އިމާމަކީ "ވަގެއް" ކަމަށް ދެކި އަހަރު ދުވަސް ހޭދަ ކޮށްލި ދެމަފިރިއެއްގެ ވާހަކަ!

މިއީ އެފްރިކާގެ މުސްލިމު އަވަށެއްގައި ހިނގި ހާދިސާ އެކެވެ.
އެއަވަށުގެ މިސްކިތު އިމާމަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒެއް ވެސް މެއެވެ. އެހެންކަމުން އަވަށުގެ އިމާމުގެ ތެދުވެރިކަމާއި ޚުލްޤުހެޔޮ ރަނގަޅު އަޚްލާޤުގެ ސަބަބުން އެއަވަށުގެ އެންމެން ވެސް އިމާމު އަށް ވަރަށް ބޮޑަށް އިޙްތިރާމާއި ޤަދަރު ކުރެއެވެ. އަދި އަވަށުގެ މީހުންނާއެކު ކޭންބެއްލެވުމަށް އިމާމަށް ދައުވަތުދީ ހަދައެވެ. ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާންމަހު އިފްތާރަށް (ރޯދަ ވީއްލުމަށް) ވެސް އިމާމަށް ދައުވަތުދީ ހަދައެވެ.
އެއް އަހަރެއްގެ ރަމަޟާންމަހު އިފްތާރަށް ގެއަކަށް ދިޔުމަށް އިމާމަށް ދައުވަތު ދިނެވެ. އެގޭގައި ދިރިއުޅެނީ ދެމަފިރިއަކާއި އެމީހުންގެ ތުއްތު ދަރިފުޅެވެ. އިމާމާމެދު އެދެމަފިރިން ވެސް ކަންތައް ކުރީ ވަރަށް ހެޔޮ ކޮށެވެ. ރަނގަޅަށް މެހެމާންދާރީ އަދާ ކުރިއެވެ. ކޭން ބެއްލެވުމަށްފަހު އެދެމަފިރިންނަށް ޝުކުރު އަދާކޮށް، އެމީހުންނަށް ހެޔޮ ދުޢާ ކުރުމަށްފަހު އިމާމު އެނބުރި މިސްކިތަށް ވަޑައިގެންނެވިއެވެ.
އިރުކޮޅެއް ފަހުން އެގޭގެ އަންހެން މީހާ އެއްޗެއް ނުފެނިގެން، މުޅި ސިޓިންރޫމް ހޯދާ ބަލަން ފެށިއެވެ. އޭނާ ހޯދަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން، އަންހެން މީހާ ބުނީ، ސިޓިންގ ރޫމްގައި އޭނާ ބަހައްޓާފައި ހުރި ފައިސާތަކެއް ގެއްލިއްޖެ ކަމަށެވެ. ހާސްކަމާއެކު ފިރިހެން މީހާވެސް އެފައިސާތައް ހޯދޭތޯ މުޅިގެ ބަލަން ފެށިއެވެ. ނަމަވެސް ދެމަފިރިން ކުރި މަސައްކަތް ވެސްވީ ބޭކާރެވެ.
ފިރިމީހާ އެފައިސާ ނެގިންތޯ ސުވާލު ކުރުމުން މާތް ﷲ ގަންދީ ހުވާކޮށްފައި އޭނާ ބުނީ އެފައިސާގައި ނުޖެހޭ ކަމަށެވެ. އަދި އަނބިމީހާ ވެސް އެފަދައިން ބުންޏެވެ. އެދެމަފިރިންގެ ތުއްތުދަރިފުޅު ވެސް އެހުރިހާއިރު އޮތީ ކޮށީގައި ކަމަށްވާތީ، އެކުއްޖާއަށް އެފައިސާތައް ނުނެގޭނެކަން އެމީހުންނަށް އެނގުނެވެ.
އަނބިމީހާ ބުންޏެވެ. "ފައިސާތައް ގެއަކު ނެތެވެ. އަހަރެމެން އޭގައި ނުޖެހޭއިރު، ދަރިފުޅަށް ވެސް އަމިއްލައަށް ކޮށިން ފައިބައިންގެން އައިސް އެފައިސާތައް ނުނެގޭނެއިރު، އަހުރެންނަށް ވިސްނެނީ އިމާމު އެފައިސާތައް ނެގީ ކަމަށެވެ."
އިމާމުއާ ބެހޭގޮތުން އަނބިމީހާ ދެއްކި ވާހަކަތައް ފިރިހެންމީހާއަށް ޤަބޫލުކުރަން ފުރަތަމަ އުނދަގޫވި ކަމުގައި ވިޔަސް، ފައިސާތައް ގެއްލޭނެ އެނޫން ގޮތެއް ނެތްކަމަށް އޭނާއަށް ވެސް ފަހުން ޤަބޫލު ކުރެވުނެވެ. އެދެމަފިރިން ގަސްދުކުރީ އިމާމު ބޭޒާރު ނުކުރަން، އެވާހަކަ އެއްވެސް މީހެއް ގާތު ނުދައްކާށެވެ.
ނަމަވެސް އިމާމަކަށްވެހުރެ ގެއިން ފައިސާތަކެއް ވަގަށް ނެގުން، އެފިރިހެން މީހާއަށް ވެގެން ދިޔައީ ނުވާ ކަމަކަށް ހަދައި ދޫކޮށްލާފައި ބެހެއްޓޭވަރަށްވުރެ ބޮޑު ކަމަކަށެވެ. އެހެންކަމުން އެދުވަހަށްފަހު އެފިރިހެން މީހާ އިމާމުއާ ދުރުމިނެއް ބެހެއްޓިއެވެ. ވާހަކަދެއްކުން މަދުކުރަމުން ގޮސް އެއްކޮށް ވާހަކަ ދެއްކުން ހުއްޓާލާ، އިމާމު ފެނުނީމައި ފެންނަ ކަމަށް ވެސް ނުހަދަން ފެށިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެއް އަހަރު ވޭތުވެގެން ދިޔައެވެ. އެއަހަރުގެ ރަމަޟާން މަސް ހުރިހާ މުސްލިމުންނާ ބައްދަލު ކުރުމުން، ކުރިއެކޭ އެއްފަދައިން އެއަވަށުގެ މީހުން އިމާމު މީހާއަށް އެމީހުންގެ ގެތަކަށް ދިޔުމަށް ދައުވަތު ދިނެވެ. އެމަންޒަރު ފެނިފައި އިމާމު ވައްކަން ކުރިއޭ ބުނި ގޭގެ ފިރިހެން މީހާ އޭނާގެ އަނބިމީހާ ގާތު ބުންޏެވެ.
"ކަނބުލޭގެއާއެވެ. އަހަރުމެން ވެސް އިމާމަށް ދައުވަތު ދެމާތޯއެވެ؟ އޭނާ ކުރި ކަމެއް އޭނާއަށެވެ. އެކަންތައް މަތިން ހަނދާން ނައްތާލާނީއެވެ"
ޖަވާބުގައި އޭނާގެ އަނބިމީހާ ބުންޏެވެ. "ލައްބައެވެ. އިމާމު އަށް ދައުވަތުދީ މިގެއަށް ގެނައުމުން އަހަރުމެންނަށް ލިބޭ ސަވާބާއި ދަރުމަވެސް އިތުރުވާ ހުއްޓެވެ. ފިރިކަލުން މާދަމާ އޭނާ މިގެއަށް ރޯދަ ވީއްލުމަކަށް ގެންނަވާށެވެ."
ކުރި އަހަރެކޭ އެއްފަދައިން މިފަހަރުވެސް އެދެމަފިރިން އިމާމަށް ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާ ކުރިއެވެ. އިމާމުވެސް އެދެމަފިރިންނަށް ޝުކުރު އަދާކޮށް ހެޔޮ ދުޢާ ކޮށްދެއްވިއެވެ.
ނަމަވެސް ކުރީ އަހަރުގެ އެހާދިސާ ހިތުގައި އިތުރަށް ފޮރުވާފައި ބަހައްޓަން އުނދަގޫ ވެގެން ފިރިހެން މީހާ އިމާމު ގާތު ބުންޏެވެ.
"އިއްޒަތްތެރި އިމާމް އެވެ. އަހުރެން ތިޔަ އިމާމް އާމެދު ފަހުން ތަފާތުކޮށް ޢަލަމު ކުރަމުން ގެންދެވިކަން އިމާމުއަށް އެނގިލައްވާ ދެއްތޯއެވެ.؟"
އިމާމު ޖަވާބު ދެއްވިއެވެ. "އާދޭހެވެ. އަހުރެން ފެނުމުން ފެންނަކަމަށް ނުހަދާ ދާ ކަމާއި ވާހަކަވެސް ނުދައްކާކަން ފާހަގަވިއެވެ. އެކަމާމެދު ސުވާލު ކުރަން ވެސް އަހުރެން ހުރީމެވެ. ނަމަވެސް އެފުރުސަތު ވަނީ ކުރިން ނުލިބިފައެވެ."
އިމާމުގެ އެޖަވާބަށްފަހު ފިރިހެން މީހާ ސުވާލު ކުރިއެވެ. "މިދިޔަ އަހަރު އަހަރުމެން ދިން ދައުވަތަކަށް މިގެއަށް އިމާމު ވަޑައިގެންނެވިއިރު، މިސިޓިންގ ރޫމުގައި ބަހައްޓާފައި ހުރި ފައިސާތަކެއް ވަނީ ގެއްލިފައެވެ. އެފައިސާތަކުގައި އިމާމު އަތްލެއްވިންތޯއެވެ؟"
އެއްވެސް ޖެހިލުމަކާއިނުލާ އިމާމު ވިދާޅުވިއެވެ. "އާދޭހެވެ. އަތްލީމެވެ."
އިމާމުގެ ޖަވާބާއެކު އެދެމަފިރިންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
އިތުރަށް ވިދާޅުވިއެވެ. "ފައިސާތައް ބަހައްޓާފައިހުރީ ކުޑަދޮރު ކައިރީގައި ކަމަށްވާތީ، ވަޔާ އެތަކެތި ބިންމައްޗަށް ވެއްޓުމުން، އަހުރެން އެފައިސާތައް ނެގީމެވެ."
އިމާމު އެފައިސާތައް ވަގަށް ނެގީކަމަށް ތުހުމަތު ކުރީކަން، އެދެމަފިރިންގެ މޫނުމަތިން އިމާމަށް ވިސްނުނެވެ. އެއާއެކު އިމާމު އަޑުން އަޑު ނަގާފައި ކީރިތި ކުރައްވަން ފައްޓަވާފައި ވިދާޅުވިއެވެ.
"އަހަރެން މިރޮނީ ތިޔަ ދެމީހުން އަހަންނަކީ ވަގެއް ކަމަށް ދެކި ތިޔަވަރުގެ ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅުވީތީކީ ނޫނެވެ. ހަމަޔަގީނުން ވެސް ތިޔައީ ބޮޑު ވެގެންވާ އިލްޒާމެކެވެ. ނަމަވެސް ތިކަމަށް އެއް އަހަރު ވޭތުވީއެވެ. އަހުރެން އެފައިސާތައް ނަގާ ހުރިހާ ފައިސާއެއް އެއްކޮށްފައި، ބެލީ ފައިސާތައް ރައްކާތެރިކަމާއެކު ތިޔަ ދެމަފިރިންނަށް ފެންނާނޭ ތަނެއްގައި ބެހެއްޓުމަށެވެ. އެއީ ކުޑަދޮރު ކައިރީގައި އަނެއްކާވެސް ބަހައްޓައިފިނަމަ، ފައިސާތައް ވަޔާ ގެއްލިދާނެތީއެވެ. އެގޮތުން އަހަންނަށް ފެނުނީ މޭޒުމަތީގައި ބާއްވާފައި އޮތް މުސްޙަފެކެވެ. އެންމެ ރައްކާތެރިވާނީ އަދި އެންމެ ފަސޭހައިން ފެންނާނީ ވެސް މުސްޙަފް (ޙަތިމް) ތެރެއިން ކަމަށްވާތީ، އަހުރެން އެފައިސާތައް އަމާނާތްތެރިކަމާއި ރައްކާތެރި ކަމާއެކު އޭގެ ތެރެއަށް ލީމެވެ. ވިސްނާލާށެވެ. 365 ދުވަސް ވޭތުވެގެން ދިޔައީއެވެ. ތިޔަ ދެމަފިރިން ކީރިތި ޤުރްއާނުގެ އަކުރެއް ކިޔަވާލަން މުސްޙަފްގައި މިފާއިތުވީ ދުވަސްތަކުގައި އަތްލިނަމަ އެފައިސާތައް ވެސް ފެނުނީހެވެ. ނަމަވެސް ތިޔަ ދެމަފިރިން ޤުރްއާން ކިޔަވަން މުސްޙަފްގައި އަތް ނުލާތާ އެއް އަހަރު ވޭތުވެގެން ދިޔައީއެވެ."
އިމާމުގެ ވާހަކަތައް އަޑު އަހާފައި ފިރިހެން މީހާ އަވަހަށް ގޮސް މުސްޙަފް ނަގާފައި ހުޅުވާލިއެވެ. ގެއްލިގެން ވަގަށް ނެގިކަމަށް އެދެމަފިރިން ނިންމައިގެން ހުރި ހުރިހާ ފައިސާއެއް މުސްޙަފް ތެރޭގައި ރައްކާތެރި ކަމާއެކު ބަހައްޓާފައި ހުއްޓެވެ. އެމަންޒަރު ފެނިފައި އެދެމަފިރިން ވެސް އަޑުން އަޑުނަގާ ރޯން ފެށިއެވެ.
**މިއީ ޕާކިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ރުޙެއިލް ޚާން، "ދެން" އަށް ހަދިޔާކުރި ލިޔުމެކެވެ. އުރްދޫ ބަހުން ލިޔެފައިވާ މިލިޔުން އިނގިރޭސިބަހަށް ތަރުޖަމާ ކޮށްދެއްވީ ޑރ. ޢަލީ ވަޙީދު އެވެ. މިއީ އެއިނގިރޭސި ތަރުޖަމާގެ ދިވެހި ތަރުޖަމާއެވެ. މިފުރުސަތުގައި "ދެން" ގެ ފަރާތުން ރުޙެއިލް ޚާން އަށާއި ޑރ. ޢަލީ ވަޙީދު އަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.**
މީ ތެދަކަށް ވެސް ވެދާނެ. ޚިޔާލީ ީ ވާހަކަ އަކަށް ވިޔަސް ޢިބްރަތްތެރި ވާހަކަ އެއް. އިންޑިޔާ ޕާކިސްތާން ހިސާބުގަ މިބާވަތުގެ ޥާހަކަތައް ހަދަހަދައިގެންވެސް ކިޔާ ޙަޤީޤަތް ކަމަށް ހަދާފަ
ކަލެއަށް ވިއްޔާ އެގެނީ