ލައިފްސްޓައިލް

ކޮންމެ މީހަކު ބުނި ކަމުގައި ވިޔަސް ހެޔޮބަހެއް ނަަމަ ގަބޫލު ކުރަން ވާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަހަރެމެން ކޮންމެ މީހަކީ ވެސް ކުށް ކުރެވޭނެ ބައެއް ކަން ޔަގީނެވެ. އެހެނީ އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. އަދި އަހަރެމެންނަށް ދިރިއުޅުމުގައި އެތައް ފިލާވަޅުތަކެއް ވެސް ލިބިގެންދަނީ ހެދޭ ގޯސްތަކުން ކަން ޔަގީނެވެ. ކުރެވޭ ކުށްތަކުގެ ސަބަބުން ކަން ގައިމެވެ. ކަން މިހެން އޮތް ނަމަވެސް ކުރެވޭ ކުށް ގަބޫލު ކުރުމަކީ ގިނަ ބަޔަކަށް ވާ ކަމެއް ނޫނެވެ.

ދައްކަން މިއުޅޭ ވާހަކަ އަކީ ހެދޭ ގޯސް އަމިއްލައަށް ގަބޫލު ނުކުރެވޭ ވާހަކަ އެކަންޏެއް ވެސް ނޫނެވެ. މީހަކު ހެޔޮ ނަސޭހަތެއް ދިނުމުން ގަބޫލު ވެސް ނުކުރާ ވާހަކައެވެ. ހަމަ ހަގީގަތުގައި ވެސް މިއީ އަޅުގަނޑުމެންގެ މުޖުތަމައުން ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. "މައި ލައިފް، މައި ރޫލްސް"އޭ ބުނެ ކޮންމެ މީހަކު ހެޔޮ ނަސޭހަތެއް ދިން ކަމުގައި ވިޔަސް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. އަދި އެވަރުން ނުވެގެން ނަސޭހަތެއް ދީފިނަމަ ތިމަންނާގެ ޒާތީ ކަންކަމާ ބެހެނީ ކަމަށް ބުނެ އެތިވަރު ވެސް ގޮވަނީއެވެ.

ސުވާލަކީ ކަން އޮންނަން ޖެހޭ ގޮތަކީ މިއީ ހެއްޔެވެ. ކަންތައްތައް ވާން ޖެހޭ ގޮތަކީ މިއީ ހެއްޔެވެ. ހަމަ ޔަގީނުން ވެސް، ބުއްދި ހަމަ ޖެހޭ ވިސްނޭ މީހަކު ނަމަ ކަންތައް އޮންނަން ޖެހޭ ގޮތަކީ މިއީ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. ތިބާއަށް ގޯހެއް ހެދިގެން ގާތް ރަހުމަތްތެރިއަކު ނުވަތަ ދުރުހިލޭ މީހަކު ވެސް ތިބާގެ ގާތުގައި އެވާހަކަ ދައްކާނީ ތިބާއަށް ހެޔޮއެދިގެންކަން ޔަގީނެވެ. ހިތާމަ އަކީ ތިބާއަށް އެކަން ނުވިސްނޭ ކަމެވެ. އެކަން އެގޮތަށް ވަނީ ތިބާގެ ބޯހަރުކަމުން ކަމެއް ނުވަތަ ކޮންމެވެސް އެހެން ސަބަބަކާހުރެ ކަމެއް ނޭނގެއެވެ.

މޮޅު ޝާއިރަކު ލިޔެފައިވާ ޅެމެއްގެ ބައިތެއްގައި ވެއެވެ.

"ބަހެއް މޮޅު ބުއްދިވެރި ނަމައީ ނުކުތް ދުލަކާ މެދަށް ނުބަލާ

ނިކަން އަވަހަށް އޭގެ ހިކުމަތުގައި ހިފޭ ގޮތް އާދަ ކުރެވެންޏާ"

މި ޅެމުގެ ނަމުގައި ވާ ފަދައިން ލަފާ އިންސާނަކަށް ވާނީ ކޮންމެ މީހަކު ބުނި ނަމަވެސް ހެޔޮ ބަހެއް ބުނެފި ނަމަ ގަބޫލު ކޮށްގެންނެވެ. އަދި ހެދޭ ގޯސްތައް ދެނެގަނެ އަމިއްލަ ނަފްސު ރަނގަޅު ކުރަން މަސައްކަތް ކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!