ގުދުރަތީ ކާރިސާއެއްގައި ގެއްލުނު ބުޅަލެއް ތިން އަހަރު ފަހުން ފެނިއްޖެ
ސަންޓާ ބާރްބަރާ، ކެލިފޯނިއާ: މީގެ ތިން އަހަރު ކުރިން ކެލިފޯނިއާގައި ވެލިގަނޑު ދަމައިގަނެ ހިނގި ނުރައްކާތެރި ގުދުރަތީ ކާރިސާއެއްގައި ގެއްލުނު ބުޅަލެއް އޭގެ 3 އަހަރު ފަހުން ފެނިއްޖެއެވެ.
މިކާރިސާ ހިނގައިފައިވަނީ މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހުގައެެވެ. މި ހާދިސާގައި 23 މީހުން މަރުވެފައިވާއިރު މި މީހުންގެ ތެރޭގައި މި ބުޅަލުގެ ވެރިފަރާތް ވެސް ހިމެނެއެވެ. މި ކާރިސާގައި ގެއްލުނު މީހުންގެ ތެރެއިން ދެމީހަކު އަދި އަދަށް ދާންދެން ވެސް ފެނިފައެއް ނުވެއެވެ
މި ކާރިސާގައި މީގެ ތިން އަހަރު ކުރިން ގެއްލުނު ބުޅާ ފެނިފައިވަނީ، ބުޅަލުގެ ވެރިމީހާ ދިރިއުޅުނު ގެއާ މާ ދުރު ނޫން ހިސާބަކުން ކަމަށާއިިި ވޭތުވެދިޔަ ތިން އަހަަރު އެ ބުޅާ އުޅެމުން ދިޔައީ ކިހިނެއްކަން އެނގިފައި ނުވާ ކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މި ބުޅާ ފެނިފައިވަނީ އެ ހިސާބުގައި ބުޅާ ހިމާޔަތްކޮށް ބުޅާތަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޭއެސްއޭޕީ ޝެލްޓާ އަށެވެ. އައު އަހަރާ ދިމާކޮށް މި ޖަމްއިއްޔާއިން ވަނީ ބުޅާ އޭގެ ވެރިފަރާތުގެ ލޯބިވެރިޔާއާ ހަވާލު ކޮށްފައެވެ.