ފޮނަދޫގައި ދޯންޏެއް ކަރަންޓީންކޮށްފި

ފޮނަދޫން ކޮވިޑަށް ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ފަރާތެއް ހުރި ދޯންޏެއް ކަރަންޓީން ކޮށްފިއެވެ.
މިރޭ ފޮނަދޫ ބަދަރު ސަރަހައްދަށް މިދޯނި ވަދެފައިވާއިރު، ދޯނީގެ އެންމެން 14 ދުވަހަށް ވަނީ ކަރަންޓީން ކޮށްފައެވެ. ފޮނަދޫ ކައުންސިލުން ބުނެފައިވަނީ ކަރަންޓީން ކޮށްފައި ވަނީ ހީނާފަރު ދުވެލި ނަމަކަށް ކިޔާ ދޯންޏެކެވެ.
"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދޯނި ކަރަންޓީން ކޮށްފައި ވަނީ، ފޮނަދޫން ފައްސިވި މީހާގެ ފިރިމީހާ މިދޯނީގައި މަސައްކަތް ކުރާތީއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީން ކޮށްފައި ވަނީ މުދާ އުފުލާ ދޯންޏެކެވެ.
ފޮނަދޫން 4 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާރު ފޮނަދޫގެ އިތުރުން އެރަށާއި އެއްފަސްކޮށް އޮންނަ ގަން އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި މިދެރަށުގައި މިހާރު ރެންޑަމް ސާންޕަލް ނަގަމުން އެބަދެއެވެ.
މިހާތަނަށް ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއް ޓެސްޓްކޮށްފައިވާއިރު، އެންމެންވެސް ބައްޔަށް ނައްސި ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.