އައްޑޫ ކްލަސްޓާ: އިތުރު މީހަކު ފޭދޫން ކޮވިޑަށް ފައްސި ވެއްޖެ

އައްޑޫސިޓީ ފޭދޫން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އައްޑޫސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރ ޢަލީ ފަހުމީ އަހުމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސި ވެފައިވަނީ ހިތަދޫން ފައްސިވީ ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވީ ފިރިހެނެއް ކަމަށެވެ.
ފޭދޫން ފައްސިވީ މީހާއަކީ ވެސް އެއާޕޯޓުގައި މަސައްކަތްކުރާ، މޯލްޑިވިއަންގެ މުވައްޒަފެއް ކަމަށާއި އޭނާ މިހާރު ހުރީ އެކަހެރި ކޮށްފައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެރަށުން މިއަދު މީހަކު މިބައްޔަށް ފައްސި ވެފައިވާއިރު، ހިތަދޫން ވަނީ ދެ މީހަކު މިއަދު ފައްސި ވެފައެވެ. އެއީ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މީހުން ކަމުގައިވާތީ، އައްޑޫ ސިޓީ މިހާރު ވަނީ މޯނީޓަރިންގެ ހާލަތަށް ލާފައެވެ.