އެމްއެންޑީއެފްގެ ސާޖަންޓް މޭޖަރ މަޤާމަށް އަދުނާން
އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ހަމަޖައްސަވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެެެެެެެެެެއްގައި އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.މީގެ އިތުރުން ގިނަ އަދަދެއްގެ އެމްއެންޑީއެފްގެ އޮފިސަރުންނާއި އެންލިސްޓެޑް ރޭންކްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މިއަދު ވަނީ ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީކައުންޓާ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރި ވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ދާން ހަމަޖެހިފައިވާ ސިފައިންނާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވާފައެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރި ވުމަށް ޓަކައި ސައުދީ އަރަބިއްޔާއަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖާ މުހައްމަދު ސާމިރާއި، ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲއާއި ވޮރަންޓް އޮފިސަރު ގްރޭޑް މިފްތާހް ހުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުހުތާރެވެ.