ވެކްސިނާ ދެކޮޅު ވެބްސައިޓެއް ބްލޮކްކޮށްފި

ކޮވިޑް-19 ވެކްސިނާ ދެކޮޅަށް ތަފާތު އެކި އެކި ލިޔުންތައް ގެނެސްދެމުން އައި ދިވެހި ވެބްސައިޓެއް ބްލޮކް ކޮށްފިއެވެ.
މި ވެބްސައިޓު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެންމެ ފުރަތަމަ ގެނެސްފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮމިއުނިކޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް މި މައްސަލަ ގެނައުމުން ވެސް ފިޔަވަޅެއް އެޅިފައި ނުވާތީ، މީޑިއާ ކައުންސިލުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވެކްސިނާ ދެކޮޅަށް ތަފާތު ވާހަކަތައް ފަތުރަމުން އައި މި ދިވެހި ވެބްސައިޓަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ވެކްސިނާމެދު ބިރުވެރިކަން އުފެއްދުމަށް ތަފާތު އެކި ލިޔުންތައް ގެނެސްދެމުން އައި މި ވެބްސައިޓުން ޝާއިއުކުރި ބައެއް ލިޔުންތަކުގައި ބުނާ ގޮތުން ވެކްސިން ސަބަބުން ތަފާތު އެކި އެކި ބޮޑެތި ބަލިތައް ޖެހެއެވެ.
ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 33 ހާހަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.