އަދާލަތުގެ ރައީސަކަށް މިނިސްޓަރު އިމްރާން ކުރިމަތިލައްވައިފި

ކުރިއަށް އޮތް އަދާލަތު ޕާޓިގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސްކަމުގެ މަގާމަށް މިހާރުގެ ވެސް ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިމަތިލައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުުވީ މި ގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައި އެމަަނިކުފާނުގެ ދައުރު މުހިންމުކަމަށް އެ ޕާޓީގެ ގިނަ މެމްބަރުން ފާހަގަ ކުރައްވާތީ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބެއް ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު މެންދުރު 2:00އަށް ވަނީ ހަމަވެފައެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 30 ވަނަ ދުވަހު އެވެ.