ބައެއް ކަންކަމަކީ ނުބުނި ކަމުގައި ވީނަމަވެސް ތިބާގެ މޫނުމަތީން ފެންނަން ހުންނަ ކަންކަމެވެ.
ރައްޓެހިންނާއި އާއިލާއާއެކު ވަގުތު ހޭދަކުރަމުން ދާއިރު ހިތްހަމަޖެހުން ލިބިގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއާއެކު ތިމާގެ ދޫ ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބުނެވޭ ބަހަކުން އަނެކާ ރައްދުގައި އެއްވެސް ބަހެއް ނުބުނިކަމުގައި ވީނަމަވެސް އެބަހަކީ އަނެކާގެ ހިތަށް ކިހާވަރެއްގެ ޒަޚަމެއް ދިން ބަހެއްކަމެއް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟
އެއްބައި މީހުންނަކީ އެފަދަ ކަންކަމާ ކުރިމަތިލާން ދަސްކޮށްފައި ތިބޭ މީހުންނެވެ. އެހެނީ މާޒީގައި އެފަދަ ހިތި ތަޖުރިބާއެއް ކޮށްފައި ތިބޭ މީހުންނެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ؟ އެމީހުންނަށް ވެސް އެމީހުންނަށް ނިސްބަތްކޮށް ބުނެވޭ ބަހަކުން ހިތުގައި ޖެހޭނެއެވެ. އެކަމާ ދެރަ ވިޔަސް އެކަން ދައްކަން ބޭނުން ނުވާނެއެވެ.
އެފަދަ މީހުންގެ ފަރާތުން ބަދަލުތަކެއް ފެންނަން ފަށާނެއެވެ. ތިބާ އާ ދުރުވަމުން އަންނަ ކަން ޚުދު ތިބާއަށް ވެސް ފާހަގަވާނެއެވެ. ތޫނު ހަންޖަރަކަށް ވުރެ ތޫނު އެއްޗަކީ ވެސް ހަމަ ތިމާގެ ދުލެވެ. އެހެނީ ތޫނު އެއްޗަކުން ލިބޭ ޒަޚަމު ފަސޭހަވެގެން ދިޔަނަމަވެސް، ތިމާގެ ދުލުން ނުކުތް ކޮންމެ ހިތި ލަފުޒަކީ އެކަމުގެ ސަބަބުން ހިތުގައި އުފެދޭ ޒަޚަމުތައް ފިލައިގެން ނުގޮސް އެތައް ދުވަހަކަށް އެކަމުގެ ވޭން ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ.
ތިމާ އަނެކާއާ މެދުގައި ވެސް ކަންތައް ކުރަންވާނީ، އަނެކާ ތިމާއާމެދު ކަންތައް ކުރުމަށް ތިބާ އެދޭ ފަދަ ގޮތަކަށެވެ. މުސްކުޅިން ބުނެ އުޅޭތީ އަޑު އެހީމެވެ. މިނެދޭ ނާޅިޔަކުން މިނެދޭށެވެ. އަނެކާ ތިމާއާ މެދު ކަންތައް ކުރި ބީދައިން ތިމާ ވެސް އަނެކާއާ މެދު ކަންތައް ކުރާށެވެ. އެހެންނަމަވެސް އަނިޔާވެރި ނުވާށެވެ.
ތިމާގެ ދުލަކީ ތިމާގެ އަމިއްލަ “ކޮންޓްރޯލް” އޮންނަ އެއްޗެކެވެ. އެހެންކަމުން އެދުލުން ނެރޭ ކޮންމެ ލަފުޒަކީ ވެސް އަނެކާއަށް ނިސްބަތްކޮށް ބުނާ ހުތުރު ލަފުޒަކަށް ނުހަދާށެވެ. އެހެނީ ތިމާގެ ދުލުން ދެވޭ ޒަޚަމުތަކުގެ ތަދު ދާއިމަށް ހުންނާނެއެވެ.