ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖް: ގްރޫޕް ސްޓޭޖްގެ ދެވަނަ ދުވަހު ވެސް ފޯރިގަދަ މެޗުތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާރޒީގެ ވިޔަފާރި ކުރާ ފަރާތެއް ކަމަށްވާ މަޅި އެމްވީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖުގެ ދެވަަނަ ދުވަހު ވެސް ފޯރިގަދަ މެޗުތަކެއް ކުޅެފިއެވެ.

Ads by STELCO

އިއްޔެ ކުޅެވުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޒެޕޯ އަދި އެންއެސް ރޯމާއެވެ. މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗު ނިމިގެން ދިޔައީ 3-3ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މި މެޗުގައި އެންއެސް ރޯމާ ޓީމުގެ ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އަބްދުﷲ ޒިހުނީ އާއި ސިނާން އިބްރާހިމް ރަޝީދެވެ. މީގެތެރެއިން އަބްދުﷲ ޒިހުނީ ދެ ލަނޑު ޖަހައިދިނެވެ. ޒެޕޯ ޓީމަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޒާހިދު، އަހުމަދު ރައުޝަން އަދި ހުސެއިން ޝުއެއިބު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެޕޯ ޓީމުގެ ޖާރޒީ ނަންބަރު 10 އަހުމަދު ރައުޝާން އެވެ.

އިއްޔެ ހަވީރު ކުޅެވިގެން ދިޔަ ދެވަނަ މެޗަކީ ވެސް ފޯރިގަދަ މެޗެކެޗެ. އެމެޗުގައި ބައްދަލު ކުރީ ޑީސީ އެވެންޖާސް އާއި ޓްވިން ގާރޑަން އެވެ. މި މެޗު ވެސް ނިމިގެން ދިޔައީ ހަމަހަމަ ނަތީޖާއަކުންނެވެ. އެގޮތުން މެޗު ނިމުނުއިރު ސްކޯރ އަކީ 4-4 އެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހެޓްރިކެއް ފެނިގެން ދިޔައިރު ޓްވިން ގާރޑަންގެ ހެޓްރިކް ފުރިހަމަ ކުރީ އެޓީމުގެ އަހްމަދު ޒިޔާނެވެ. އަދި އެޓީމުގެ 4 ވަނަ ގޯލް ޖަހައިދިނީ ތައުމީންއެވެ.

ޑީސީ އެވެންޖާރސްގެ ހެޓްރިކް ފުރިހަމަ ކޮށްދިން ކުޅުންތެރިއަކީ މުހައްމަދު ވިސާމެވެ. މި ޓީމަށް ދެން ލަނޑު ޖަހައިދިނީ ހުސެއިން ބައްސާމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓްވިން ގާޑަން ޓީމުގެ ގޯލްކީޕަރު އަހުމަދު ޝަރުވާންއެވެ.

މުބާރާތުގެ ދެވަނަ ދުވަހުގެ ރޭގަނޑު ކުޅެވިގެން ދިޔަ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރީ ބޮންގް ބޮއިސް އަދި ވީކޭއެވެ.

މި މެޗުގައި ވީކޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފުޓްސަލްގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ދެކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ މޮޅު ކުޅުމާއި ކޮމްބިނޭޝަމް ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. ފުރަތަމަ ހާފުގައި ހާއްޕެގެ ފަރާތުން ދެގޯލް ފެނިގެން ދިޔައިރު ބޮންގް ބޯއީސްގެ ރިލްވާން ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1ގެ ނަތީޖާއަކުން ވީކޭ ކުރީގައި އޮވެގެންނެވެ.

ބޮންގް ބޯއީސްގެ ފަރާތުން ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅު ކުރިއެވެ. އަދި  ބޮންގް ބޯއީސްގެ ހުސެއިން ހައްމާދު ވަނީ އެޓީމަށް ދެވަނަ ހާފުގައި ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި ވީކޭގެ ގޯލް ކާމިޔާބު ކޮށްދިނީ  ސާމިން މުހައްމަދު ނަސީރެވެ. މެޗު ނިމިގެން ދިޔައީ 3-2ގެ ނަތީޖާއަކުން ވީކޭ މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީކޭގެ ޖާރޒީ ނަންބަރު 9 އަލީ ހާފިޒް (ހާއްޕެ)އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ދަ ގޯޅި އައި ސްކޮޑްރާއެވެ. މި މެޗު ސްކޮޑްރާ އިން ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްކޮޑްރާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސަނޫނާއި، ޝައްމޫން އަބްދުﷲ އެވެ. ސަނޫންގެ ފަރާތުން ދެ ގޯލު ފެނިގެން ދިޔައެވެ. މެޗުގައި ދަ ގޯޅި އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުއާޒް އަލީއެވެ.

މިމުބާރާތުގައި ރޭ ކުޅެވިގެން ދިޔަ ތިންވަނަ މެޗުގައި ފެނިގެން ދިޔައީ ފޯރިގަދަ ހަމަހަމަ ކުޅުމެކެވެ. ކޭއެޗް ލަޔަންސްއާއި ވޯންޓެޑް ބައްދަލުކުރި މި މެޗު ނިމިގެން ދިޔައީ ވެސް ހަމަ ނަތީޖާއަކުންނެވެ. މެޗު ނިމުނު އިރު ނަތީޖާއަކީ 2-2 އެކެވެ.

މި މެޗުގައި ވޯންޓެޑް ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސާދިމް އަބްދުލް ހަންނާން އާއި އަލީ އަސްވަދު އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ވެސް ހޮވުނީ ވޯންޓެޑް ޓީމުގެ އަސްވަދުއެވެ. ރޭ ކުޅެވިގެން ދިޔަ ފަހު މެޗުގައި ބައްދަލުކުރީ ޓީވައިޕީ އަދިި ދަ ރޯޔަލްސްއެވެ. މި މެޗު ފަސޭހަމާއެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ދަ ރޯޔަލްސްއެވެ.

މި މެޗުގައި ދަ ރޯޔަލްސް ޓީމުގެ މުހައްމަދު ޒައިން ހެޓްރިކް ހަދައިފފައިވާއިރު، މި މެވުގައި އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އިސްމާއިލް އަންވާރު، އައްޒާމް އަލިދީދީ އަދި މުހައްމަދު އަލާއުއެވެ. ޓީއައިޕީ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ތޯހިރުއެވެ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކް ހެދި ދަ ރޯޔަލްސްގެ މުހައްމަދު ޒައިން އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!