ޚަބަރު

ކޮންމެ އިންތިހާބެއްގައި އެމްޑީޕީން ޖަހަނީ އެއް ލަވައެއް: ޑރ. ޖަމީލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައި އެމްޑީޕީން ކޮންމެ އިންތިހާބެއްގައި ޖަހަނީ އެއް ލަވައެއް ކަމުގައި ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް ކަމަށާއި އެކަމަކު އެމްޑީޕީ އިސްވެ އުފައްދާފައިވާ މި ސަރުކާރު އައި ފަހުން ހިނގައި ދިޔަ ދެ އަހަރު ގައުމު އިތުރަށް ފަގީރުވެފައިވާ ކަމަށެވެ.

"ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް، އެކަމަކު މިދިޔަ 2 އަހަރު ޤަޢުމުވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު. ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އާއިލާއަށް ހުރިހާ މަޤާމެއް. ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއް ނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާ ކުރުމާއި ފްލައިން ސްކޫލް." ދެ ޓްވީޓެއް ކުރައްވާ ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފް ދެއްކެވި ވާހަކައަކާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އަދި އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ވާދަވެރި ދެ ޕާޓީގެ މެދުގައި ޓްވީޓާގައި ބަހުސެއް ފެށިފައި ވަނިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!