ވާހަކަ

ކުރުވާހަކަ: ޤުރުބާނީގެ އަގު

ދެން އެމްވީ ، ދެން އޮންލައިން

ލެބޯޓަރީގައި ވެކްސިން ޓެސްޓްކުރަން ޖަހާ މީހުންނަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެ އިން އިރު ހިތުގެ ވިންދު ބާރު ސްޕީޑުގައި ޖަހަމުން ދިޔައެވެ. އަމިއްލަ ނަފްސަށް ވެސް އިހުސާސްވާ މިންވަރަށެވެ. އަތާއި ފައި ފިނިވެގެންގޮސް ގަނޑުވެދާން ކައިރިވެފައިވާ ހާލު މޫނުމަތިން ހިއްލަމުންދިޔަ އޮއްދަލުގެ ތިކިތައް ކަރުދޮށާއި އެކު ތެންމަމުން ދިޔައެވެ. ނޫސްތަކުގެ ފަލަ ސުރުޚީތައް އެދުވަހު ޖާގަ ހޯދަމުން ދިޔައީވެސް އެޚަބަރުންނެވެ. ކާމިޔާބު ވާނެކަމުގެ އުންމީދީ އާ ވެކްސިނެއް ޓެސްޓް ކުރުމަށް ސީދާ އިންސާނަކަށް ޖަހާ ދުވަހުގެ ގޮތުގައެވެ.

Ads by Sosun Fihaara

އެހެނަސް އެއީ ކާމިޔާބު ވެކްސިނެއްކަމަށް ގަބޫލުކޮށް ހިތްހަމަޖެއްސުމަށް ކުރަމުންދިޔަ މަސައްކަތްތައް އިރު އިރު ކޮޅާ ފަނުފުލުން ލައިގެން ދާތަން އާދެއެވެ. ކާމިޔާބުގެ ބަދަލުގައި ނާކާމިޔާބުވެއްޖެނަމަ އޭގެން ލިބޭނެ ގެއްލުމާއި ވޭން ތަޞައްވަރު ކުރަންވެސް ނޭނގެއެވެ. ރިއްސާނީކަމެއް، ތަދުވާނީކަމެއް، ދުޅަވާނީކަމެއް، ނޫނީ ވާނީ ކީއްކަމެއް ވެސް ނޭނގެއެވެ. ވީއިރު ނުވިސްނަން އިނަސް ވިސްނޭނެތާއެވެ.

އޭރުވެސް އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި ތައްޔާރުކޮށްފައިވާ އެނދަށެވެ.އެންމެ ފުރިހަމަ ފަރުވާ ދެވޭނެ ވަޞީލަތްތައް އެނދުގެ ވަށައިގެން އަތުރާލާފައިވާއިރު، އެ މަންޒަރަކީ ހިތަށް ބިރުވެރިކަން އިތުރުކުރުވާ މަންޒަރެކެވެ. ތެދެކެވެ. އެއީ ޓެސްޓް ވެކްސިން އަހަރެންގެ ހަށިގަނޑަށް ޖެހުމަށްފަހު ދެން ގޮސްދާނެ މަރުހަލާއަކަށްޓަކައި ހާއްސަކޮށްފައިވާ އެނދެވެ. އެ އެނދަކީ މީގެ ކުރިންވެސް އެކި އެކި ބޭސްތަކާއި ވެކްސިން ޓެސްޓްތަކަށް ބޭނުންކުރަމުންދާ އެނދެކެވެ. އަދި އަހަރެންގެ ދެ އަތުން ސާފުކޮށް ތަންމަތި އަޅާ އެތައް ފަހަރެއްގެ މަތިން ރީތިކޮށްފައިވާ އެނދެކެވެ. އެހެނަސް މީގެ ކުރިން އަހަރެން އެ އެނދު ދެކެ ބިރެއް ނުގަނެއެވެ. ފެނުނަސް ނުތަނަވަހެއް ނުވެއެވެ. ތަނުގައިވާ ތަކެއްޗަކީ އަލަށް ދުށް ތަކެއްޗެއްވެސް ނޫނެވެ. ފެނި، އަތްލާ ސާފުކޮށްފައިވާ އަހަރެންނަށް ބާތަކެއްޗެވެ. އެހެނަސް މިއަދު ކޮޓަރިއާއި ކޮޓަރީގައިވާ ތަކެތި އަހަރެންނަށް ފެންނަމުންދަނީ ބީރައްޓެހި ގޮތަކަށެވެ. ބިރުވެރި ތަކެތީގެ ގޮތުގައެވެ. އެތަކެއްޗަށް އޭގެ ޒާތުގައި އެއްވެސް ކަމެއް ނުކުރެވޭނެކަން އެނގޭ ހާލުވެސްމެއެވެ.

އަތުގައިވާ ގަޑިއަށް އިރު އިރުކޮޅާބަލާލެވެއެވެ. 10 ޖަހާއިރު ޓީމް އަންނާނެކަން އޮތީ އަންގާފައެވެ. ގަޑި ކައިރި ވީވީހެން އަހަރެންގެ ނުތަނަވަސްކަމާއި އުދާސްކަން ދިޔައީ ބޮޑުވަމުންނެވެ. "ނޫނެކޭ! އެމީހަކީ އަހަރެންނެއް ނޫނޭ!" އަޑުގެ ކޮޅަށް ގޮވާލަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެހެނަސް މާޒީގެ ކުލަ ފަނޑު ޞަފްހާއެއް އެއިން ކޮންމެ ފަހަރަކުވެސް އަހަރެންގެ މަގަށް ހުރަސް އެޅިއެވެ.

***

ކުނިކަހާ ފިހިގަނޑުގައި ހިފަހައްޓާފައިވާ ދެއަތް ހުއްޓުމެއްނެތި ބާރު ސްޕީޑްގައި ހަރަކާތްކުރަމުން ދިޔަޔަސް އަހަރެންގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހުއްޓެމުން ދިޔަ ފަންކާއިން ނިކުތް އަޑުތައްވެސް މަޑުވަމުން މަޑުވަމުން ގޮސް ކެނޑެމުން ދިޔައެވެ. ދުރު ދުރުގައި ބަހައްޓާފައިހުރި އެނދުތަކުގައި ތިބި ބަލިމީހުންގެ އަނގައިން ނިކުންނަމުން ދިޔަ ވޭނީ އާހެއްގެ އަޑު ނޫން އަޑެއް ނީވޭ ހަމަހިމޭން ވެއްޓެކެވެ. ދެން އިވޭހާވެސް އަޑަކީ ފާރުގައި ހުރި ގަޑީގެ ކަށި އޭގެ ވާޖިބު އަދާކުރުމުގައި ސާބިތުވެ ހުރިކަން އަންގައިދޭ ޓިކް ޓިކްގެ ރާގު ހަމަ އަޑެވެ.

ސިކުނޑީގައި ގުގުވަމުން ދިޔައީ އަދަދުތަކެކެވެ. ތިރިން ފެށިގެންވެސް ލައްކަތައް ފަހަނައަޅާ ދާން ގާތްކުރާ ނަމްބަރުތަކެކެވެ. ކޮރޯނާ ވައިރަހަށް ފައްސިވި މީހުންގެ އަދަދުތަކެކެވެ.ސީރިއަސް ބަލިމީހުންގެ އަދަދުތަކާއި މަރުވަމުންދާ މީހުންގެ އަދަދުތަކެވެ. އަލަށް ޖެހޭ މީހުންނާއި މިހާތަނަށް ޖެހުނު މީހުންގެ އަދަދުތަކެވެ. ސިކުނޑި ފުރެމުން ދިޔައީ ހިތްދަތިކަމާއި ބިރުވެރިކަން ނިހާޔަތަށް އިތުރުކުރަމުންނެވެ.

އަހަރެންނަކީ ހޮސްޕިޓަލުގެ މަސައްކަތު މީހަކީމެވެ. ދުވާލު ހަތަރުދަމު ބަލިމީހުންގެ ހާލަތު ދާދިގާތުން ފެންނަމީހަކީމެވެ. އެމީހުންގެ އާދޭސް މޫނުތަކުގެ ހިތުން އަބަދު ނުފިލާ ހުންނަ މީހެކެވެ. އުމުރުގެ ޅަފަތުގައި މަންމަގެ ކުއްލި މަރަކާއެކު ނުވި ދުވަހު ބޮޑުވެގެން އުޅެންޖެހިފާވާ އެކަނިވެރިޔަކީމެވެ. ބަލި މުސްކުޅި ބައްޕައެއްގެ ޒިންމާ ކޮނޑުގައި އަޅައިގެން އުޅޭ މީހަކީމެވެ. ބައްޕަގެ އިތުރު ދަރިއެއް ހުއްޓަސް އެއީ ބޮލުގެ ރިހުމެކެވެ. ގެއަކީ ބައްޕަގެ ގެ ކަމުން ދެ ދަރިންނަށްވެސް ގޭގައި އުޅުމުގެ ހައްޤު އޮންނާނީ އެއްވަރަކަށްތާއެވެ.

ހުރިހާކަމެއް އެހެން ހުއްޓަސް އަހަރެން ބައްޕަ ބަލަނީ ނުހަނު ލޯބިންނެވެ. މަޖުބޫރުން ޖެހިގެން ބަލާ ބީދައަކުންނެއްނޫނެވެ. އެކަން ބައްޕަގެ އިތުރުން ބޭބެވެސް ގަބޫލުކުރެއެވެ. ހުރިހާ ޒިންމާއަކާއި އަހަރެން ހަވާލުވީވެސް އަމިއްލައަށެވެ. ބައްޕައަކީ ކުޑައިރުންސުރެ ނޭވާ ހިއްލާ މީހެކެވެ. ވުމާއެކު އުމުރުން ދުވަސްވާން ފެށުމުން ނޭވާ ލެވެނީ އިންހޭލަރގެ ބޭނުންކޮށްގެންނެވެ.

ބައްޕަގެ ބަލީގެ ބާވަތުންނާއިއެކު އަހަރެން ހުންނަނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޯވިޑް-19 ގެ އަދަދުތައް އަބަދު ހިތަށް ބިރުވެރިކަން ފޯރުވަނީވެސް އެފިކުރުތައްކަންނޭނގެއެވެ. ބަލިމީހުން ގާތުގައި ކިތަންމެ ބޮޑަކަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން އުޅުނަސް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް އަތްދޮވުނަސް ކިތަންމެ ވަރަކަށް ފޮރުވުނަސް އަހަރެންނާއިއެކު ވައިރަސް ގެއަށް ނުދާނެ ކަމުގެ ޔަގީންކަމެއްނެތެވެ. ސަބަބަކީ އެތަކެއް ޑޮކްޓަރުންނަކާއި ނަރުހުންނެއް ބަލީގެ ޝިކާރަ އަކަށް ވެފައިވުމެވެ. ހަމަ ޔަގީނުންވެސް ބައްޕައަށް ބަލި ޖެހުނިއްޔާ ޖެހޭނީ އަހަރެންގެ ފަރާތުންކަން ޔަގީނެވެ. ބައްޕައަށް ކާންދީ އަޅާލާނެ އިތުރު މީހަކު ނެތްއިރު ގެއަށް ނުގޮސް ވާކަށް ނޯންނާނެތާއެވެ.

ސާފުކޮށް ނިމުމާއިއެކު ނިއްވާލި ފަންކާތައް ޖެއްސުމަށްފަހު ގެނައި ސާމާނުތައް ހިފައިގެން ނުކުތީމެވެ. ހުންނަންވާ ތަންތަނުގައި ތަކެތި ބެހެއްޓުމަށްފަހު ހަމަޖެހިފައިވާ އުސޫލުން ސާފުތާހިރުވެވެން އޮތް އެންމެ ރަނގަޅަކަށް ސާފުވެލީމެވެ. ދެން އޮތީ ލެބޯޓަރީ ސާފުކުރުން ކަމުން ކުޑަކޮށް ވަރުބަލި ފިލުވާލުމަށްފަހު އެމަސައްކަތާއި ކުރިމަތި ލީމެވެ.

ތަނުގެ ސީނިއަރ ޓީމެއްގެ ބައްދަލުވުމެއް ހިނގަމުން ދިޔައެވެ. ސާފުކުރުމުގެ މަސައްކަތުގައި އަހަރެން އުޅުނަސް ކަންފަތް ހުޝިޔާރުވެ ހުރީ އެމީހުންގެ ވާހަކަތަކަށެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު ދައްކަމުންދިޔަ މުހިއްމު ވާހަކަތަކަށެވެ. އުއްމީދާއި ނާއުންމީދުން ފުރިގެންވި އާ ވާހަކަތަކެކެވެ.

ވެކްސިނެއް އުފެއްދުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ފެހި ސިގުނަލެއް ލިބެމުންދާކަމުގެ ވާހަކަތަކެވެ. އެހެނަސް އަދި ޔަގީންނުވާ އެވެކްސިން ފުރިހަމަކުރަން ދެތިން ދުވަސް ނަގާނެކަމާއި އެހާތަނަށް ޓެސްޓް ކުރަން ފެށުމުގެ މަސައްކަތް ކުރަންޖެހޭނެ ވަހަކަތަކެވެ. ބަލީގެ ހަލުވިމިން އުޅޭގޮތުން ގިނަ ދުވަސްތަކެއް ބޭކާރުކޮށްލެވެން ނެތްއިރު އިންސާނަކަށް ޖަހައިގެން ފުރިހަމަ ޓެސްޓެއް ހެދުމުގެ މުހިންމުކަމުގެ ވާހަކަތަކެވެ.

"ސުވާލަކީ މީހަކު ވާނެހޭ؟ ނޫނީ އޮޅުވާލުމެއްގެ ތެރެއިން އެކަން ކުރާނީހޭ؟" ޓީމުގެ މީހެއްގެ އަޑުކަން އަހަރެންނަށް އެނގުނެވެ.

"އަމިއްލައަށް ރުހި ގަބޫލުވެގެން ޖަހާނެ މީހަކު އަސްލު ބޭނުމީ. އިންސާނިއްޔަތައްޓަކައި ގުރުބާންވާނެ މީހަކު ނުވާނެތަ؟ މުޅި އިންސާނިއްޔަތައްޓަކައި! ރަނގަޅު ބޮޑު ފައިސާގެ އިނާމަކާއި އެކު. އަޅެ މަސައްކަތް ކޮށްލަބަލަ!" އިސް މީހާ ބުންޏެވެ.

މަސައްކަތުގެ ގަޑި ހަމަވުމުން އަހަރެން ގެޔާއި ދިމާލަށް މިސްރާބު ޖެހީމެވެ. އޭރުވެސް، ދާދި ދެންމެއަކު ލެބޯޓަރީއިން އިވުނު އަޑުތައް ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ރަނގަޅު ބޭހެއް ނުވަތަ ވެކްސިނެއް ކޮންމެވެސް ބަޔަކު އުފައްދާނެ އިރެއްގެ އިންތިޒާރުގައި ހުރި އަހަރެންނަށް އެއަޑުތައް ވަރަށް މުހިންމު ވާނެތާއެވެ.

ގޭގެ ގޯތިތެރޭގައި އެޅި ފުރަތަމަ ފިޔަވަޅާއިއެކު ބޭބެގެ ހަޅޭކުގެ އަޑު އިވުނެވެ. "ކިހާ ބޮޑުކަމެއް ހެއްޔެވެ؟ ހުރިހާކަމެއް ފުރިހަމަކޮށްދޭންޖެހެނީ އެހެން މީހުންނަށް ހެއްޔެވެ؟ ބައްޕަ ދުނިޔޭގައި ނެތް ދުވަހެއް ފެނިއްޖެނަމަ، އަހަރެން ދުވަހަކުވެސް މިގެއަކަށް ނުވަންނާނަމެވެ. މިމީހާގެ އަޅަކަށް ވާން މަށަށް ޖެހޭ ހެއްޔެވެ؟" ތަފާތު ހިޔާލުތަކުގައި ގޮސް ކޮޓަރިއަށް ވަދެ ވެވޭނެ އެންމެ ބޮޑަކަށް ސާފުވެލީމެވެ. ދެން އަވަހަށް ދިޔައީ ބައްޕަގެ ގާތަށެވެ.

ދެތިން ދުވަހެއް ކުރިންސުރެ ރޯގާ ވައްތަރުވެފައި ބައްޕަ ކުރުގެޅިގެން އޮތްގޮތް ފެނުމުން ހިތުގެ ހިނގުން އަވަސްވެ ބައްޕާއޭ ކިޔާ ގޮވާލަމުން ނިތްކުރީގައި އަތް ޖައްސާލީމެވެ. ބައްޕަގެ ހުން ވަރަށް ގަދައެވެ. ހިތުތެރޭގައި އުފެދެމުންދިޔަ ކޮޅިގަނޑުގެ ވައި ގަދަވިއެވެ. ފާޑަކަށް ތެޅިގަނެވި ހަދާނެގޮތް ބޮޑުވިއެވެ. އިރުކޮޅަކުން ބައްޕަ ކެއްސަންފެށިއެވެ. އަބަދުވެސް ނޭވާއަށް އުނދަގޫކުރާ ބައްޕައަށް އިތުރަށް އުނދަގޫވާކަން ފާހަގަ ކުރެވުނެވެ. ކަމާބެހޭ ފަރާތްތަކަށް ބައްޕަގެ ހާލަތު އެންގީމެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ބައްޕަގެ ޓެސްޓް ކުރެވި، ނަތީޖާ ލިބުނެވެ. ނަތީޖާ އެނގުނު ވަގުތު އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކޯވިޑް-19 އަށް ބައްޕަ ފައްސިވީއެވެ. ބައްޕަގެ ނަތީޖާ އަހަރެންނަށް ދިނީ ނުރައްކާތެރި މެސެޖެކެވެ. އަހަރެންނަކީވެސް ޕޮޒިޓިވް މީހެއްކަމެވެ.

އަހަރެންނަކީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހެއްކަމުން ބައްޕައާއި އެކު ދިޔުމުގެ ހުއްދަލިބުނެވެ. ބައްޕަގެ ހާލު ގާތުން ބެލުމުގެ ފުރުސަތު ލިބުނެވެ. ބައްޕައަށް ހިދުމަތް ކުރުމުގައި ދެމި ހުރީމެވެ. އެންމެ ރަނގަޅު ފަރުވާތައް ބައްޕައަށް ދެމުން ގެންދިޔައެވެ. އިތުރަށް ހާލު ގޯސްވާން ފެށުމުން އައި.ސީ.ޔޫ އަށްވެސް ލިއެވެ. އެހެނަސް ބައްޕަ ކަހަލަ ބަލި މީހަކަށް މިބަލީގައި ރަނގަޅުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މަރާއި ތަގުދީރާއި އެކަކަށްވެސް ނުކުޅެވޭނެއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ތިންވަނަ ދުވަހު މިފަނާވަނިވި ދުނިޔެ ދޫކޮށް ބައްޕަގެ ފުރާނަ އާޚިރަތަށް ދަތުރު ކުރިއެވެ.

މަސައްކަތު މީހުންނަށް ހާއްސަކުރެވިފައިވާ ބައިގައިވާ ގޮނޑިއެއްގައި އިށީނދެލައިގެން އިންއިރު، ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ބައްޕަގެ ކުއްލި ވަކިވުން އަހަރެން އެކަނިވެރި ކުރުވައިފިއެވެ. ކުރިން ދުނިޔޭގައި އުޅެމުންއައީ ހަމައެކަނި ބައްޕައަށްޓަކައެވެ. މިހާރުދެން ދުނިޔޭގައި އުޅެންވީ ކީއްކުރަން ހެއްޔެވެ؟ އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟ ބޭބެގެ ހަޅޭއްލެވުމުގެ އަޑު އެހުމަށްޓަކައި އެގެއަށް ދާންވީއެވެ. ކީއް ކުރަން ހެއްޔެވެ؟ އެކަމަކު އެގެއަށް ނުގޮސް ދެން ދާނީ ކޮން ތާކަށް ހެއްޔެވެ؟ ހިޔާލުތައް އޮޅުން ބޮޅުންވަމުން ދިޔައެވެ. ކުރާނީ ކީއްކަން ނުކުރާނީ ކީއްކަމެއްވެސް ނުވިސްނުނެވެ. ހުދު ތިމާއަކީ ކޮރޯނާގެ ޝިކާރައަކަށް ވެފައިވާ މީހެއްކަންވެސް ކުޑަ ވަގުތުކޮޅަކަށް ހަނދާން ނެތުނެވެ.

ހިޔާލުތަކަށް ނިމުން ގެނުވީ އެކުގައި މަސައްކަތްކުރާ މީހެކެވެ. "ދެން ހުއްޓާލައިގެން މަސައްކަތަށް ހިނގާ!" އޭނާގެ އޯގާތެރި އަޑާއި ރާގު ދިން ކުޑަ ހިތްވަރާއިއެކު މަސައްކަތަށް އެނބުރުނީމެވެ. ލެބޯޓަރީއަށް ގޮސް ވަތްއިރު ބައްދަލުވުން ކުރިއަށް ދަނީއެވެ. ޓެސްޓްކުރާނެ މީހަކު ނުލިބިގެން އެކަމުގެ ކަންބޮޑުވުން އެމީހުންގެ މޫނުތަކުން ފެންނަމުން ދިޔައެވެ. އެވަގުތު އަހަރެންނަށް ވިސްނެންފެށީ އިންސާނިއްޔަތަށް އެހީވުމުގެ ހިތްގައިމުކަމެވެ. "އެކްސްކިއުޒް މީ! އެމީހަކީ އަޅުގަނޑު!" އޭ ބުނަމުން މޭޒާއި ކައިރިއަށް ޖެހިލީމެވެ.

"ކާކު؟" އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އަހަރެންނަށް ބަލާލިއެވެ.

"ވެކްސިން ޓެސްޓްކުރަން އަޅުގަނޑުގަޔަށް ޖަހަން ތައްޔާރު!" އަބަދު ތަންފޮޅާއުޅޭ އަހަރެން އެމީހުންނަކަށް އަލެއްނުވާނެއެވެ. ދަންނާނެއެވެ. އެންމެންގެ މޫނުމަތިންވެސް ފާޅުވީ ހައިރާންކަމެވެ.

"މިކަމަށް ބޭނުމީ މިބައްޔަށް ޕޮޒިޓިވް މީހެއް!" އޭނާގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެނުނެވެ.

"ޓެސްޓްކުރަން ތައްޔާރު!" ޓެސްޓް ނުކުރިއަސް އަހަރެންނަކީ ޕޮޒިޓިވް މީހެއްކަމަށް ލަފާކުރެވޭތީ، މާގިނަ ވާހަކައެއް އަހަރެން ނުދައްކަމެވެ.

އަހަރެންނަށް އެނގެއެވެ. އަހަރެން ކުރަން މިއުޅެނީ ކިހާ ނުރައްކާތެރި ބިރުވެރި ކަމެއްކަމެވެ. ވާނީ މަރުކަމެއް ނުވަތަ ލިބެމުންދާނީ އިތުރު ވޭންތަކެއް ނޫންކަމެއްވެސް ނޭނގެއެވެ. އަބަދަށްޓަކައި ނުކުޅެދޭ މީހަކަށްވެސް ވެދާނެއެވެ. ނުވަތަ ދެން ވާނީ ކީއްކަންވެސް ނޭނގޭފަދަ ކަންތައްތަކެކެވެ. ފަހަރުގައި ކާމިޔާބު ވެކްސިނަކަށްވެސް ވެދާނެތާއެވެ. އަހަރެންގެ ހަށިގަނޑުގައިވާ ބަލި ރަނގަޅުވެ ޑޮކްޓަރުންނަށް ވެކްސިނަށް އިތުބާރު ލިބިއްޖެނަމަ އެއީ ލިބޭނެ ކިހާބޮޑު ނަސީބެއްހެއްޔެވެ؟ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމަކަށް ވެވޭނެ މިބޮޑު އެހީއަކީ ހާދަހާވާ ބޮޑު އެހީއަކަށް ވާނެތާއެވެ. އެތައް ފުރާނައެއްގެ ހައްގުގައި ވެވޭ ބޮޑު ގުރުބާނީއަކަށް ވާނެއެވެ.

މިކަން ކާމިޔާބުވެއްޖެނަމަ ލިބޭ ފައިސާގެ ބޮޑު އިނާމުން ދިރިއުޅުމެއް ބިނާކުރެވޭނެނޫންހެއްޔެވެ؟ ބޯހިޔާ ކޮށްލާނެ ތަނެއް ނެތް އަހަރެންނަށް އެހީވާނެ ހަމަ އެކަކުވެސް ނެތެވެ. މިކަމުގައި އަހަރެން ދިޔަޔަސް ދެރަވާނެ މީހަކުވެސް ނުހުންނާނެއެވެ. އަދި ދެން އޮތް ބޮޑު ކަންތައް... ގަސްތުގައި ނޫނަސް އަހަރެންނަށް މި ކުރެވުނީ ކުށެކެވެ. އެފަދަ ވަގުތެއްގައި އަހަރެންނަށް މަޢާފު ލިބޭނެކަމަށް އުއްމީދުކުރެވުނެވެ. ގުރުބާނީގެ އަގެއްގެގޮތުގައެވެ.

އެންމެ ފަހުގެ ވަގުތުކޮޅެވެ. ހާއްސަކުރެވިފައިވާ ކޮޓަރީގެ ހާއްސަ ގޮޑީގައި އަހަރެން އިނީމެވެ. ދެތިން މެންބަރުންގެ އަވަދިނެތް 10 ވަރަކަށް މިނެޓުގެ މަސައްކަތަށްފަހު އަހަރެންގެ ހަށިގަނޑަށް ވެކްސިންގެ މަދު މިންވަރެއްގެ ޑޯޒެއް ދިނެވެ. ބިރުން ފިތްކަނޑައިގެންދާ ހާލު ރޯނީކަމެއް ނުވަތަ ހޭނީކަމެއްވެސް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. ދެލޯ މަރާ ބާރުކޮށްގެން ދެދަތްޕިލާ ޖައްސާ ބާރުކުރުން ފިޔަވާ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެންނަން ސިކުނޑި އެއްބަހެއްނުވިއެވެ.

ގަޑި ބަލަމުން ޓެސްޓް ކުރަމުން އިތުރު ޑޯޒް ދެމުން ޓީމުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ދިޔައެވެ. ކަނޑައެޅިފައިވާ މިންވަރު އަހަރެންގެ ހަށިގަނޑަށް ދެވުމުން އެދުވަހަށް ނިމުނީއެވެ. ދެން އޮތީ ވާގޮތް ބަލަން މަޑުކޮށްލުމެވެ.

ހާއްސަ ކުރެވިފައިވާ ކޮޓަރީގައި މީހުންނާއި އެކަހެރިވެގެން 3 ދުވަހު އޮންނަންޖެހުނެވެ. އެއަށްފަހު ޓެސްޓްކުރުމުގެ މަސައްކަތް ފެށުނެވެ. ލޭ ނެގުނުވަރެއްވެސް ނޭނގެއެވެ. ބަލާކަށް ބޭނުމެއްވެސް ނުވިއެވެ. ވާނެގޮތް ނޭނގޭނެތީއެވެ. ހިތުގެ ހިނގުން މަޑުޖެހިލާ އެންމެ ސިކުންތެއްވެސް އެ 3 ދުވަސް ތެރޭގައި ނާދެއެވެ. ބިރާއި ސިހުން ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ނަތީޖާގެ ވަގުތު ކުޑަތަން ވީވަރަކަށް ލޭ ހިނގުން އަވަސްވާހެން ހީވަމުން ދިޔައެވެ.

ކޮޓަރީގެ ދޮރު ހުޅުވޭހެން ހީވުމާއިއެކު ހީވީ ނޭވާ ހުއްޓުނު ހެންނެވެ. އެހެނަސް ދެވަނަ ހިނދުކޮޅުގައި ޑޮކްޓަރުގެ މޫނުމަތިން ފެނުނު އުފާވެރިކަން ހުއްޓެމުންދިޔަ ނޭވާއަށް އާ ދިރުމެއް ގެނުވައިދިނެވެ.

"ވަރަށް ކާމިޔާބު. މިހާރު ތިއީ ކޯވިޑުން ރަނގަޅުވެފައިވާ މީހެއް!" ކޮޓަރިއަށް ވަން ޑޮކްޓަރު އެންމެ ބޭނުން ސުވާލުގެ ޖަވާބުދިނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓީމު އެއްކޮށް ޖަމާވެ އެމީހުންގެ އާ ހޯދުމަށް ލިބުނު ކާމިޔާބީ ފާހަގަކުރިއެވެ. އިންސާނިއްޔަތަށްޓަކައި ވެދެވުނު ގުރުބާނީގެ އަގަކަށް ކުރެވުނު ކުށަށް މާފުދިނެވެ. ތެދެކެވެ. ކޯވިޑް-19އަށް ފައްސިވެފައިވާ ހާލު ކަމާބެހޭ ފަރާތްތަކަށް ނާންގައި މަސައްކަތަށް ނިކުމެވުނު ކަމެވެ. އެހެނަސް އަހަރެންވީ ގުރުބާނީގެ އަގުގެ ތެރޭގައި ފައިސާގެ ބޮޑު އިނާމާއި އެކު ކުށުގެ މާފުވެސް ވާކަން އިސް އޮފިސަރު ހާމަކޮށްލުމާއެކު ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.

ނޯޓް: މިއީ މި ނޫހުން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ބައިވެރިއަކު ހުށަހަޅާފައިވާ ވާހަކައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!