ޚަބަރު

އަދުރޭ ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.

އަދުރޭ ހައްޔަރު ކޮށްފައި ވަނީ ޕީޕީއެމް އޮފީހުން ނުކުމެ ގެއަށް ވަޑައިގަންނަވަން އުޅެނިކޮށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އަބްދުއްރަޙީމްގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް، މައުލޫމާތު ސާފު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ" ފުލުހުން ވިދާޅުވިއެވެ.

މިދުވަސްވަރު އިދިކޮޅުގެ ފަރާތުން ސިލްސިލާ މުޒާހަރާތަކެއް ބާއްވާ މައްސަލަ ވަނީ ހޫނު ވެފައެވެ.

އެގޮތުން ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އިހުތިޖާޖު ނުކުރުމަށާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދުރޭ މިއަދު ހައްޔަރުކޮށް ދޫކޮށްލާފައި ވާއިރު، މިމަހުގެ 26 ވާ ހުކުރު ދުވަހު ވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!