ރިޕޯޓް

މައުސޫމް އާނިސްއަށް ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ދޭ ފްލެޓް ޙައްޤެއް ނުވި ، އޭނަގެ ދިރިއުޅުމާ ގުޅޭ ހިތްދަތި އެތައް ވާހަކަތަކެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން
އާނިސް؛ ފްލެޓް ލިބުނު ލިޔުމާއެކު

ދަރީންނަކީ ﷲ ދެއްވާ ނިޢުމަތެވެ. އަމާނާތެކެވެ. ދަރީންނާއި މައިންބަފައިންނާ ދެމެދުގައި ﷲ ތަޢާލާ ލައްވާފައިވާ ލޯތްބާއިި ކުލުނުގެ ޖަޒުބާތަކީ އަޖައިބެއް ކަހަލަ ޖަޒުބާތެކެވެ. އަމިއްލަ ނަފުސަށް ނޭދޭ ވަރަށް ދަރީންނަށް ކަންކަން ޙާޞިލްވާން އެދުމާއި ދަރީންނަށް ޚިދުމަތް ކުރުމުގައި ކިތަންމެ ވަގުތަކާއި ހަކަތައެއް ހޭދަ ކުރި ނަމަވެސް ފޫހި ކަމެއް ނެތި އެކަމަށް ޝައުޤު އިތުރުވުމާއި ވަރުބަލިކަން އިހްސާސް ނުވުމަކީ މީގެ ބައެއް ހެއްކެވެ.

Ads by STELCO

ކައިވެނީގެ މަތިވެރި ގުޅުމާއެކު ކޮންމެ އަނތްބަކު ވެސް ނުވަތަ ފިރިއަކު ވެސް ދެން ކުރާ އުއްމީދަކީ އަދި މާ ބޮޑު އުފާވެރި ކަމެއް ހޯދުމެވެ. އަނތްބެއްގެ އިތުރުން މަންމައަކަށް ވެސް ވުމެވެ. ނުވަތަ ފިރިއެއްގެ އިތުރުން  ބައްޕައަކަށް ވެސް ވުމެވެ.

2008 ވަނަ އަހަރު ޒަވާޖީ ޙަޔާތެއް ފެށި ހާމިދު ރަޝީދާއި އޭނާގެ އަނބިމީހާ ވެސް ދެކެމުން ދިޔަ ފޮނި އުއްމީދުގައި ކުލަ ޖެހި 2010 ވަނަ އަހަރު އެ ދެމަފިރިންނަށް ލޯބިލޯބި އަންހެން ކުއްޖަކު ﷲ ތަޢާލާ މިންވަރު ކުރެއްވިއެވެ. އާއިލާއަށް އިތުރުވި މެހެމާނާއެކު މުޅި އާއިލާއަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ތުއްތު ދަރިފުޅުގެ ހަރަކާތްތަކާއި މޫނު މައްޗަށް ވެރިވާ ހިނިތުންވުމާއި ހީލާ ހީލުމާއި އިއްވަމުން ދިޔަ އަޑުތަކާއި އަދި އެ އަޑުތައް ބަސްތަކަށް ބަދަލު ވެގެން ދިޔަ ގޮތާއެކު ހާމިދުގެ ކޮންމެ ދުވަހެއް ، މަހެއް އަދި އަހަރެއް ވޭތުވެދިޔައީ ނުހަނު އުފަލުގައެވެ. ދުވަސްތައް އަހަރުތަކަށް ބަދަލުވެ ދިޔަ ގޮތް ނުވެސް އެނގޭ ޙާލުގައެވެ. މިއުފާވެރި ދުވަސްތަކުގައި ހޭދަ ކުރި 3 ވަނަ އަހަރު އާއިލާއަށް ލިބުނީ އަދި މާ އުފާވެރި ޚަބަރެކެވެ. އާއިލާއަށް މެމްބަރަކު އިތުރު ވަނީއެވެ. އަދި ދެވަނަ ދަރިއަކީ ފިރިހެން ކުއްޖެއްކަން އެނގުނު ހިސާބުން އެއުފާވެރިކަން ޚާއްޞަވެ އެއީ އުފަލުގެ ބޮޑު ޢީދަކަށް ބަދަލުވިއެވެ.

ފިރިހެން ދަރިއެއްގެ އުއްމީދުގައި ހުއްޓާ ލިބުނު ޚާއްޞަ ދަރިފުޅު 

ދެވަނަ ދަރިފުޅު ވިއްސުމުގެ ސާޖަރީ ހެދުމަށް ޙާމިދުގެ އަނބިމީހާ ވެއްދުމާއެކު ޙާމިދު މިހާރު އެހުރީ އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި މަޑުކޮށްގެންނެވެ. އުފާވެރި ޚަބަރަކަށް އިންތިޒާރު ކޮށްކޮށެވެ. ހެޔޮ ދުޢާ ކުރުން މަތީގައެވެ. މާގިނަ އިރުތަކެއް ނުވަނީސް ، ތެޅިތެޅިއޮތް ޙާމިދުގެ ހިތް ހަމަޔަކަށް އެޅުނީ ނަރުސް ކުއްޖާ އައިސް ދިން ޖަވާބުންނެވެ. އަނބިމީހާ ވިހައިިފިއެވެ. ފިރިހެން ކުއްޖެކެވެ.

ބާރުބާރަށް ހާމިދު ހިނގައިގަތީ ދަރިފުޅާއި އަނބިމީހާ ދެކިލުމަށެވެ. އޭނާގެ ޙަޔާތުގައި ރަސްކަން ކުރާނެ ރަސްގެފާނު އުރާލާ ލޯބި ކޮށްލާށެވެ. ނަމަވެސް ބާރު ހިނގުމުގައި ހުރި ހާމިދު ހިނގުން ، ނަރުސް ކުއްޖާ މަޑު ކުރުވައިފިއެވެ. އޭނާ ދައްކާ ވާހަކަ އަޑު އަހާލަން އެދި ހިތްވަރު ކުރަން ބުންޏެވެ.

ދާދި ދެންމެއަކުން އުފަލުން ފޮޅިފައި ހުރި ހާމިދަށް ނަރުސް ކުއްޖާ ދައްކާ ވާހަކައިގެ ސާފު މަންޒަރެއް ނުފެނި ، މަސްހުނި ޚިޔާލުތަކެއްގައި ހުރެ ދަރިފުޅާ ބައްދަލު ކުރަން ވަނެވެ. ފެނުނު ، ޤަބޫލު ކުރަން ވެސް ދަތިވި މަންޒަރުން ހާމިދު ހުއްޓުން އެރިއެވެ. އޭނާއަށް އިހްސާސްވީ ބަޔާން ކުރަން ވެސް ނޭނގޭ ފަދަ ހިތްދަތި ކަމެކެވެ. ދަރިފުޅުގެ ބޯ ، މިނުން ބޮޑުވެފައި މޫނުގެ ކަށިތައް އެތެރެއަށް ހުރުމާއެކު ލޯވެސް ހުރީ ބޭރަށް ނިކުމެފައެވެ. އަތާއި ފައިގެ އިނގިލިތައް ހުރީ ތަތްލާ އެއްވެފައެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި ސިކުނޑީގައި ވަނީ ފެން ވެސް އުފެދިފައެވެ.

ތުއްތު އާނިސް

ޙާމިދުގެ ޙަޔާތް ހުއްޓުނު ކަހަލައެވެ. އަނބިމީހާއަށް މި ޚަބަރު ދޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އަދި އާއިލާގެ އެހެން އެއްވެސް މެމްބަރަކަށް ކުއްޖާގެ މަންމައާ އެ ޚަބަރު ހިއްސާ ކުރާނެ ގޮތެއް ނޭނގި ހަނު ތިބީއެވެ. ނަމަވެސް އެ މީހުންގެ މޫނު މަތީން ފެންނަމުން ދިޔަ މަންޒަރުން ކުއްޖާގެ މަންމައަށް ޙަޤީޤަތެއް ނުފޮރުވުނެވެ. ކަމެއް ގޯސް ވެއްޖެކަން އެ މަންމައަށް އެނގި ޔަގީން ވެއްޖެއެވެ. ނުތަނަވަސްކަމުގައި އޮތް އެ މަންމަގެ ހިތް ފަޅައިގެން ދިޔައީ ދަރިފުޅު ފެނުމުންނެވެ. ތުއްތު ދަރިފުޅުގެ ނިކަމެތި ޙާލު ފެނުމުންނެވެ.

ކޮންމެ ސިކުންތެއްގައި ވެސް ކެތްތެރިކަން

ތުއްތު އާނިސް ދުނިޔެއަށް އައީ އާއިލާއަށް ހިތާމައާ މޮޅިވެރިކަން ގެނެސްދެމުން ކަމުގައި ވިޔަސް އެއީ ﷲގެ ނިޔާކަމަށާއި އެ އިލާހުގެ ފަރާތުން ކުރިމަތިވާ އިމްތިހާންކަން ދެނެތިބެ ޙާމިދުގެ އާއިލާ ދިޔައީ ޙަޤީޤަތާ ކުރިމަތިލަމުންނެވެ. ޢާއިލާ މެމްބަރުންގެ ވަކިލާރި ފުޅިތައް ވެސް ހުސްކޮށް އާނިސްގެ ފަރުވާއަށް އެމީހަކަށް ވީ މިންވަރަކުން އެހީވިއެވެ. ތުއްތު އުމުރުގައި އޮޕަރޭޝަން ނުކޮށްފިނަމަ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ނުރައްކާތެރިކަން އޮތް ޞިއްޙީ މައްސަލަ ވެސް ، އޮޕަރޭޝަން ކޮށް ޙައްލުވިއެވެ. ތަޢުލީމު ދިނުމަށް މަދަރުސާއަށް ފޮނުވަން ފެށިއެވެ.

އާނިސް: ސަރޖަރީއަކަށް ފަހު

ހާމިދުގެ މި އުދަނގޫ ދަތުރުގެ ކޮންމެ ސިކުންތެއްގައި ވެސް އޮތީ ކެތްތެރިކަމެވެ. އޯޓިސްޓިކް އާނިސްގެ އުޅުން ހުންނަ ގޮތުން މީހުން ބަލާ ބެލުމާއި ދެކޭ ގޮތުން ހިތަށް އަސަރު ކުރެއެވެ. ހިތަށް ތަދުވެއެވެ. އިވޭ ބަސްތަކުން ހިތް ފަޅައިގެން ދެއެވެ. އެ ބަސްތަކުން ހާމިދުގެ ހިތް މިޔަ އަޅަމުން ދިޔަ ނަމަވެސް ކެތްތެރިވުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

"އެއް ދުވަހަކު އާނިސްއާ ދިމާލަށް ބަލަމުން ކުއްޖަކު ބުނި ފުރޭތައެކޭ ، މަރާލަންވީއޭ"

ހަތްއަހަރުވީ އާނިސް މިހާރު 11 އޮޕަރޭޝަން ކޮށްފި ، ދަނޑުމަތީގައި ނޫނަސް ޢަލީ އަޝްފާގަކީ ޗެމްޕިއަނެއް

ޞިއްޙީ ތަފާތު ގިނަ މައްސަލަތަކަކާއެކު އުފަންވި އާނިސްގެ 11 ސަރޖަރީއެއް މިހާރު ހަދައިފިއެވެ. އޭގެ ތެރޭގައި ބޮލުގެ ސަރޖަރީއާއި އަތުގެ އިނގިލިތައް ވަކިކުރުމުގެ ސަރޖަރީތައް ހިމެނެއެވެ. ރާއްޖެއިން ބޭރުން ކުރި މި ހުރިހާ އޮޕަރޭޝަނަށް ވެސް ގިނަ ބައެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ. އެ އެންމެންނަށް ވެސް ޙާމިދު ޝުކުރު އަދާ ކުރަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އަދި އެކަމާއި ގުޅިގެން މުހިންމު އެހެން ނުކުތާއެއް ވެސް ހާމިދު ފާހަގަ ކުރިއެވެ.

"ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ، އަދި ބޮޑު އެއްޗެއް ނަމަވެސް ވާނީ ހަމަ އެއްވަރު"

ތެދެކެވެ. ﷲ ތަޢާލާ އެކި އިންސާނުންނަށް ފުދުންތެރި ކުރައްވާ ތަނަވަސް ކުރެއްވީ އެކި މިންވަރަށެވެ. އިޚްލާޞްތެރި ނިޔަތެެއް އޮތް ނަމަ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކުރެވޭ ޞަދަޤާތުގެ ޖަޒާ އެތައް ގުނައަކުން އިތުރު ކުރައްވާނެތެވެ.

ފޭސްބުކްޕޭޖް

މައުސޫމް އާނިސްއަށް އެހީތެރިވި އެތައް ބަޔަކު ވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އެހީތެރިކަމެއް މިހާތަނަށް ވެފައިވަނީ ރާއްޖޭގެ ލެޖެންޑް ކުޅުންތެރިޔާ ޢަލީ އަޝްފާގެވެ. އޭނާއަކީ ދަނޑުން ބޭރުގައި ވެސް ޗެމްޕިއަނެކެވެ.

އާނިސްގެ އަމިއްލަ ފްލެޓްގައި އޭނާ ޚިތާނު ކުރުމަށް ދުށް ހުވަފެން

އަންހެން ދެ ކުދިންނާއި އާނިސްގެ ބައްޕަ ޙާމިދު ވަޒީފާ އަދާ ކުރަމުން ދަނީ އެމްޕީއެލްގައެވެ. އެތަނުގެ ބަސް ޑްރައިވަރެއްގެ ވަޒީފާއިން އޭނާއަށް މަހަކު ލިބެނީ 13،14 ހާސް ރުފިޔާއެވެ. ދިރިއުޅެމުން ދަނީ 16 ހާސް ރުފިޔާއަށް ހިފާފައި ހުންނަ އެޕާޓްމަންޓެއްގައެވެ. މި ހިސާބު ދެކޮޅު ނުޖެހޭތީ ދެކޮޓަރީގެ އެ އެޕާޓްމަންޓުން އެއް ކޮޓަރި ހުންނަނީ 7 ހާސް ރުފިޔާއަށް ކުއްޔަށް ދީފައެވެ. އެހެންކަމުން ކުލި ދައްކާލާފައި ބިލްތަކާއި އެހެނިހެން ޚަރަދުތަކަށް ބާކީ އޮންނަނީ 4 ހާސް ނުވަތަ ފަސް ހާސް ރުފިޔާއެވެ.

މި ޙާލަތުގައި އާނިސްގެ ބޭސްފަރުވާގެ ކަންތައް ކުރަމުން ދިޔައީ އެކި ފަހަރު އެކި މީސްމީހުންގެ އަތުންނާއި ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެންނާއި އާންމުންގެ ދީލަތި އެހީއާއެކުގައެވެ.

ކުރިމަތީގައި އާނިސްގެ އެތައް އޮޕަރޭޝަންތަކެއް އަދިވެސް އޮތުމާއެކު ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުންވީ ހާމިދާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފާވެރި ކަމަކަށެވެ.

"ކުރީ ވެރިކަމުގައި ފޯމްލާ ނަަމްބަރު ކެޓީ އާނިސް ގޮވައިގެން ރާއްޖެއިން ބޭރުގައި ހުއްޓާ ، މިފަހަރު ދެން ފުލެޓް ލިބުނީމަ ހިތަށް އެރި އެތަނުގެ ކުލި ދައްކާފައި އާނިސްގެ ކަންކަމަށް ޚަރަދު ކުރަން ފައިސާ ރައްކާ ކުރެވޭނޭ"

ހާމިދު ބުނީ ފްލެޓްތައް ފެންނަމުން ދިޔައިރު އޭނާއަށް ވެސް ނުހަނު ބޮޑު އުފާވެރިކަމެއް ލިބެމުން ދިޔަ ކަމަށާއި އެކަމަށް އެތައް ގޮތަކުން ތައްޔާރީތަކެއް ވި ކަމަށެވެ. ހިތާމަވެރިކަމާއި ނާއުއްމީދުގެ ކުލައެއް ނުދައްކާ ކިތަންމެ ވަރަކަށް ހިނިތުންވުން ދައްކަން މަސައްކަތް ކުރި ނަމަވެސް އެ ވާހަކަތައް ކިޔައިދިން އިރު ހާމިދުގެ މޫނުން ފެނުނީ ހިތާމައެވެ. މާޔޫސް ކަމެވެ.

"އާނިސް ޚިތާނު ކުރާނީ އާނިސްގެ ފުލެޓްގައޭ އަހަރެމެން ނިންމީ ، އަދި އެތަނަށް ޑައުންޕޭމަންޓް ދައްކަން ލޯނެއް ނަގަން ޖެހިދާނެތީ ކުރިން ބޭންކުގައި އޮތް 30 ހާހުގެ ލޯން ވެސް ބައިބަޔަށް ދައްކައިގެން ނިންމިން ފުލެޓަށް ވަންނަންވާއިރަށް، ފުލެޓް ލިބި އަތްމަތި ތަންކޮޅެއް ތަނަވަސް ވާނެ ކަމަށް ބަލާފައި އޯޓިޒަމް ސެންޓަރަށް ވައްދަން ފޯމް ވެސް ނެގިން ، އެފޯމް ނެގި ގޮތަށް މިހާރު ވެސް އެ އޮތީ"

ފުލެޓް ލިބޭނެ ކަމުގެ އުއްމީދު އަދިވެސް ގެއްލުވާ ނުލަން

ހިޔާ މަޝްރޫއުގެ ފުލެޓްތަކުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން އާނިސްއަށް ފުލެޓް ލިބުނީ 90 ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް އެ ފުލެޓްތަކަކީ އިންސާނުން އުޅެން އެކަށީގެން ނުވާ ފުލެޓްތަކެއް ކަމަށާއި އެއީ ކޮތަރު ކޮށިތަކެއް ކަމަށް ކުރިން ސިފަ ކުރެއްވި ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދަކަށްވީ އެތަން ދީފައި ވަނީ އޭގެ ޙައްޤު ވެރީންނަށް ނޫން ކަމަށާއި އަލުން އެ ލިސްޓް ބައްލަވާ އޭގެ ޙައްޤު ވެރީންނަށް ފުލެޓް ދެއްވާނެ ކަމަށެވެ.

އެގޮތުން ވެރިކަމަށް ވަޑައިގަންނަވާ އެކުލަވާލެއްވި ފުލެޓް ކޮމިޓީން ގޭގެއަށް ޒިޔާރަތް ކުރައްވާ ޙާލަތު ބެއްލެވިއެވެ. ފުލެޓް ލިބުނު ފަހުން ޙާމިދުގެ އާއިލާއަށް އިތުރު ކުއްޖެއް ލިބިފައި ވީ ހިނދު ވެސް އަދި 9 ފޫޓް 11 ފޫޓްގެ ކޮޓަރިއެއްގައި އާނިސްއާއި އިތުރު ދެކުދިންނާއި ހާމިދުގެ ދެމަފިރިން ދިރިއުޅޭ ހިނދުގައި ވެސް އެ ކޮމިޓީއަށް ފެނިވަޑައިގަތީ ހާމިދުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެފައިވާ ތަނެވެ. އެހެންވެ ދިރިއުޅުމުގެ ޙާލަތަށް ދޭ ޕޮއިންޓް މަދުވެ އޭނާއަށް ޖުމްލަ ލިބުނީ 66 ޕޮއިންޓެވެ.

ފުލެޓް ކޮމިޓީން އެކުލަވާލި ވަގުތީ ލިސްޓް އާންމު ކޮށް ފުލެޓް ގެއްލުމާއެކު އެކަމާ ގުޅިގެން އެތައް މަސައްކަތެއް ހާމިދު ކުރިއެވެ. އަދިވެސް ދަނީ ކުރަމުންނެވެ. އެގޮތުން ވަގުތީ ލިސްޓަށް ޝަކުވާ ވެސް ހުށަހެޅި ކަމަށާއި އެ ޝަކުވާއަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށް ހާމިދު ބުންޏެވެ. އަދި ހައުސިން މިނިސްޓްރީއަށް ގޮސް މިނިސްޓަރާ ބައްދަލު ކުރެވޭތޯ ވެސް މަސައްކަތް ކުރެއްވި ކަމަށާއި އެކަން ވެސް ކާމިޔާބު ނުވި ކަމަށް ހާމިދު ބުންޏެވެ.

"އެމީހުން ބުނީ ކޮވިޑް ވީމަ އޮންލައިންކޮށް ރަޖިސްޓްރީ ކޮށްގެންނޭ އެޕޮއިންޓްމަންޓް ލިބެނީ ، ދެން އެގޮތަށް އެދުނީ ، މަހެއްވީއިރު ވެސް ބައްދަލު ނުވޭ ، އެންމެފަހުން އެ ވާހަކަ މީހަކު ޓްވީޓް ކުރީމަ މިނިސްޓަރ އަސްލަމް އަނެއް ދުވަހު ވިދާޅުވީ ސްޓޭޓް މިނިސްޓަރާ ބައްދަލު ކުރާށޭ"

ޙާމިދު ބުނީ އިއްތިފާގަކުން ސްޓޭޓް މިނިސްޓަރަކަށް ހުރީ އޭނާއާ އާއިލީ ގުޅުންތަކެއް ވެސް ހުރި މީހެއް ކަމަށާއި އެހެންވެ އޭނާގެ ފަރާތުން އެކަން ބަލައިދޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް އެމަގުން ވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބުނު ކަން އޭނާ ފާހަގަ ކުރިއެވެ.

އާނިސް: އޭނާގެ ހިތްވަރުގަދަ ބައްޕައާއެކު

"އެތައް މެމްބަރުންނަކާ ވެސް ބައްދަލު ކުރިން ސަމްޕަތު (ވިޝާމް) ، ޢަފީފު މިހެން ގޮސް ކިތަންމެ ބަޔަކާ ބައްދަލު ވެއްޖެ ، ޢަފީފު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ކުރީ ވައްކަމޭ ، މި ސަރުކާރުން އިންސާފުންނޭ (ފްލެޓް) ދީފައި ހުންނާނީ "

ހާމިދު ބުނީ ޑޮކްޓަރަށް ދައްކަން ދިޔުމުން އާނިސްއަށް ފްލެޓް ނުލިބުނީ ކީއްވެތޯ ޑޮކްޓަރުން ވެސް ސުވާލު ކުރާ ކަމަށެވެ. އަދި ފައިނަލް ލިސްޓް އިޢުލާން ކުރި ފަހުން ވެސް ފުލެޓްގެ ޙައްޤު ވެރީންނަށް ފުލެޓް ދެއްވާނެ ކަމަށް ރައީސް ސޯލިޙް ވިދާޅުވެފައިވާތީ އަދިވެސް ފުލެޓް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ރައީސް ސޯލިޙްގެ އެ ބަސްފުޅާއެކު ރައީސް އޮފީހަށް ވެސް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް ހާމިދު ބުންޏެވެ.

އާނިސްއާއެކު އާއިލާގެ ނިކަމެތި ދިރިއުޅުން ، ހާމިދުގެ ހުރިހާ ވެސް ޝުކުރެއް އަންހެނުންނަށް

އާނިސްއާއި 4 އޭނާގެ ތުއްތު 4 މަހުގެ ކޮއްކޮއާއި 11 އަހަރުގެ ދައްތައާއި މަންމައާއި ބައްޕަ ނިދަނީ 9 ފޫޓް 11 ފޫޓްގެ ކޮޓަރިއެއްގައެވެ. އާނިސްއަކީ ޚާއްޞަ އެހީއަށް ބޭނުންވާ އަދި އޯޓިސްޓިކް ކުއްޖަކަށް ވުމާއެކު އޭނާގެ މިޒާޖު ތަފާތެވެ. 7 އަހަރުވީއިރު ސިކުނޑި ހެދި ބޮޑުވެފައިވަނީ 2 އަހަރު ނުވަތަ 3 އަހަރުގެ ކުއްޖަކާ އެއްވަރަށެވެ.

އެހެންކަމުން ތިން އުމުރުގެ ތިން ޙާލަތުގެ ތިން ކުދީން އެއް ކޮޓަރިއެއްގައި ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ޕުއްޕު ވެސް ލާފާނެ ގޭގެ ތެރެއަށް ، ކޮޓަރިއަށް ، ކުޑަމީހާ ނިދާފައި އޮއްވާ ހަޅޭއްލަވައިގަނެފާނެ ، އަދި އަނެއް ކޮޓަރި ކުއްޔަށް ދީފައި ހުންނައިރު އަޅުގަނޑުމެން ކިހާ ބަލަން ޖެހޭނެ"

ހާމިދު ބުނީ އޭނާގެ ދިރިއުޅުމުގެ ހުރިހާ ވެސް މީހަކީ ރަނގަޅަށް ހަމަ ނިދި ނުލިބި އަރާމެއް ނުލިބި މަސައްކަތް ކުރާ އޭނާގެ އަނބިމީހާ ކަމަށެވެ. އަދި އެގޮތަށް އުޅެއުޅެ އަނބިމީހާ ވެސް މިހާރު ބަލިކަން ފާހަގަކޮށް ހިތުގައި ރިހޭ ހާލު ވެސް ހާމިދު އަނބިމީހާގެ ވާހަކަ ހިއްސާ ކުރިއެވެ.

"ގަރުދިޔަ ވެސް ހޫނުކޮށްގެން ކައިފާނެ ހަފްތާއެއް ވަންދެން ވެސް ، ސެންޓެއް އާ ހެދުމެއް އަގު ބޮޑު އެއްޗެއް ހޯދާކަށް ބޭނުމެއް ނުވާނެ"

ހާމިދު ބުނީ އާނިސް ގޮވައިގެން ގެއިން ބޭރަށް ވެސް ނުދާ ކަމަށާއި ސަބަބަކީ ގެއިން ބޭރަށް ގޮސްފިނަމަ ފިހާރައިން ފެންނަ ކޮންމެވެސް އެއްޗެއް ހޯދަން އެދޭނެ ކަމަށާއި ދެން އެ ހޯދައި ނުދެނީސް ރުއިމާއި ހަޅޭއްލެވުމާއި ރުޅިގަދަވުން ފަދަ ކަންކަން ނުހުއްޓާނެ ކަމަށެވެ.

"އޭނާގެ މިޒާޖު ހުންނަ ގޮތުން ބުނާ އެއްޗެއް ހޯދައިނުދެނީސް ދެން ހަމަޖެހުމެއް ނާންނާނެ ، އެހެންވެ ބޭރަށް ނިކުންނަ ދުވަހެއް ވެއްޖިއްޔާ 100،200 ރުފިޔާ ޚަރަދު ކުރަން ޖެހޭ ، ކިހިނެއް އެވަރަށް ޚަރަދު ކުރާނީ ، މިއަދު ވެސް ކުޑަމީހާއަށް ކޮއްޓެއް ގަތީމާ ، އާނިސްއަށް އެކަހަލަ އެއްޗެއް ނުހޯދާ ނުވި ، އެހެންވެ ގަތް އެއްޗެއް ތިހިރީ"

ކައިރީގައި ހުރި ކުޑަ ބައިސްކަލަކަށް އިޝާރާތްކޮށް ހާމިދު ބުންޏެވެ.

އާނިސްއަށް ހޯދައިދިން ބައިސްކަލްގައި

އާނިސްއަށް ބޭނުންވަނީ ލޯތްބާއި އެހީތެރިކަން

އާނިސްގެ ނޭފަތުގެ ކަށިގަނޑެއް އެތެރެއަށް ހުންނާތީ އެއީ ވީހާވެސް އަވަހަށް ކުރުން މުހިންމު އޮޕަރޭޝަނެކެވެ. އެކަށިގަނޑު އެހެން ހުރުމުގެ ސަބަބުން އާނިސްއަށް އަވަސްއަވަހަށް ރޯގާ ޖެހުންފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ފުލެޓް ލިބޭކަން ކަށަވަރުވެ ހާމިދު ދުށް އެތައް އުއްމީދެއް ފެނަށް ވެފައިވާއިރު ވެސް އަދިވެސް އޭނާ ދަނީ ފުލެޓް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ލިސްޓްގެ މޯހިރުގައި އޮޔާ ވަޔާ އޭނާ ބެހިގެންދާއިރު ދިރިއުޅުމުގެ ކޮޅެއް މެދެއް ނުފެނެއެވެ. ދަރިފުޅު ގޮވައިގެން ބޭސް ފަރުވާއަކަށް ދެވޭނެ އަމިއްލަ ފުދުންތެރިކަމެއް ނެތެވެ. ކުރެވެމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ނިވެމުން ގޮސް ކަނިވެއްޖެއެވެ.

މި ދަނޑިވަޅުގައި އާނިސްއަށް ބޭނުން ވަނީ އެންމެންގެ ލޯތްބާއި އަޅާލުމެވެ. ދައުލަތުގެ ރައްކާތެރިކަމެވެ. ބޯހިޔާވަހިކަން ކަށަވަރުވުމެވެ.

އާނިސް ފަދަ އެތައް ކުދީންނެއް އެތައް އާއިލާއެއްގައި ވާއިރު ތިމާއަށް އެފަދަ ކުއްޖެއް ލިބިއްޖެނަމަ ކުރާނޭ އަސަރާ އަޅާނޭ ވޭން އިހްސާސް ކޮށްލައްވާށެވެ. އާނިސްގެ ވާހަކައަކީ ހަމައެކަނި ހިތަށް ތަދުވާ ، ލޮލުން ކަރުނަ އޮހޭ ވާހަކައަކަށް ނުހަދާ ، އެ ކަރުނައިގެ އާދޭހަކީ ކުޑަމިނުން އާނިސްއަށް ކުރާ ހެޔޮ ދުޢާ އެއް ކަމުގައި ހަދަމާތޯއެވެ. ތަނަވަސްކަން ލިބިގެންވާ މިންވަރަކުން އާނިސްއަށް އެހީތެރިވަމާތޯއެވެ. ﷲ ބަދަލު ދެއްވާނެތެވެ.

 

ނޯޓް: އާނިސްއާ ގުޅޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާނަމަ ނުވަތަ އެހީތެެރިވާން ބޭނުންވާ ނަމަ އާނިސްގެ ބައްޕަ (ހާމިދު 7700415) އާ ގުޅުއްވުން އެދެމެވެ.

  1. ލިޔާމީހާ

    އާނިސްގެ ބައްޕަގެ މަސައްކަތުގަ ﷲބަރަކާތް ލައްވާ އާނިސް އަށް ހައްޤުވާ ބޯހިޔާވަހިކަން ލިބި މައުސޫމްއާނިސް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި: އާމީން

  2. ސޯލިހު

    ރައްޔިތުމީހާ ވެސް ސަރުކާރު މީހާވެސް ބޭނުންވަނީ ނިކަމެތި މީހާގެ ފުލެޓު ދިރުވާ ލެވޭތޯ.
    ބަލަން ތިބޭތި ނުހައްގުން މީހުންނަށް ދީފަހުންނަ ގެދޮރައް ވަދެގަތީމަ ވާގޮތް.
    އެއްވެސް ސަރުކާރަކައް ރައްޔިތު މީހާއައް ދިން ފުލެޓުގެ ލިޔުމެއް ބާޠިލު ނުކުރެވޭނެ އެޔަކީ އަސާސީ ހައްގެއް