ކޮވިޑް-19 ފޮނަދޫ ކްލަސްޓާ: އިތުރު 20މީހުން ނައްސިވެއްޖެ

ލ. ފޮނަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާ ގުޅިގެން، ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 20 މީހެއްގެ ނަތީޖާ ނައްސިވެއްޖެއެވެ.
ގއ.ދެއްވަދޫން ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން ފޮނަދޫ އަދި އެރަށާ އެއްފަސްކޮށް އޮންނަ ގަމަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ޑައިރެކްޓް ކޮންޓެކްވި މީހުން ދިރިއުޅޭ ފޮނަދޫގެ 25 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 56 ސާމްޕަލެއް ނަގާފައިވާއިރު، މީގެ ތެރެއިން 38 މީހެއްގެ ސާމްޕަލް ވަނީ ނައްސިވެފައެވެ. 14 މީހުންގެ ނަތީޖާ އަދި ނުލިބޭއިރު، ފުރަތަމަ ފައްސިވި 4 މީހުންގެ އިތުރުން އިތުރު މީހަކު މިހާތަނަށް ފައްސިވެފައެއް ނުވެއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ފޮނަދޫ ކްލަސްޓާ އާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 59 މީހަކު ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ކޮވިޑުގެ ނުރައްކާ ބޮޑު ނުވަތަ ހައި ރިސްކު 10 ފަރާތެއް ވެސް ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވި މީހާ، ފޮނަދޫގައި ކުރިޔަށް ދިޔަ ޖަނާޒާއެއްގައި ވަނީ ބައިވެރިވެފައެވެ.
ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފޮނަދޫ ސިއްހީ މަރުކަޒުން ކުރިޔަށް ގެންދާއިރު، ކޮވިޑް-19 ޖެހުނު ފަރާތާ ކޮންޓެކްޓްވި ފަރާތެއްވާނަމަ، 6800019 ނުވަތަ 6800017 ނަންބަރު ފޯނަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެފަރާތުން އެދެއެވެ.