ޚަބަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ވޯންޓެޑް އާއި ދަ ރޯޔަލްސްގެ ކުރިމަތިލުން އެއްވަރުވެ ދަ ރޯޔަލްސް ދެވަނަ ބުރަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ވޯންޓެޑް އާއި ދަ ރޯޔަލްސް ބައްދަލު ކުރި މެޗު 5-5ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

Ads by MWSC

މި މެޗާ އެކު މި ދެޓީމު އޮތް ގުރޫޕް ޑީ އިން ދެވަނަ ބުރަށް ދާނެ ޓީމްތައް މިވަނީ ކަށަވަރު ވެފައެވެ. އެގޮތުން ގުރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކޭއެޗް ލަޔަންސް ދެވަނަ ބުރަށް ދިޔައިރު ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ދަ ރޯޔަލްސްއެވެ. ދަަ ރޯޔަލްސް ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޓީވައިޕީ އަތުން 6-1ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި އެޓީމު ވަނީ ކޭއެޗް ލަޔަންސް އަތުން ބަލިވެފައެވެ. އަދި މިއަދު ހަވީރުގެ މެޗުގައި ވޯންޓެޑާ ދެކޮޅަށް އެެއްވަރުވުމާއެކު އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ 5 ޕޮއިންޓާއެކުގައެވެ.

މިއަދުގެ މެޗުގައި ގިނަ ގޯލްތަކެއް ފެނިގެން ދިޔައިރު ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މިއަދުގެ މެޗުގައި ދަަ ރޯޔަލްސްގެ މުހައްމަދު އަލާއު ވަނީ ހެޓްރިކް ހަދާފައެވެ. އަދި އެޓީމަށް ދެން ގޯލްތައް ޖަހައިދިނީ އާދަމް އައްމާރާއި ޝަހީން އަބްދުއްސަމަދެެވެ. އަދި ވޯންޓެޑްގެ މުހައްމަދު ޒަޔާން ވަނީ މިއަދުގެ މެޗުގައި 4 ގޯލް ޖަހާފައެވެ. އެޓީމަށް ދެން ގޯލް ޖަހައިދިނީ ހުސައިން ވަހީދެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޯންޓެޑަށް 4 ގޯލް ޖަހައިދިން އެޓީމުގެ ޖާރޒީ ނަންބަރު 8 މުހައްމަދު ޒަޔާންއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލް ކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!