ނާކާމިޔާބީއަކީ ކާމިޔާބީގެ ސިއްރުކަން ދަންނާށެވެ.

ދިރިއުޅުމުގައި ކޮންމެ މީހަކު ވެސް ހާސިލު ކުރަން ބޭނުން ވާނޭ އެތައް ކަންކަމެއް ހުންނާނެއެވެ. އަދި އެ ހުވަފެންތަކަށް ވާސިލުވުމަށް ތިމާ އެތައް މަސައްކަތްތަކެއް ކުރާއިރު، ނާކާމިޔާބު ވުމަކީ މީހާ އެކަމަށް ކުރަމުން އައި މަސައްކަތް ހުއްޓާލަންވީ ކަމެއް ނޫނެވެ.
އެހެން ނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ އެންމެ ފަހަރަކުން އެކަން ކާމިޔާބު ނުވެއްޖެނަމަ އެކަމަށް އިތުރަށް މަސައްކަތް ކުރުން ހުއްޓާލާ އެކަމަށް ފުލުސްޓޮޕު ގެންނަނީއެވެ. ދަންނަންވި ކަމަކީ ލިބޭ ކޮންމެ ނާކާމިޔާބީއަކީ އެކަން ކާމިޔާބު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނޭ ކަމަކަށް ވާ ކަމެވެ.
މީގެ މިސާލެއްގެ ގޮތުގައި ޒުވާނުން އަބަދާއި އަބަދު އެކަމަކަށް މަޝްޢޫލުވެފައި ތިބޭ މަޝްހޫރު ކުޅިވަރެއް ކަމަށްވާ “ޕަބުޖީ” ފުދެއެވެ. މިޝަން ކާމިޔާބު ކުރުމަށް ކިތަންމެ ފަހަރަކު މަރުވި ނަމަވެސް ދެވަނަ ފަހަރަށް އެ މިޝަން ކާމިޔާބު ކުރުމަށް އަލުން ކުޅިވަރު ފަށައެވެ. އަދި އެފަހަރު ކުޅުނުއިރު، ކުރިން ކުޅުނު ގޮތް ނޫން އެހެންގޮތަކަށް ބަދަލުކޮށް މައްސަލަ ދިމާވި ސަބަބު ތަކުރާރު ނުކުރުމަށް މަސައްކަތް ކުރެއެވެ.
މިކަމުން ވެސް ތިމާގެ ދިރިއުޅުމާ ގުޅުވައިގެން ޢިބުރަތެއް ހާސިލު ކުރާށެވެ. އެހެނީ ކޮންމެ ނާކާމިޔާބީއަކީ ވެސް ކާމިޔާބީއަށް ވާސިލުވުމަށް ތިމާއަށް ލިބިގެންދާ އިތުރު ފުރުސަތެއްކަން ދަންނާށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މަސައްކަތް ކުރާށެވެ.