ބަލިން ރައްކާތެރިވުމަކީ ދީން އިރުޝާދުދޭ ގޮތް: އިމްރާން
ބަލިތަކުން ރައްކާތެރިވުމަކީ އިސްލާމް ދީން ވެސް އިރުޝާދު ދެއްވާ ގޮތް ކަމުގައި ދީނީ އިލްމުވެރިޔާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން އިއްޔެ ފަށާފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
މިކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމްދީން އިރުޝާދު ދޭ ގޮތް ކަމަށެވެ.
"އެއީ ތިމާޔާ ތިމާގެ އާއިލާ އާއި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަމެއް" އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި އިއްޔެ ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު، ފުރަތަމަ ވެކްސިން ޖަހާފައި ވަނީ މާލޭގެ 5 ހޮސްޕިޓަލެއްގެ އިތުރުން އަތޮޅު ތެރޭގެ ދެ ހޮސްޕިޓަލެއްގައެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައިވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަދި އަތޮޅު ތެރެއިން އައްޑޫ ސިޓީ އިން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
ސަރުކާރުގެ އިސްވެރީން ހިމެނޭހެން އިއްޔެ 282 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އެޤައުމުން ވަނީ ރާއްޖެއަށް ހިލޭ ހަދިޔާ ކޮށްފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ އަސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ވެކްސިން އަށް ދީފައި ވަނީ "ރިސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދައެވެ.
މަގާމަށްޓަކާ ދީން ހަނދާންނެތި ދުނިޔެ ފަހަތުން ދުވާ މީހަކު ދީނޭ ކިޔައިގެން ވާހަކަ ދެއްކީމަ އަހަރެމެން ކައިރިއަށް އަންނަނީ ރުޅި. ތިކަހަލަ މީހުންނަކީ ޝޭޚުންނަށް ވެސް ހުރި ހުތުރެއް.