ދީން

ޤަބުރުގެ ހޫނުކަން ފިލުވައިދޭ ހެޔޮ ޢަމަލެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންސާނުންގެ އެކި މީހުންގެ ޙާޖަތްތަކާއި ޙާލަތުތައް ތަފާތެވެ. ނަމަވެސް ފަޤީރެއް ، މަހުޖަނެއް އަދި ނިކަމެއްޗެއް ، އަމީރެއްގެ ފަރަޤެއް ނެތި ﷲ ތަޢާލާގެ ހަޟްރަތުގައި ބައްލަވާ ވޮޑިގެންވާ ކަމަކީ އެމީހެއްގެ ތަޤުވާ ވެރިކަމެވެ. ފައިދާއެއް އޮތީ މި ދުނިޔެއިން އެމީހަކު ހޯދި ހެޔޮ ޢަމަލަކުންނެވެ.

Ads by Sosun Fihaara

ފަޤީރުވުމާއި މުއްސަނދިވުމަކީ ތިމާގެ ހުރި މޮޅުކަމަކުން ނުވަތަ ދެރަކަމަކުން ވާ ކަމެއް ނޫނެވެ. އެއީ ﷲ ތިމާއަށް މިންވަރު ކުރައްވާ ޙާލަތެވެ. ވީމާ ، ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންނަށް ލިބިފައި އެވާ ތަނަވަސްކަމަކީ ﷲ އަށް ކުއްތަންވާ ޒަރީޢާއެއް ކަމަށް ހަދަން ޖެހެއެވެ. އެމީހުންގެ ތަނަވަސްކަމުގައި ނިކަމެތިންގެ ޙައްޤެއް ވާކަން ދަނެ ، ޒަކާތް ނެރެން ޖެހެއެވެ. ފަހެ ބުއްދިވެރި މާލުވެރިއަކީ ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިއަކީ އެ ތަނަވަސްކަމުން ، ހިސާބު ބައްލަވާ ދުވަހު ތަސައްލީ ހޯދާ މީހާއެވެ. އެހެނީ އެއީ އެފަދަ އަހުލުވެރިންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ޞަދަޤާތަކީ ޤަބުރުގެ ހޫނުކަން ފޮހެލައިދޭ އެއްޗެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ''ހަމަކަށަވަރުން ޞަދަޤާތަކީ އޭގެ އަހުލުވެރިންގެ ކިބައިން ޤަބުރުގެ ހޫނުކަން ފިލުވައިދޭ އެއްޗެކެވެ. ހަމަކަށަވަރުން ޤިޔާމަތް ދުވަހު މުއުމިނާ ހިޔާވަހިކަން ލިބިގަންނަނީ އޭނާގެ ޞަދަޤާތުގެ ހިޔަލުންނެވެ.'' (ރަވާޙުއް ތަބަރާނީ ވަލްބައިޙަޤީ)

ޙަޔާތާއި މަރުވުން ލެއްވީ އަހަރެމެންގެ އިމްތިހާނަކަށެވެ. އަހަރެމެންގެ ތެރެއިން ހެޔޮ ލަފާ ޞާލިޙް އަޅުތަކުންނަކީ ކޮބައިތޯ ބެއްލެވުމަށް ޓަކައެވެ. ވުމާއެކު ގިންތީގެ ތަފާތެއް ނެތި ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުމުން މެނުވީ ލިބޭނެ މޮޅެއް ނެތެވެ ތަނަވަސްކަމުގެ އަހުލުވެރީންނަށް ﷲ ދެއްވައިފައި އެ ވަނީ ކިހައި ބޮޑު ފުރުސަތެއްތޯއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!