ލައިފްސްޓައިލް

މިއަދު އަހަންނަަށް މާފު ކުރާށެވެ. މާދަމާ ތިބާއަށް އެ ފުރުސަތު ނުލިބިދާނެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަރަކީ ވާނެ އެއްޗެއްކަން އަހަރެމެން އެންމެން ވެސް ގަބޫލު ކުރަމެވެ. ނަމަވެސް މަރުވާނެ ދުވަހެއް އެކަކަށް ވެސް ނޭނގޭނެ ކަން ޔަގީނެވެ. މިއަދު ހަމަ މިވަގުތު ވެސް އަހަރެމެން ކޮންމެ މީހަކު ވެސް މަރުވުމުގެ ފުރުސަތު އެބައޮތެވެ. މަރަށް ތައްޔާރުވެ ތިބުމަކީ އަހަރެމެންނަށް އޮތް ކަމެކެވެ.

Ads by STELCO

މިއަދު އަހަރެންގެ ފޯން ކޯލް ތިބާއަށް ލިބުމުން ތިބާ އެ ފޯން ކޯލަށް އަޅައެއްް ނުލައެވެ. އަހަރެންގެ މެސެޖުތަކަކަށް ފަރުވާލެއް ނުބަހައްޓައެވެ. އަހަރެންނާ ބައްދަލު ކޮށްލާ އަހަރެންގެ ވާހަކަތައް އަޑު އަހާލާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އިއްޔެ ތިއީ އަހަރެންގެ އެންމެ ގާތް އެއް މިތުރެވެ. އަހަރެންނަށް ދަތިއުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެހީތެރިވެދޭ މަދަދުވެރިޔާއެވެ.

އަހަރެންނަކީ އެންމެ ފުރިހަމަ މީހާ ނޫން ކަން އަހަންނަށް ވެސް އެނގެއެވެ. އެކުވެރިޔާ ހިތުގައި ޖެހޭފަދަ ކަމެއް އަހަރެންނަަށް ކުރެވިފައި އޮވެދާނެއެވެ. ހަމަޔަގީނުން ވެސް އެފަދަ ވާހަކަތަކެއް ތިބާ އެހެން ބައެއްގެ ގާތުގައި ދެއްކި ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ކުށެއް ނުވަތަ އަހަރެންގެ ގައިގައިހުރި އުނި ސިފައެއް އަހަންނަށް ރަނގަޅު ކުރެވޭނީ އަހަރެންގެ ގާތުގައި ބުނީމައެވެ.

މިތުރާއެވެ. މާދަމާ ވެސް އަހަރެން ދުނިޔޭގައި ނުހުރެފާނެއެވެ. އެ ދުވަހަކުން އަހަރެންގެ ފޯން ނަންބަރު ފެނުމުން ތިބާ ދެރަވާނެއެވެ. އަހަރެމެން އެކުގައި ޖަހާފައިވާ ސަކަރާތްތައް މަތިން ހަނދާން ވުމުން އެ ދުވަސް އަނބުރާ އަންނާނެ ނަމައޭ ހިތަށް އަރާނެއެވެ. އަހަރެންގެ މަތިން ހަނދާންވުމުން ކަރުނަ އަޅާރޯނެެއެވެ. އަހަރެންގެ ފޯނަށް ޖަވާބު ނުދީ މެސެޖު ތަކަށް އަޅައި ނުލައި ބެހެއްޓުނީތީ އެކަމާ ހިތާމަ ކުރާނެއެވެ.

އެ ދުވަހުން ތިބާ އަހަރެންގެ މޫނު ބަލަން އަންނާނެއެވެ. ނަމަވެސް އެ ދުވަހަކުން ތިބާއަކަށް އަހަރެންގެ ހިނިތުންވުމެއް ނުފެންނާނެއެވެ. ތިބާގެ ވާހަކަތައް އަހަންނަކަށް އަޑެއް ވެސް ނުމެ އިވޭނޭ މެއެވެ. އެކުވެރިޔާއެވެ. އެދުވަހުން ތިބާ ނުރޮއްޗެވެ. އަހަރެންނަަށް އެދުވަހުން ތިބާގެ ކަރުނަތައް ފޮހެދޭކަށް ނުހުރެވޭނެއެވެ.

ލޯބިވާ ރަހުމަތްތެރިޔާއެވެ. މާދަމާ ދުނިޔޭގައި ހުންނާނެ ކަމެއް އަހަރެމެން އެކަކަށް ވެސް ނޭނގެއެވެ. އަހަރެންނަށް ކުށެއް ކުރެވިފައިވާ ނަމަ އެކަމަށް އެކުވެރިޔާގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މިއަދު އަހަންނަށް މައާފް ކުރާށެވެ. މާދަމާ ތިބާއަށް އެ ފުރުސަތު ނުލިބިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!