މިދަނޑިވަޅުގައި މުސްލިމު އަހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ހުތުބާގައި ގޮވާލައިފި
ކޮވިޑް-19އާ ގުޅިގެން ހާލުގައި އުޅޭ މުސްލިމު އަހުންގެ ބޭނުންތައް ދެނެގަނެ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ޘަވާބާއި ދަރުމަ ހުރި ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ އެއް މުސްލިކަމު އަނެއް މުސްލިކަމަށް އަދާކުރަން ޖެހޭ ހައްގުތަކުގެ މައްޗަށެވެ.
އެގޮތުން މުސްލިމަކު އަނެއް މުސްލިކަމަށް އަދާ ކުރަން ޖެހޭ ހައްގުތަކުގެ ތެރޭގައި މުސްލިކަމާ ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމާއި ދައުވަތެއް ދީފި ނަމަ އެ ދައުވަތަކަށް އިޖާބަ ދިނުމާއި ކިނބިއްސެއް އެޅޭ ހިނދި މާތްﷲ އަށް ހަމްދު ކޮށްފިނަމަ އެ މީހަކަށްޓަކައި ހެޔޮ ދުއާ ކުރުމާއި ބަލި ވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރުމުގެ އިތުރުން އޭނާ މި ދުނިޔެ ދޫކޮށްފި ނަމަ ޖަނާޒާގައި ބައިވެރިވުމެވެ.
"އެ ހައްގުތަކަކީ ކޮންމެ މުސްލިކަމުގެ ވެސް ތިބާގެ އަހާއަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކެވެ. މުސްލިމުންގެ މެދުގައި ސަލާމް ބަދަލުކުރަނީ ލޯބި އިތުރުވާ ކަމެވެ. ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެވެ." ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުޖްތަމައުގައި ގުޅުން ހަރުދަނާ ވެގެންދާ ކަންތައްތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއ، ހިތާމަތަކާއި، އުފަލުގައި ބައިވެރިވުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ ހާލު އެނގި އެ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާވެގެން ދާނެއެ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނެފައި ވަނީ ދައުވަތުދޭ މީހާއަކީ ކޮންމެ ފެންވަރެއްގެ މީހަކު ކަމުގައިވީ ނަމަވެސް އިޖާބަ ދިނުމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަމަށެވެ. އެ ދައުވަތު ދެވުނީ ކިތަންމެ އާދައިގެ ކާއެތިކޮޅަކަށް ކަމުގައިވިޔަސް މެއެވެ.
"މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވަނީ މީހާގެ މަގާމަށް ބެލުމެއް ނެތި އޭނާ ދޭ ދައުވަތަށް އިޖާބަ ދިނުމަށެވެ. އަދި ހާއްސަކޮށް އެ ދައުވަތަކީ ކައިވެނީގެ ވަލީމާއެއް ނަމަ އިޖާބައަށް އިސްކަން ދެއްވައެވެ. އެއީ އެ މަޖިލީހުގައި އެކުލެވިފައިވާ އެއްބަނޑު އެއްބަފާކަމާއި އަހުވަންތަކަމާއި ދެމެހެއްޓުމަށް ޓަކައެވެ." ހުތުބާގައި ބުނެފައިވެއެވެ.
އެއް މުސްލިމަކު އަނެއް މުސްލިކަމަށް އަދާ ކުރަން ޖެހޭ ހައްގުތަކުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތް ކުރުން ހިމެނޭ އިރު އެއީ ސުންނަތެކެވެ. އަދި ޒިޔާރަތް ކުރާ މީހާ އަށް ޘަވާބު ލިބި ބަލިމީހާގެ މައުނަވީ ރޫހު އާލާވާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައި ވަނީ މުސްލިމުންގެ ހައްގުތައް އަދާކުރުމުގައި މިއަދުގެ ހާލަތަށް ރިއާޔަތް ކުރުން މުހިންމު ކަމަށެވެ. އެގޮތުން އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމުގެ ބަދަލުގައި އަނގަބަހުން ކުރާ ސަލާމުން ފުއްދާން ޖެހޭ ކަމަށާއި ޖަނާޒާގައި ބައިވެރިވުމާއި ބަލި މީހުންނާއި ގާތް ތިމާގެ މީހުންނަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ފޯނާއި މީސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެފަދަ ކަންކަން ކުރިން މި ދުވަސްވަރު މުހިންމު ކަމަށް ހުތުބާގައޮ ބުނެފައިވެއެވެ.