ހިތްދަތި އުނދަގޫކަން އަންނަނީ އެނގުމަކާ ނުލައެވެ. ނަމަވެސް އެނބުރި ދަނީ އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ.
ދިރިއުޅުމަކީ ކޮންމެ ސިކުންތަކު ވެސް ބަދަލުވާނޭ އެއްްޗެއް ކަން އެންމެން ވެސް ވިސްނަން ޖެހެއެވެ. އަދި ދިރިއުޅުން އާރާސްތު ކުރަމުންދާއިރު، އެކި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމާއި، އެކި ކަހަލަ މީހުންނާ ކުރިމަތިލާން ޖެހޭނެ ކަން ވެސް ގަބޫލު ކުރަން ޖެހޭނެއެވެ. އެތައް ބީރައްޓެހިންނެއް ރައްޓެހިންނަށް ވެ އެތައް ރައްޓެހިންނެއް ބީރައްޓެހިންނަށް ވާނޭކަން ވެސް ދަންނަން ޖެހޭނެއެވެ.
އެއްވެސް މީހަކީ ދާއިމަށް ވާނޭ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކީ ތިމާގެ ދިރިއުޅުމުގައި ތާ އަބަދަށް ވާނޭ މީހެއް ވެސް ނޫނެވެ. ކޮންމެ ވެސް ހިސާބަކުން ކޮންމެ މީހެއް ވެސް ތިމާ ދޫކޮށް ދާނެއެވެ. އަދި އެކަމުގެ ހިތާމައިގައި މިއަދު ވެސް އެތައް ބަޔަކު އަންނަނީ އަލިމަގެއް ފެނޭތޯ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ. ދިރިއުޅުމުގެ އުއްމީދީ ހުޅުކޮޅުގެ އަލި ފެންނާނެ ކަމުގެ ފޮނި އުއްމީދު ކުރާ ހާލެއެވެ.
ބައެއް ފަހަރު ތިމާ އެކަނި ވާ ވަގުތުތަކަކީ މާޒީގެ ކަޅު މަންޒަރުތައް ހިތަށް ސިފަ ވާނެ ވަގުތުތަކެކެވެ. ދަންނަންވީ އެފަދަ ކަންކަމުން އަރައިގަންނާށެވެ. އެފަދަ އެކަނިވެރި ވަގުތުތަކުގައި މާޒީގެ ބަނަ ޙަޔާތް ސިކުނޑިއަށް އަންނަނީ އެމާޒީއަކީ ތިމާގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާ މެހިފައިވާ ކަމަކަށް ވާތީއެވެ. އެފަދަ ކަންކަމާއެކު ވެސް ދަސް ކުރަންވީ ހިނިތުންވާށެވެ.
ޙަޔާތުގެ ނައު ދަތުރުކުރުމަށް ގަސްތު ކޮށްފައިވާ މަންޒިލަށް ވާސިލުވޭތޯ މަސައްކަތް ކުރުމުގައި އުޅޭށެވެ. ބަދަލުގައި މާޒީއާ ދޭތެރޭ ވިސްނައިގެން އެކަމުގެ ހިތާމައިގައި އުޅުމަކީ އޭގެން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ބަދަލުގައި ތިމާ ޣަރަޤުވެގެން ދާނީ ހިތާމައިގެ ފުން ކަނޑަކަށެވެ. އަދި ނިމިދާނީ ވެސް އެގޮތުގައެވެ.
ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމަކުން އަރައިގަތުމަށް މަސައްކަތް ކޮށް އެއިން ކޮންމެ ކަމަކީ ތިމާއަށް ލިބިގެންދާ ފިލާވަޅެއް ކަމުގައި ދެކޭށެވެ. އަދި އެކަމުން ފިލާވަޅު ލިބިގަތުމަށް ވެސް ދަސްކުރާށެވެ. އެހެނީ އެތައް ހަނދާން ތަކަކާއި އެތައް ވާހަކަތަކެއް އެކަންކަމުން ތިބާއަށް އެނގިގެންދާނެއެވެ.
ދިރިއުޅުމުގައި އެއްވެސް މީހަކަށް ބަރޯސާ ނުވާށެވެ. ތިމާގެ ކާމިޔާބީއަކީ ތިމާގެ އަމިއްލަ މަސައްކަތުން ހާސިލުވާނޭ ކަމެއް ކަން ހަނދާން ކުރާށެވެ. ދިރިއުޅުމުގެ މި ދަތުރުގައި އުޑުމަތި ބަނަ، މޫސުން ގޯސް ދުވަސްތައް އަންނާނެއެވެ. އަދި މޫސުން ރީތި އުޖާލާ ދުވަސްތައް ވެސް އަންނާނެއެވެ. ކޮންމެ ކަމަކީ ވެސް އެކަލާނގެ ކުރިމަތިކުރައްވާ އިމްތިހާނެއްކަން ވިސްނާށެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭނެ ބުރައެއް އެކަލާނގެ ނުދެއްވާނެއެވެ.