަކީ ދީނުގެ ތަބެވެ. ނަމާދު ޤާއިމްކޮށްފި މީހާ ދީން ޤާއިމް ކޮށްފިއެވެ. ފަހެ އަހަރެމެންގެ ޢަމަލު ތަކުގެ ހިސާބު ދައްކަން ޖެހޭ ދުވަހު ފުރަތަމަ ، ހިސާބު ބެލޭ ހުށީ ނަމާދާ މެދުގައެވެ. ވީމާ ނަމާދަށް ރައްކާތެރިވެ އޭގެ ވަގުތުގައި ނަމާދު ޤާއިމް ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. ނަމާދަށް ރައްކާތެރިވާން ޖެހެއެވެ.
މި ވާހަކައަކީ ނަމާދު ފަސްކުރަމުން ދިޔަ މީހެއްގެ ވާހަކައެކެވެ. އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ފެނުނު ބިރުވެރި ހުވަފެންގެ ސަބަބުންނެވެ.
"އޭނާއަށް އޭނާގެ މާމަ ދިން ނަސޭޙަތެއްގެ މަތިން ހަނދާންވިއެވެ. 'ދަރިފުޅާއެވެ. ފަހުން ކުރަންކަމަށް ހިތާ ނަމާދު ނުކޮށް ނުހުންނާށެވެ. އަބަދުވެސް ނަމާދު ކުރަންވާނީ ވަގުތު އޮއްވާ، ގަޑިން ގަޑިއަށެވެ.''
އޭނާގެ މާމަގެ އުމުރުން 70 އަހަރެވެ. އެހެން ނަމަވެސް ބަންގީގެ އަޑު ހަމަ އިވުމާއެކު، އޭނާގެ މާމަ ވަގުތުން ނަމާދު ކުރުމަށް ތައްޔާރުވެ އަވަސްވެ ގަނެއެވެ. އޭނާ އޭގެ އިދިކޮޅެވެ. ނަމާދު ވެފައި ވަނީ އަބަދުވެސް އޭނާއަށް އެންމެ ފަހުން ކުރެވޭ ކަމަކަށެވެ. ގިނަ ފަހަރަށް އޭނާއަށް އެނަމާދެއް ގާއިމް ކުރެވެނީ ދެން އޮތް ނަމާދަށް ބަންގި ގޮވަން ކުޑަތަން ވެފައި ހުއްޓައެވެ.
މާމަ މަތިން ހަނދާންވުމަށްފަހު ކުއްލިއަކަށް އޭނާ ތެދުވިއެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަން ބާކީ އޮތީ އެންމެ 15 މިނެޓެވެ. އެހެންކަމުން އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް، މިސްކިތަށް ދިޔައެވެ. އަދި ވަރަށް އަވަހަށް މަޣްރިބު ނަމާދު ކުރުމަށް ފަށާ، ސަޖިދައަށް ތިރިވުމަށްފަހު އެގޮތުގައި އިރުގަނޑެއްވާން ދެން އޭނާ އޮތެވެ.
މުޅި ދުވަހު ސްކޫލްގައި އުޅުމުން ވީ ވަރުބައްޔާއެކު އެހެން އޮއްވާ ގަދަ އަޑެއް އިވުނެވެ. މީހުންތައް ހަޅޭލަވާ އަޑުވެސް އިވުމުން އޭނާވެސް ތެދުވެ ވެގެން އުޅޭގޮތެއް ބަލާލިއެވެ. އޭނާއަށް ފެނުނީ ބޮޑުވެގެންވާ ޖަމާއަތެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މީހުންނެވެ. އެއްބަޔަކު ގަބުވެފައި ތިބިއިރު އަނެއް ބަޔަކު ތިބީ އެމީހުންގެ ބޮލުގައި އަތް އަޅައިގެން، ކުޑަކަކޫ ޖަހައިގެން އިށީންދެ ދެން ވާން އުޅޭ ގޮތެއްގެ އިންތިޒާރުގައެވެ. އޭނާގެ ވަށައިގެން ވެރިވެފައިވަނީ ހާސްކަމެވެ. ޚުދު އޭނާ ވެސް ހާސްވެ ބިރުން ދާ ހިއްލަން ފެށިއެވެ. އެންމެންނާއި އޭނާ ހާޒިރުކުރެވިފައި ތިބީ ހިސާބު ބައްލަވަންކަން އެވަގުތު އެކުއްޖާއަށް ވިސްނުނެވެ.
އޭނާ ދެކޮޅަށް ދެކޮޅަށް ދުވަން ފެށިއެވެ. އޭނާގެ ނަން ގޮވައިފިތޯ ފަހަރަކު މީހެއް ގާތު އަހަން ފެށިއެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ހުރީ އެމީހެއްގެ އަމިއްލަ ހާސްކަންމަތީގައި ކަމަށްވުމުން، އެކަކު ވެސް އޭނާއަކަށް ޖަވާބެއް ނުދިނެވެ.
އެހެން ހުއްޓާ އޭނާއަށް އިވުނީ އޭނާގެ ނަން ގޮވި އަޑެވެ. ވަގުތުން އޭނާ އެޖަމާއަތުގެ އެންމެ ކުރިއަށްދާން މަގެއް ހަދައި، އެންމެންގަނޑު ދެފަރާތަށް ޖެހުނެވެ. ދެ މަލާއިކަތް ބޭކަލުން އޭނާގެ ދެއަތުގައި ހިފާ ކުރިއަށް ގެނެސް ބެހެއްޓުމަށްފަހު އެތަނުން ވަޑައިގެންނެވިއެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެވަގުތު އޭނާ މިދުނިޔޭގައި އުޅުނު ހުރިހާ ގޮތެއް، ފިލްމެއް ފަދައިން އޭނާގެ ކުރިމަތީގައި ދެއްކެވެމުން ދިޔައެވެ.
އޭނާ ދެ ލޯ މެރުމަށްފަހު ހުޅުވާލިއެވެ. ނަމަވެސް އެވަގުތު އޭނާއަށް ފެންނަމުން ދިޔައީ އޭނާގެ އަމަލުތައް ނޫން މުޅިން އެހެން މަންޒަރު ތަކެކެވެ. އޭނާއަށް ފެނުނީ މީހުން އެކަކު އަނެކަކަށް އެހީތެރިވާ މަންޒަރެވެ. އޭނާއަށް އޭނާގެ ބައްޕަ ވެސް ފެނުނެވެ. އެއް ދަރުހުން އަނެއް ދަރުހަކަށް ގޮސް، މާތް ﷲ އެންގެވިމަގުން ބައްޕަގެ މުދާ ހޭދަ ކުރަމުންދިޔަ މަންޒަރާއި އޭނާގެ މަންމަ އެގެއަށްދިޔަ މީސްތަކުންނަށް ފުރިހަމައަށް މެހެމާންދާރީ އަދާ ކުރަމުންދިޔަ މަންޒަރު ވެސް އޭނާއަށް ފެނުނެވެ.
އޭނާ ބުންޏެވެ. 'އަހަރެންވެސް މިއުޅުނީ ހަމަ އެފަދައިންނެވެ. އަހަރެން ވެސް މީހުންނަށް އެހީތެރިވެދިނީމެވެ. މާތް ﷲ އެންގެވި ގޮތްތައް މީސްތަކުންނަށް ކިޔައިވެސް ދިނީމެވެ. ބަރަކާތްތެރި ރަމަޟާންމަހު ހުރިހާ ރޯދައެއް ވެސް ހިފީމެވެ. ނަމާދު ގާއިމް ކުރީމެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް މާތް ﷲ އެންގެވި ހުރިހާ ގޮތްތަކަަކަށް އަހަރެންވެސް ތަބާވީމެވެ.'' މިހެން ބުނުމަށްފަހު އޭނާއަށް ރޮވުނެވެ. މާތް ﷲ ދެކެ އޭނާވާ ލޯބި ހަނދުމަވިއެވެ. އަދި އޭނާ ސަލާމަތް ކުރެވޭނީ ވެސް މާތް ﷲ އަށް އެކަނިކަން އެނގި، އޭނާއަށް މިބިން މަތީގައި އެންމެ ފުރިހަމައަށް އުޅެވިފައިނުވާކަން ވެސް އެނގުނެވެ.
ބިރުން ގޮސް އޭނާ ދާހިއްލާ، ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތިލަފަތަށެވެ. އޭނާއާމެދު ހިސާބު ބައްލަވާ ނިމި، ނަތީޖާ އިއުލާނު ކުރާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދިޔައެވެ.
ދެ މަލާއިކަތް ބޭކަލެއްގެ އަތްޕުޅުގައި ފަތްކޮޅެއް އޮތެވެ. އޭނާ އިތުރަށް ބިރުގަންނަން ފެށިއެވެ. ތައްޔާރުވަމުން ދިޔައީ ނަރަކަވަންތަވެރީންގެ ނަންތައް އިއުލާނު ކުރެއްވުމަށެވެ.
ނަރަކަވަންތަވެރީންގެ ލިސްޓުން، އެންމެ ފުރަތަމަ ވެސް އިއުލާނު ކުރެވިގެން ދިޔައީ އޭނާގެ ނަމެވެ. އޭނާ ހާސްވިއެވެ. އޭނާއަށް ޤަބޫލުކުރަން ވެސް ދަތިވެ، ބިރުން އާދޭސް ކުރެވެން ފެށިއެވެ. 'މިއަޅާ ނަކަރަވަންތަވެރިއަކަށް ވާންވީ ކީއްވެތޯއެވެ. މުޅި އުމުރު މިއަޅާ ހޭދަ ކުރީ ނަމާދުކުރުމާ، އަޅުކަން ކުރުމުގައާއި މީހުންނަށް އެހީތެރިވުމުގައެވެ.''
އެވަގުތު ދެ މަލާއިކަތް ބޭކަލަކު އޭނާގެ އަތުގައި ހިފާ ދަމާފައި ގެންދަން ފެށިއެވެ. ނަރަކައިގެ އަލިފާންގަނޑާއި ދިމާލަށެވެ. އޭނާ ރޮއެ އާދޭސް ކުރަމުންދިޔައެވެ.
އޭނާ ކޮށްފައިވާ ހުރިހާ ރަނގަޅު ކަންތައްތަކެއް ކިޔައިދެމުން ދިޔައެވެ. އޭނާއަކީ އަބަދުވެސް ނަމާދު ގާއިމު ކުރި މީހެއްކަމަށް ވެސް ބުނެ އާދޭސް ކުރަމުން ދިޔައެވެ. ކީރިތި ޤުރްއާން ވެސް ކިޔެވިކަމަށް ބުންޏެވެ. އޭގެން އެއްވެސް ހެޔޮ ޢަމަލެއްގެ ސަބަބުން ވެސް އޭނާ ނަރަކައިން ސަލާމަތް ނުވާނެތޯ ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް ނަރަކައިގެ އަލިފާންގަނޑާ ދިމާލަށް މަލާއިކަތް ބޭކަލުން ދިޔައީ އޭނާ ދަމަމުންނެވެ.
ނަރަކައަށް ވައްޓާލުމަށް ކައިރިވިއެވެ. ނަރަކައިގެ އަލިފާންގަނޑުގެ ހޫނުކަމުން އޭނާގެ މޫނު ފިހެމުން ދިޔައެވެ. ސަލާމަތްވުމުގެ އެއްވެސް އުއްމީދެއް އޮތްތޯ އޭނާ ފަސް އެނބުރި ބަލާލިއެވެ. ނަމަވެސް އެފަދަ އެއްވެސް އުއްމީދެއް އޭނާއަކަށް ނުފެނުނެވެ.
އެވަގުތު އެއް މަލާއިކަތް ބޭކަލަކު އޭނާ ނަރަކައިގެ އަލިފާންގަނޑަށް ކޮއްޕާލިއެވެ. އަނދަ އަނދާހުރި އަލިފާންގަނޑު ތެރެއަށް އޭނާ ވެއްޓެމުން ދިޔައެވެ.
އަލިފާންގަނޑުގެ ހައެއްކަ ފޫޓުގެ ތެރެއަށް ވެއްޓުނު ފަހުން، މީހަކު އޭނާގެ އަތުގައިހިފާ ދަމާފާ ނެގިއެވެ. އެއަލިފާންގަނޑު ތެރެއިން އޭނާ ސަލާމަތް ކޮށްދިނީ ކާކުތޯ ބަލާލުމުން އޭނާއަށް ފެނުނީ ދިގު ހުދު ތުނބުޅިއެއްލާފަ ހުރި އުމުރުން ދުވަސްވީ މީހެކެވެ.
އޭނާ އެއްސެވެ. 'ތިއީ ކާކު ހެއްޔެވެ؟'
އެމީހާ ޖަވާބު ދިނެވެ. 'އަހަންނަކީ ތިބާ ގާއިމްކުރި ނަމާދެވެ.'
'ކީއްވެ ތިހާ ލަހުން ތިއައީ؟' އަނެއްކާވެސް އޭނާ ސުވާލެއް ކުރިއެވެ.
'އެއީ ދުނިޔޭގައި އުޅުނުއިރު، ތިބާވެސް ކޮންމެ ފަހަރަކު ވެސް ނަމާދު ގާއިމު ކުރަނީ އެހާ ލަހުން ނޫންހެއްޔެވެ؟ ތިބާ އެކަން ހަނދާން ނެތުނީ ހެއްޔެވެ؟ އެހެންކަމުން އަހަރެން ވެސް ތިބާ ސަލާމަތް ކުރަން އައުން ފަސްކޮށްލީއެވެ.'
އެވަގުތު އޭނާއަށް ސަޖިދައިގައި އޮވެ، ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އޭނާއަށް އެނގުނު ނަމަވެސް އެއިރުވެސް އޭނާ ހުރީ ބިރުންގޮސް ދާހިއްލާފައެވެ. އެވަގުތު ޢިޝާ ނަމާދަށް ބަންގި ގޮވިއެވެ. ފެނުނު ހުވަފެނުން އިބުރަތެއް ހާސިލް ކޮށްގެން، އޭގެފަހުން ދެން ވަގުތު ފާއިތު ނުވަނީސް އަބަދުވެސް ގަޑީގައި ގަވާއިދުން ނަމާދު ކުރަން ނިޔަތްގަނެ، އޭނާ އަލުން ވުޟޫ ކުރަން ދިޔައެވެ."