ދީން

މައްޔިތާގެ މައްޗަށް އަޑުލައި ރޮއިހަދާމީހަކު މަރުވުމުން، އޭނާއަށްވާ ގޮތް އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އާއިލާގެ މީހަކު ނުވަތަ ގާތް އެކުވެރިއެއް މަރުވުމުން ކޮންމެ މީހަކު ވެސް ދެރަ ވާނެކަން ޔަގީނެވެ. ކިތަންމެ ކެތް ކުރަން ބޭނުން ވިޔަސް ބޭއިޚުތިޔާރުގައި ނަމަވެސް ރޮވޭނެކަން ވެސް ކަށަވަރެވެ. އެއީ އެމީހަކަށް ތިބާގެ ހިތުގައި ދެވިފައިވާ ޤަދަރެއްގެ ސަބަބުންނެވެ. އެމީހާ ދެކެ ތިބާ ވާ ލޯތްބެއްގެ ސަބަބުންނެވެ. އެމީހާ ތިބާގެ ދިރިއުޅުމަށް ގެއްލުމެއް ނޭދޭ ޙާލު އުމުރަށް އަލްވަދާއު ކިޔުމުން އެކަމުގެ ހިތާމައިންނެވެ. އެހެންނަމަވެސް އެކަމާ ދެރަވުމުގެ ސަބަބުން އަޑުލައި ރޮއެ ހެދުމަކީ ދަންނަ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.

Ads by STELCO

އޭނާ މަރުވުމުން އަޑުލައި ނުރުއިމަށް އޭނާ ވަޞިއްޔަތް ކޮށްފައިވާ ނަމަ އެއީ އޭނާއަށް އެކަމުން ކަށްވަޅުގައި ޢަޒާބު ލިބިގެންދާނެ ކަމެއް ކަމުގައި ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުން ވެސް އައިސްފައި ވެއެވެ. މިގޮތަށް މައްޔިތާގެ މައްޗަށް އަޑުލައި ރޮއެހަދާ މީހާ ތަޢުބާނުވެ ހުއްޓާ މަރުވެގެންދާ ހިނދު އޭނާއަކީ ވަރަށް ބޮޑު ފާފަ ވެރިއެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. "މައްޔިތާގެ މައްޗަށް ނުވަތަ މުސީބާތަކާހުރެ އަޑުލާ ރޮއެހަދާ މީހާ ތައުބާނުވެ ހުރެ މަރުވެއްޖެ ނަމަ، ޤިޔާމަތް ދުވަހުގައި ކަތުރާނުގެ ދިގު ހެދުމެއް ލެވި އަލިފާނުގައި ދަހަނާ އެޅުވޭނެއެވެ." (މުސްލިމް، އަބޫދާއޫދު، އިބްނުމާޖާ)

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ މިދުނިޔެއަށް ފޮނުއްވީ ދާއިމީ ގޯއްޗަށް ދިއުމަށްޓަކާ ތައްޔާރު ވުމަށްޓަކައެވެ. އޭނާއަށް މިދުނިޔޭގައި ކާމިޔާބުވަނީ ކިހާ މިންވަރަކަށް ކަމާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ އަމުރުފުޅަށް އޭނާ ކިޔަމަންތެރި ވަނީ ކިހިނަކުންކަމާއި އެއިލާހަށް ނުކިޔަމަންތެރިވާ މިންވަރަކީ ކޮބައިކަން އޭނާއަށް ދެއްކެވުމަށްޓަކައެވެ. އެކަމުގައި އޭނާ އިމްތިޙާނު ކުރެއްވައި އޭނާއަށް އޭނާގެ ޢަމަލުގެ ފަތުގެ ނަތީޖާ ދެއްކެވުމަށް ޓަކައެވެ.

އެހެންކަމުން ކިތަންމެ ގާތް މީހެއް މަރުވިނަމަވެސް އަޑުލައި ނުރޯށެވެ. އަދި ކެތްތެރިވާށެވެ. އެހެނީ އެއީ ތިމާގެ ނިމުން ވެސް ތިމާއާ ގާތްވެއްޖެކަން އަންގައިދޭ "ރިމައިންޑާ" އެކެވެ. އޭގެން އިބުރަތް ހާސިލުކޮށް ނަފްސު ޠާހިރު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ބައެއް ފަރާތްތަކަށް މިކަންކަމަކީ ނޭނގިފައި އޮވެދާނެ ކަމެކެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ ވަގުތު ފާއިތު ނުވަނީސް އަވަހަށް ތަޢުބާ ވާށެވެ. އަދި ތަޢުބާ ނުވާ ޙާލު މަރުވެ ނުދޭތޯ އެކަލާނގެ ހަޟްރަތުން ދުއާ ދަންނަވާށެވެ. މާތްﷲ އަޅަމެން އެންމެހާ މުސްލިމުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން!

 

 

މަސްދަރު: ޝައިޚް ޙުސައިން ރަޝީދު އަޙްމަދު / ނޫރުލް އިސްލާމް

Ads by HDC
  1. މިޔާޑެމްހާ

    ވަރަށްވެސްް ތަފާތުު، އަދިި އެހާމެެ އިބުރައްތެރިި ފިލާވަޅުތަކެއްް ލިބިގެންދާަފަދަަ ލިޔުމެއްް، ހީކުރަންް މިފަދަަ ލިޔުންތައްް ގިނަގިނައިންް ފެނިގެންދާނޭކަމަށެވެެ.