ޚަބަރު

މިއުޒިކަކީ ޒުވާނުންގެ ހާސްކަން ފިލާނެ ކަމެއް ނޫން، ޒުވާނުންގެ ހާސްކަން ފިލުވާލަން ބޭނުންނަމަ ދާންވީ މިސްކިތަށް: މޮސްޓާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ބަދަލުގައި ޒުވާނުންގެ ހާސްކަން ފިލުވާލަން ބެނުންނަމަ ދާންވީ މިސްކިތަށް ކަމުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މޮސްޓާ މިހެން ވިދާޅުވީ، މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމު ކުރުމަށް ގޮވާލާ، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަަން ލަތީފު ހުށަހަޅުއްވައިފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މޮސްޓާ ވިދާޅުވީ، ހަސަން ލަތީފު ހުށަހެޅުއްވި ޤަރާރަކީ، ގައުމު ހަލާކުކޮށް ފަސާދަކޮށްލަން ހުށަހަޅުއްވައިފައިވާ ޤަރާރެއް ކަމަށެވެ. އަދި މާލޭގައި ހަދާފައިވާ ކިންގް ސަލްމާން މިސްކިތް ނުހުޅުވާ ލަސްވަނީ އެތަން މަޖާ ކުރުމުގެ ތަނަކަށް ބަދަލު ކުރުމަށް ކަމަށް ބެލެވޭ ކަމުގައި ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޮސްޓާ ވިދާޅުވީ މި ޤަރާރަކީ ޒުވާނުން މަގު ފުރައްދާ ހަލާކުކޮށްލުމަށް އުފެއްދި ޤަރާރެއް ކަމަށާއި، ޒުވާނުން ބޯހާސްވާނަމަ މާލޭ ގައި މިސްކިތްތައް މަދު ނޫން ކަމަށާއި އެފަދަ ހާލަތެއްގައި މިސްކިތަށް ދެވޭނެ ކަމަށެވެ. ލަވައާއި މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖައްސާ އެއްޗެއް ނޫން ކަމަށާއި، އެއްވެސް އިލްމުވެރިއެއް އަދި އެއްވެސް ފޮތެއްގައި ވެސް އެގޮތަށް ބަޔާންކޮށްފައި ނޯންނާނެ ކަމަށް ވެސް މޮސްޓާ ފާހަގަ ކުރެއްވިއެވެ. މި ގަރާރަކީ ޒުވާނުން އަބަދުވެސް މި މަސްތީ ދުނިޔޭގައި ބޭތިއްބުމަށް ހުށަހެޅި ޤަރާރެއް ކަމުގައި ވެސް މޮސްޓާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!