ރައީސް ނަޝީދަކީ ދިޔާ މަސްތުވާތަކެތިން އުފާ ކުރުމަށް ގޮވާލި މީހެއް: މޮސްޓާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހިކި މަސްތުވާތަކެތީގެ ބަދަލުގައި ދިޔާ މަސްތުވާތަކެތިން އުފާކުރުމަށް ގޮވާލި މީހެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން މޮސްޓާ ވިދާޅުވީ ޒުވާނުން ހާސްކަން ފިލުވުމަށް މުނިފޫހިފިލުވުމުގެ މަރުކަޒެއް ގާއިމް ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.
އަދި ފެނިގެން މިދަނީ އުތެމަ އާއި އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ އަމަލީ މަސައްކަތް މަޖިލިސް ތެރެއިން ފެށިގެންދާ މަންޒަރުކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޒުވާނުނަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަން ފާހަގަކޮށް މޮސްޓާ އިތުރަށް ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ބޭނުން ވަނީ ދައުލަތަށް ބަރޯސާވާ ބައެއްގެ ގޮތުގައި ހަލާކު ކޮށްލުމަށް ޒުވާނުން މަގު ފުރެއްދުމަށް ކަމަށެވެ.