ޚަބަރު

ކޮވިޑަށް ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9 ޖަހާއިރު އޮންނާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9:00 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މާދަމާ ހަ ތަނެއްގައި ވެކްސިން ޖަހަން ފެށޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފައިވެއެވެ.

އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މާދަމާ ވެކްސިން ދޭން ފަށަނީ މާލެ ސަރަޙައްދުން އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލު، އަދި ސެނެހިޔާ ކަމަށެވެ. މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އަދި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު ގައި ވެސް މާދަމާ ވެކްސިން ދޭން ފެށޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މާދަމާ މިފަށަނީ ސިއްޙީ ދާއިރާގެ ފްރަންޓްލައިންގަ މަސައްކަތްކުރާ ފަރާތްތަކާއި އަދި ސޯޝަލް ކެއާރ ގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް. ކުރިއަށް އޮތްތަނުގައި ރޯލްއައުޓް އިތުރަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ފެށިގެން ދާނެ. އަދި ސިއްޙީ ދާއިރާއާއި ސޯޝަލް ކެއާރ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޖެހި ނިމުމާއެކު އެހެން ގްރޫޕު ތަކަށް ވެސް (އަޅުގަނޑުމެންނަށް ވެކްސިން ލިބިފައި ހުރި މިންވަރަކުން) ވެކްސިން ޖެހުން ކުރިއަށް ދާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ވެކްސިން ހަދިޔާ ކުރުމަށްފަހު ވެކްސިން ނުޖަހާ މަޑުކުރީ އެކަމަށް ބޭނުންވާ ހުއްދަ ލިބެންދެނެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަދި މިކަމަށް ހުއްދަ ދީފައިނުވި ނަމަވެސް، އެފްޑީއޭ އިން ވަނީ މިހާރު އެވެކްސިން ޖަހަން ހުއްދަ ދީފައެވެ.

"މިކަމަށް ތައްޔާރުވުމަށް ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ. މިގޮތުން ގާތްގަނޑަކަށް 560 މީހުން މިކަމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިނަށް ޓްރެއިން ކުރެވި، އަދި ޓްރެއިންގ އޮފް ޓްރެއިނާސްގެ ސެޝަންތަކުގެ ވެސް ގާތްގަނޑަކަށް 78 ފަރާތެއް މިވަނީ ޓްރެއިން ކުރެވިފަ. އަދި މިހާރު މިވެކްސިން ވެސް މިވަނީ އައްޑޫ އަށާއި ކުޅުދުއްފުއްޓަށް ވެސް ފޮނުވިފަ. އިތުރު ރަށްރަށަށް ވެކްސިން ފޮނުވުމުގެ ކަންތައްތައް އަޅުގަނޑުމެންގެ ޓީމުން އެބަ ކުރިއަށް ގެންދަވާ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

Ads by HDC
  1. މޮންދާ

    ޙުއްދަ ނުލިބޭ އިންޑިޔާ މުސްލިމުންނަން އަނިޔާކުރި ވެކްސިން އަންނު ގެނަސްގެން ގޮތްބަލަނީ.. ނަޒްލޫ ވެސް އަދި ވަކިކުރާނަށް… މިދަުރު ހުރެލާ