ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖް: ތަފާތު ބޮޑު ނަތީޖާއަކުން މަސްއޮޑި އެސްސީއަށް މޮޅެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ މިރޭ އެފްސީ ޗިކަން އާއި މަސްއޮޑި ސްޕޯޓްސް ކްލަބް ވާދަކުރި މެޗު ފަސޭހަކަމާއެކު މަސްއޮޑި އެސްސީ އިން 9-0ގެ ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

Ads by MWSC

މެޗު ފަށައިގެން މަސްއޮޑި ސްޕޯޓްސް ކްލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން އެފްސީ ޗިކަންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފުލުފުލުގައި އެޓީމުން ވަނީ ފޮނުވާލައިފައެވެ. ނަތީޖާއަކަށް ވީ މާ ގިނަ އިރުތަކެއް ނުވެ ފުޓްސަލްގައި ރާއްޖޭގެ ނަގާ ކިޔާ މޮޅު ކުޅުންތެރިޔާ އަޔާޒު އަހުމަދު (އަޔާ) ދިން ރީތި ޕާހަކުން އެޓީމުގެ ޖާރޒީ ނަންބަރު 6 ހުސައިން ޝަރީފް ގޯލެއް ކާމިޔާބު ކުރުމެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ މުޅިން ހުސްކޮށް ހުރެ ވަރަށް ހަމަޖެހިލައިގެންނެވެ.

މިގޯލަށް ފަހު ވެސް މަސްއޮޑި އެސްސީގެ ފަރާތުން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑަކީ ވެސް އަޔާގެ އެސިސްޓަކުން ކާމިޔާބު ކުރި ގޯލެކެވެ،. އެގޮތުން އަޔާ ދިން ހިތްގައިމު ޕާސް ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ހުޒައިފަތު ރަޝީދެވެ.

ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މަސްއޮޑި އެސްސީ ގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އެޓީމުގެ ޖާރޒީ ނަންބަރު 6، ހުސައިން ޝަރީފް އިތުރު ގޯލެއް ކާމިޔާބުކޮށް 3 ގޯލުގެ ލީޑެއް ނެގިއެވެ. މި ގޯލާއެކު މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން މަސްއޮޑި އެސްސީ މެޗުގެ ލީޑު ނަގައިގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު އަނެއްކާ ވެސް މަސްއޮޑި އެސްސީއިން ދައްކަމުން ދިޔައީ މާ މޮޅު ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފު ފެށިިގެން މާ ގިނަ އިރުތަކެއް ނުވަނީސް ފުލުފުލުން 4 ގޯލު މަސްއޮޑި އެސްސީ އިން ވަނީ ކާމިޔާބު ކޮށްފައެވެ.

އެގޮތުން ދެވަނަ ހާފުގައި މަސްއޮޑި އެސްސީ އިން ޖެހި ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މަސްއޮޑިން ޖެހި ދެވަނަ ގޯލް ވެސް ކާމިޔާބު ކޮށްދިން ހުޒައިފަތު ރަޝީދު (ހުޒޭ)އެވެ. އަދި މަދު ސިކުންތު ކޮޅަކަށްފަހު އަނެއްކާ ވެސް ހުޒޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ހެޓްރިކް ހަދައި މެޗުގެ ނަތީޖާގެ ފަރަގު 5-0 އަށް ފުޅާ ކޮށްފައެވެ،

ހުޒޭގެ ދެގޯލަށް ފަހު މާ ގިނައިރުތަކެއް ނުވެ އެޓީމަށް ހަވަނަ ލަނޑެއް ޖަހައިދިނީ އެޓީމުގެ ޖާރޒީ ނަންބަރު 8 ރިހާމް އަބްދުލްޣަނީ (ބޮބީ) އެވެ. އަދި އޭގެ ފަހުން މިނެޓެއް ވެސް ނުވަނީސް އެޓީމުގެ 10 ނަންބަރު އަހްމަދު އަޔާޒް (އަޔާ) ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށް 7 ގޯލްގެ ލީޑެއް ނަގާފައެވެ.

ފުލުފުލުގައި މަސްއޮޑި އެސްސީ އިން ހަތަރު ގޯލް ކާމިޔާބު ކުރުމަށްފަހު، އެފްސީ ޗިކަން އިން ވެސް ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް އަނެއްކާވެސް މާ ގިނައިރުތަކެއް ނުވެ މަސްއޮޑި އެސްސީގެ ޖާރޒީ ނަންބަރު އަށެއް ރިހާމް އަބްދުލްޣަނީ ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށް އެޓީމަށް 8 ގޯލްގެ ލީޑެއް ނަގައިދީފައެވެ. އަދި މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އަޔާ ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށް 9-0އަށް ނަތީޖާ ބަދަލު ކޮށްލާފައެވެ.

މި މެޗުގެ މޭން އޮފް ދި މެޗަކަށް ހޮވިފައިވަނީ މި މެޗުގައި ހެޓްރިކް ހެދި މަސްއޮޑި އެސްސީގެ ޖާރޒީ ނަންބަރު 11 ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސް، ޓްރިޕަލް އޭ އެޗްގެ އިތުރުން އެސްޖޭ ހާޑްވެއަރ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!