ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ މައްސަލައެއްގައި!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ބަލަމުން އަންނަ އިތުރު ރަށެއްގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ ފާހަގަ ކުރި މައްސަލައާ ގުޅޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން މިކަމާ ގުޅޭގޮތުން މީގެ ކުރިން ބުނީ، އެމަނިކުފާނު މިއަދު ފުލުހަށް ހާޒިރުކުރީ ބަޔާނެއްގައި ސޮއި ކުރަން ކަމަށެވެ.
ރައީސް ޔާމީނު މިއަދު ފުލުހަށް ހާޒިރު ކޮށްފައި ވަނީ 13:00 ގައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ ކުރިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީނު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އެމަނިކުފާނާ ސުވާލު ކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވުމުން، ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.