ދުނިޔެ

ކޮވިޑް ޖެހިގެން ނިޔާވާ މުސްލިމުންގެ ހަށިތައް އެންދުން ސްރީލަންކާއިން ހުއްޓާލައިފި

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކޮވިޑް ޖެހިގެން ނިޔާވާ މުސްލިމުންގެ ހަށިތައް އަންދަމުން ދިޔަ ސްރީލަންކާއިން އެކަން ހުއްޓާލައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވާ މުސްލިމުންގެ ހަށިތައް ވަޅުލުމަށް ދޫކުރުމަށް އެ ގައުމުގެ އިސްލާމީ ޖަމާޢަތްތަކުން ގޮވާލަމުން ދިޔަ ގޮވާލުންތަކަށް މިދިޔަ 10 މަސް ދުވަހު ، އެ ގައުމުން ބީރު ކަންފަތެއް ދިން ނަމަވެސް ސްރީލަންކާއިން މިއަދު ވަނީ އެ ގޮވާލުމަށް އިޖާބަ ދޭން ނިންމާފައެވެ.

ސްރީލަންކާއިން މި ގޮތަށް ނިންމާފައި ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވަނިކޮށް ކަމަށް ވެސް ޚަބަރުތަކުން ބުނެއެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހު އިމްރާންޚާން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެގައުމުގެ މައިނޯރިޓީ މުސްލިމުންގެ ލީޑަރުންނާ ވެސް ބައްދަލުކޮށް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ނިޔާވާ މުސްލިމުން ވަޅުލުމަށް ފުރުސަތު ދީ މުސްލިމުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށް ބޮޑު ވަޒީރު ވަނީ ސްރީލަންކާގެ ސަރުކާރަށް ގޮވާލާފައެވެ.

އޭގެ ފަހުން މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ޚާން ވަނީ ކޮވިޑް19ގައި ނިޔާވާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ފުރުސަތު ދިނުމަށް ނިންމެވީތީ ސްރީލަންކާގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް ވަޅުނުލާ އަންދާލުމަށް ޝްރީލަންކާއިން ނިންމާފައި ވަނީ ބުޑިސްޓުންގެ ވިސްނުންތަކެއްގެ މައްޗަށް ރިޢާޔަތް ކޮށްފައެވެ. އެމީހުން ދެކޭ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުން ވަޅުލައިފިނަމަ ބިމުގެ އަޑިއަށް ވެސް އަސަރުކޮށް ގަސްގަހާ ގެއްސަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެއެވެ. އެކަމުގެ ސަބަބުން ޖަނަވާރުންނާއި އިންސާނުންނަށް ވެސް އިތުރަށް ނުރައްކާ އޮތް ކަމަށް އެމީހުން ދެކެއެވެ.

ސްރީލަންކާއިން ވަނީ ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަށް ވެސް މީގެ ކުރިން ދިވެހި ސަރުކާރުގައި އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!