ކޮވިޑް-19: އައްޑޫސިޓީން ދެ ފަތުރުވެރިއަކު ފައްސި ވެއްޖެ
އައްޑޫސިޓީން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އައްޑޫ ސައުތް ޕާމް ރިސޯޓް ގައި ތިބި ދެ ފަތުރުވެރިއެކެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު ފައްސިވެފައި ވަނީ ފުރުމުގެ ކުރިން ނަގަން ޖެހޭ ސުންކު (ސާމްޕަލް) ތަކުގެ ތެރެއިން ފައްސިވި ދެ ފަތުރުވެރިން ކަމަށެވެ.
މި ދެ ފަތުރުވެރިން ފައްސިވުމާ ގުޅިގެން އެ ރިސޯޓުގެ ތިން މުވައްޒަފަކު ވަނީ ކަރަންޓީނު ކޮށްފައެވެ.
ރާއްޖެއިން އިއްޔެ 79 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އިތުރު 24 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 36 މީހުންނާއި އަތޮޅުތެރެއިން 6 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 35 މީހަކެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14,712 މީހުން ފައްސި ވެފައިވާއިރު ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13,639 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެ.