ލައިފްސްޓައިލް

ބޯއަޅާ ބާލީހުގެ ސަބަބުން ވެސް ސިކުނޑީގެ ބާރު ދަށްވާކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނިދާއިރު ބޯއަޅާ ބާލީހުގެ ސަބަބުން ތިބާގެ ސިއްޙަތަށް ވަރަށް ބޮޑެތި ގެއްލުންތައް ދިމާވެ އަދި ސިކުނޑީގެ ބާރު ދަށްވާކަން އަހަރެމެންގެ ތެރެއިން އެނގެނީ މަދު ބަޔަކަށެވެ.

Ads by STELCO

ނިދާއިރު ބޯއަޅާ ބާލީހަކީ އެމީހަކާ އެކަށީގެން ނުވާ އުސް ބާލީހަކަށް ވިޔަސް އަދި ތިރި ބާލީހަކަށް ވިޔަސް ނުވަތަ މާބޮޑަށް ހަރު ނުވަތަ މަޑު ބާލީހަކަށް ވިޔަސް ތިބާއަށް އޭގެން ނުހަނު ބޮޑެތި ގެއްލުންތައް ލިބި މުޅި ޙަޔާތުގައި ވެސް އެވޭނުގައި އުޅެން ޖެހިދާނެއެވެ. އެހެންކަމުން ތިބާ ބޯއަޅާ ބާލީހަކީ ކިހާ މުހިއްމު އެއްޗެއްކަން ވިސްނާ ކޮންސައިޒެއްގެ، ކިހާ ހަރުމިނެއްގެ ބާލީހެއްކަން އަމިއްލައަށް ދެނެގަންނަން އެބަޖެހެއެވެ.

އެކަށީގެން ނުވާ ބާލީހެއްގައި ބޯއަޅައިގެން އާދަވެގެން ނިދާ މީހަކަށް ކަރު ނުވަތަ ކަނދުރާގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުމާއި، އަދި ސިކުނޑީގެ ބާރު ދަށްވުމުގެ ނުރައްކާތެރި ކަމާ ކުރިމަތިލާން ޖެހުމުގެ ފުރުޞަތު ވަރަށް ވެސް ބޮޑެވެ.

އަދި މިނޫނަސް ނުރައްކާތެރި އެތައް ބަލިތަކަކާ ކުރިމަތި ލާންޖެހިދާނެއެވެ. އޭގެ ތެރޭގައި :

  • ބޮލުގައި ރިއްސުން
  • ހޮޑުލެވުން
  • ފެއިންޓްވުން
  • ފިކުރުބޮޑުވުން
  • ޑިޕްރެޝަން
  • އަބަދު ވަރުބަލިވެފައި ހުރެވޭކަމުގެ އިޙްސާސްވުން ހިމެނެއެވެ.

ބާލީސް އުފައްދާ ފެކްޓްރީއަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެމީހުން ސުވާލުކުރި މީހުންގެ ތެރެއިން %82 މީހުންނަކީ އެމީހުން ނިދާއިރު ބޯއަޅާ ބާލީސް ބާވެގެން އާ ބާލީހެއް ގަންނަން ޖެހޭނީ ކިހާ ދުވަހަކުން ކަމާއި، އަދި ބާލީހުގެ އުސްމިނާއި، ތިރިމިން ހުންނަން ޖެހޭނީ ވަކިވަރެއްގައި ކަން ނޭނގޭ މީހުންނެވެ.

އާދަވެގެން ބޯއަޅާ ބާލީސް މާބޮޑަށް އުސް ވެއްޖެނަމަ ކަނދުރާއާއި ހިސާބުން މައިކަށި ލެނބި ތަދު އިހްސާސް ކުރެވެން ފަށާނެއެވެ. އަދި ޚާއްޞަ ކޮށް އަންހެނުންގެ ކަނދުރާގެ މައިކަށި މިގޮތަށް ލެނބި ބޮޑަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ތިބާ ނިދަނީ އެއް އަރިއަކަށް އޮވެގެން ކަމަށްވާނަމަ ތިބާގެ ކޮނޑުކަށިގަނޑު ގޮދަޑީގައި ޖެހިފައި އޮންނައިރު ކަނދުރާ ކަތި ނުކޮށް ބާލީހަށް ކުޑަކޮށް ބާރުވާ މިންވަރަކަށް އުސްމިން ހުންނަ ބާލީހެއް އިޚްތިޔާރު ކުރާށެވެ. ބާލީހުގެ ސައިޒް ބަލާނީ ކަނދުރާއާއި، ގޮދަޑިއާއި ދެމެދު ހުންނަ އުސްމިނެކަށް ބަލާފައެވެ.

ތިބާ ނިދަނީ އުށްޑުން އޮވެގެން ކަމުގައިވީ ނަމަވެސް ކުރިން މިދެންނެވި ގޮތަށް ކަނދުރާ މާބޮޑަށް އުފުލިފައި ނޯންނާނެހެން ތުނި ބާލީހެއް އިޚްތިޔާރު ކުރާށެވެ.

އެހެންވީމާ އަރިއަށް އޮވެގެން ނިދާމީހަކާ އުށްޑުން އޮވެގެން ނިދާ މީހެއްގެ ބާލީހުގެ އުސްތިރިމިން ތަފާތުވެދާނެއެވެ. އެމީހަކަށް ހެޔޮވަރުގެ ބާލީހެއް އެންމެ ރަނގަޅަށް އިޚްތިޔާރު ކުރަން އެނގޭނީ އެމީހަކަށެވެ. ވިސްނާލަންވީ ކަމަކީ އޮށޯވެ އޮންނައިރު ހަށިގަނޑާ ބޮލާ އެއްވަރެއްގައި ބެހެއްޓުމަށެވެ.

މިކަމުގެ ސިއްޙީ މާހިރުން ވިދާޅުވާގޮތުން ތިބާ ބޯއަޅާ ބާލީހަކީ އާދައިގެ، އަގުބޮޑު ނޫން ބާލީހެއްނަމަ ކޮންމެ 6 މަހަކުން ބާލީސް ބަދަލު ކުރުން ރަނގަޅުވާނެ ކަމަށެވެ. ބާޒާރުން ލިބެން ހުންނަ އަގުބޮޑު މޮޅު ބާލީސް ނަމަ ބާލީސް ބަދަލު ކުރަން ޖެހޭނީ ކޮންމެ 18 މަހަކާ 36 މަހަކާ ދެމެދުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!