ޚަބަރު

ވައިބަރ ގުރޫޕްތަކުގައި ކޮވިޑް-19އާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޑރ.މުހައްމަދު އަލީ ރައްދު ދެއްވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެޗްޕީއޭ އިން ހިއްސާ ކޮށްފައިވާ ކޮވިޑް19 ގެ މައުލޫމާތު ހިމެނޭ ވީޑިއޯއަކާ ގުޅުވައިގެން ވައިބަރ ގުރޫޕްތަކެއްގައި ދައްކާފައިވާ ވާހަކަތަކަކަށް ޑރ.މުހައްމަދު އަލީ ރައްދު ދެއްވައިފިއެވެ. 

Ads by Sosun Fihaara

އެގޮތުން ލޮނުމެދު ކެއުމުން ކޮވިޑް-19 އިން ރައްކާތެރިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކާ ގުޅިގެން ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި ނަމަވެސް ލޮނުމެދުގައި ބަލިތަކުން ރައްކާތެރި ކޮށްދޭ ބައެއް ކެމިކަލްތައް ހުރެދާނެ ކަމަށެވެ.

ކެމިކަލްތައް ހުރި ނަމަވެސް ލޮނުމެދު ކެއުމަކީ ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭ ކަމެއް ނޫން ކަމުގައި ވެސް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ދެވަނަ އަށް އޭނާ ރައްދު ދެއްވީ ވެކްސިންގެ ސަބަބުން ޑީ.އެން.އޭ ބަދަލުވާ ކަމަށް ބުނެފައިވާ ބުނުމަށެވެ. މި  ބުނުމަށް ރައްދު ދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ހެދިފައިވާ ވެކްސިން އަދި އެހެން ވެކްސިން އަކުން ނުވަތަ އެއްވެސް ބޭހަކުން ވެސް އިންސާނެއްގެ ޑީ.އެން.އޭ ބަދަލު ނުވާނެ ކަމަށެވެ.  

މީގެ އިތުރުން މައުތް ވޮޝް އިން ކޮވިޑް-19ގެ ބަލިން ރަނގަޅުވާނެ ކަމަށް ބުނުމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ އެއީ ތެދު ވާހަކަ އެއް ނޫން ކަމަށާއި މައުތް ވޮޝްއަކީ ކޮވިޑް-19 އަށް އޮތް ފަރުވާ އެއް ނޫންކަމަށެވެ.

ކޮވިޑް ޖެހިގެން ހާލަތު ބޮޑަށް ގޯސް ވަނީ ހަމައެކަނި މުސްކުޅިންނަށް ކަމުގައި ބުނެފައިވާ ވާހަކައަށް ވެސް ޑޮކްޓަރު މުހައްމަދު ޢަލީ ވަނީ ރައްދު ދެއްވާފައެވެ. ޑޮކްޓަރު ވިދާޅުވީ ބޮޑުވަރު ވެގެން އެޑްމިޓް ކުރަނީ ހަމައެކަނި މުސްކުޅިން ނޫން ކަމަށާއި ޒުވާން އަދި ޅަ އުމުރުފުރާގެ ކުދިންވެސް އެޑްމިޓް ކުރާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މުސްކުޅި އުމުރު ފުރައިގެ ނޫން މީހުންނަށް ވެސް ފަރުވާދެމުންދާ ކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.  

ވައިބަރ ގްރޫޕްތަކާއި އެހެނިހެން މަންސަ ތަކުގައި ވެސް ވެކްސިން ޖެހުމަށް ވުރެ ކޮވިޑް-19 ޖެހުން މާ ރަނަގަޅު ވާނެ ކަމަށް ބުނަމުން ދާތީ އެކަމަށް ވެސް ޑރ މުހައްމަދު އަލީ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ވެކްސިން ޖެހިޔަސް ބަލި ޖެހުމުގެ ފުރުޞަތު އޮތް ކަމަށެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ބަލި ހާލަތު ސީރިއަސްވެ އެޑްމިޓް ކޮށް ހާލު ދެރަވުމުގެ ފުރުސަތު 100 އިންސައްތަ ކުޑަ ކޮށްދޭ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. 

ޑރ މުހައްމަދު އަލީ ވަނީ ކޮވިޑް-19ގެ މަޢުލޫމާތު ހޯދުމަށް އިތުބާރު ހިފޭ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތު ލިބިގަތުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތަށް ޔުނިސެފް، ޑަބްލިޔު.އެޗް.އޯ އަަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ގެ ވެބްސައިޓްތަކުން މަޢުލޫމާތު ލިބޭނެ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ކޮމިއުނިޓީ އަކުން، ވައިބަރ އިން ނުވަތަ ވަޓްސް އެޕް އިން އަންނަ މެސެޖަކީ ސައްޙަ މަޢުލޫމާތު ކަމުގައި ނުވެދާނެތީ މިފަދަ ކަންކަމުގައި ފަރުވާތެރިވެ ސަމާލު ވުމަށް ޑރ މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

Ads by Ooredoo
  1. ފެކްޓް

    ޑީއެންއޭގެ ވާހަކަ އަށް ރައްދު ދިނުމަށް ކިހާ ދިރާސާއެއް ކުރުންތޯ!! ޑޮކްޓަރު ކިޔާތީ އޭ ކިޔާފަ ސާނަވީ ބައެއް ކުދިން ގުރުލާފަ އިޚްތިޔާރީ ޖަވާބުދޭ އުސޫލުން ޔެސް އޮ ނޯ ބުނީމަ ކޮންތާކުތޯ މިޖެހެނީ! ފުރތަމަ ކަމަކަކަށް ތިކިޔޭ އެއްޗެއްގެ ޢިލްމު އެބޙުރިތޯ؟؟؟ ކިޔާނުކިޔާ އަމިއްލައަށް އެބަ އެނގި ލައްވާތޯ؟

  2. އަޙްމަދު

    ހައިރާންވާން ޖެހޭ ކަމަކީ އެއްވެސް ހެއްކެއް ދެއްކެން ނެތް ދޮގު މަޢުލޫމާތު ފަތުރާތީ. އެޗެ.ޕީ.އޭ އަދި ޑރ. މުޙައްމަދު ޢަލީ ދޮގު މަޢުލޫމާތު ފެތުރުމުން އެ ދެވުނީ ރައްދެއް ކަމަށް ބެލެވެނީ ކިހިނެއްތޯ؟ ފަންނީ ތަހުލީލު ދައްކާފަ ބުނެފި ނަމަ، އެ ދެވެނީ “ރައްދެއް” ކަމަށް ބެލެވިދާނެ. ނޫން ނަމަ، މިއަށް ކިޔާނީ ރައްޔިތުން ގުނބޯ ހެއްދުން.