ރިޕޯޓް

އަލިފުށި ސުކޫލުގެ 100 އަށް ވުރެ ގިނަ ދަރިވަރުން ބަލިވެ، ސުކޫލަށް ހާޒިރު ނުވޭ، މުޅި ރަށް ހާސްކަމެއްގެ ތެރޭގައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އަލިފުށީގައި ގަދަ ރޯގާއެއްވަނީ ފެތުރެން ފަށާފައި -- ފޮޓޯ/އަލިފުށި ފޭސްބުކް ޕޭޖް

ރ.އަލިފުށީ ސުކޫލްގައި ތައުލީމް ހާސިލު ކުރަމުންދާ ގިނަ ދަރިވަރުންތަކެއްގެ މެދުގައި ރޯގާއެއް ފެތުރި ރަށުތެރޭގައި ހާސްކަމާއި ކަންބޮޑުވުން އުފެދިއްޖެއެވެ.

Ads by MWSC

އެރަށުގައި ރޯގާއެއް ފެތުރެމުން ދިއުމާ ގުޅިގެން މިއަދު ވެސް 123 ދަރިވަރުން ސުކޫލަށް ހާޒިރުވެފައި ނުވާއިރު، ގިނަ އަދަދެއްގެ ދަރިވަރުން ސުކޫލަށް ހާޒިރު ނުވާތާ ގާތްގަނޑަކަށް ހަފްތާއެއް ވެފައިވާ ކަމަށް އަލިފުށީ ހެލްތު ސެންޓަރުން ހާމަ ކުރެއެވެ. މިގޮތުން، އަލިފުށީ ހެލްތު ސެންޓަރުން ވާހަކަ ދެއްކެވި އާމިނަތު މޫސާ "ދެން" އަށް ވިދާޅުވީ، ވޭތުވެ ދިޔަ ތިން ދުވަހު 100 އަށް ވުރެ ގިނަ ކުދިން ސުކޫލަށް ހާޒިރު ނުވާއިރު، ކޮންމެ ކުއްޖެއްގެ ފަރާތުން ވެސް ފެންނަމުން ދަނީ ރޯގާގެ އަލާމާތް ކަމަށެވެ.

ހަމައެއާއެކު ރޯގާގެ އަލާމާތްތަކާއެކު ޑޮކްޓަރަށް ދައްކަން އަންނަ ދަރިވަރުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށާއި، އެއްވެސް ކުއްޖެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ފެންނަ ކަމުގައި ވަނީނަމަ އެފަދަ ކުދިންގެ ބެލެނިވެރިންނަށް އެދަރިވަރުން ސުކޫލަށް ނުގެނައުމަށް އިލްތިމާސް ކުރުމަށް އަލިފުށި ސުކޫލުގެ މެނޭޖްމެންޓާ ހިއްސާ ކޮށްފައިވާނޭ ވާހަކަ ވެސް އާމިނަތު މޫސާ ވިދާޅުވިއެވެ.

 "ސުކޫލުގެ މެނޭޖުމެންޓަށް ހިއްސާ ކޮށްލާފަ ވާނެ އަޅުގަނޑުމެންގެ ކޮންސަލްޓޭޝަންއަށް ރޯގައިގެ އަލާމާތްތަކާއެކީ ޑޮކްޓަރަށް ދައްކަން އަންނަ ކުދިންގެ ކޭސްތައް އިތުރުވަމުން ދާ ކަމަށް. ދެން އަޅުގަނޑުމެން އިންނާނެ ސުކޫލަށް ވެސް އިލްތިމާސް ކޮށްފަ ރޯގައިގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައި ވާނަމަ ޕޭރެންޓަށް އަންގާލާށޭ ސުކޫލަށް ނުގެންދިއުމަށް"

އާމިނަތު މޫސާ

މީގެ އިތުރުން ކޮވިޑްގެ އަލާމާތްތަކަކީ ރޯގައިގެ އަލާމާތްތަކާ ވަރަށް އެއްގޮތް އަލާމާތްތަކަކަށް ވުމުގެ ސަބަބުން، ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް ވާހަކަ ދެކެވުނު ކަމަށާއި އެހެންނަމަވެސް ރޯގާގެ އަލާމާތްތައް ފެންނަމުން ދަނީ ގިނައިން ކުޑަކުދިންގެ ފަރާތުން ކަމަށް ވާތީ، އެކަން މަޑުޖައްސާލި ކަމަށް އާމިނަތު މޫސާ ވިދާޅުވިއެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސުކޫލު ދަރިވަރުންގެ ރެންޑަމް ސާމްޕަލް ނެގުމަށް އެންގުމާ ގުޅިގެން މިއަދު އެމަސައްކަތް ފަށާފައި ވެއެވެ. އެގޮތުން މިއަދު މިހާތަނަށް 44 ދަރިވަރުންގެ ރޭންޑަމް ސާމްޕަލް ނަގާފައި ވެއެވެ.

ރެންޑަމް ސާންޕަލް ނަގަން އުނގޫފާރުން އައި ޓީމް -- ފޮޓޯ/އަލިފުށި ލައިވް ފޭސްބުކް ޕޭޖް

ސިއްހީމަރުކަޒަށް ބާރުބޮޑު، ކަންބޮޑުވުން އިންތިހާ!

އަލިފުށީގައި އާދަޔާ ޚިލާފަށް ރޯގާ ފެތުރުމާ ގުޅިގެން އަލިފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން އަންނަ ކުދިންގެ އަދަދު އިންތިހާ އަށް އިތުރުވެފައިވާއިރު، އެއްވެސް ކުއްޖެއްގެ ހާލު ދެރަ ނޫން ކަމަށް އާމިނަތު މޫސާ ފާހަގަ ކުރިއެވެ. އަދި ގިނައިން ޑޮކްޓަރަށް ދައްކަން އަންނަނީި ކަރުގައި ރިއްސުމާއި ރޯގާގެ އަލާމާތްތައް ފެންނަ ކުދިން ކަމަށް ވުމުގެ ސަބަބުން އެނދުމަތި ކޮށްގެން ފަރުވާ ދޭން ނުޖެހޭ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

އަލިފުށިން ގިނަ ބަޔަކު ބަލިވެގެން ޑަކްޓަރަށްވަނީ ދައްކާފަ -- ފޮޓޯ/އަލިފުށި ލައިވް ފޭސްބުކް ޕޭޖް

މީގެ އިތުރުން ސުކޫލުން އެހާ ގިނަ ދަރިވަރުން އެއްފަހަރާ ބަލިވެ ސުކޫލަށް ހާޟިރު ނުވެވި ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، ޚާއްސަކޮށް ކޮވިޑް-19 ފެތުރެމުންދާ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، އެހާ ބައިވަރު ކުދިންގެ ފަރާތުން ރޯގާގެ އަލާމާތް ފެނުމަކީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި އާމިނަތު މޫސާ "ވިދާޅުވިއެވެ. އަދި ރޯގާގެ އަލާމާތެއް ފެންނަ ނަމަ ސުކޫލަށް ނުފޮނުވުމަށް އިރުޝާދު ދެމުން އާއިމިނަތު މޫސާ ވިދާޅުވީ، ބޭސް ދިނުމަށް ފަހު ކުޑަކޮށް ރަނގަޅު ވުމުން އަލުން ސުކޫލަށް ފޮނުވާ މަންޒަރު މިހާރު ވެސް ފެންނަ ކަމަށާއި މިއީ މިކަން ކޮށްގެން ވާނެ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އިލްތިމާސް ކުރާ ކަމެއް އެއީ ޕޭރެންޓުންނަށް ބަލިވެގެން ހުންނައިރު ސުކޫލަށް ނުގެންދިއުމަށް. އެކަމުވެސް އަޅުގަނޑުމެންނަށް ފަހުން ފާހަގަ ކުރެވުނީ، ހުންއައިސް ހުންނަ އިރުގައި ވެސް ރޯގާ ޖެހިފައި ހުންނަ އިރު ވެސް އެކުދިންނަށް ބޭސް ދީފަ ވެސް ކުޑަކޮށް ރަނގަޅު ވީމަ ކުދިން ސުކޫލަށް ފޮނުވާކަން"

މީގެ އިތުރުން ރޯގާ އެހާ އަވަހަށް ފެތުރެން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އެއްކުއްޖަކު އަނެއް ކުއްޖަކަށް މާސްކު ނަގައިގެން އުޅޭ އުޅުމަށާއި، ރަށުތެރެ ވަރަށް ބޮޑަށް ހިރަފުސް ވުމާ ގުޅިގެން ކަމުގައި ވެސް އާމިނަތު މޫސާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރަށަށް ވާރޭ ނުވެހުމުގެ ސަބަބުން ކުރިން ވެސް ރޯގާ ފެތުރެމުން ދާ ކަމުގައި އާމިނަތު މޫސާ ފާހަގަ ކުރެއްވިއެވެ.

މިފަދަ ކަންކަން މަދުކޮށް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި، ސުކޫލު ދަރިވަރުންގެ ބެލެނިވެރިން ހިމެނޭ ގޮތަށް ވައިބަރ ގުރޫޕުތަކެއް ތައްޔާރުކޮށް، ބަލީގެ އެއްވެސް އަލާމާތެއް ވާނަމަ ދަރިވަރުން ސުކޫލަށް ނުފޮނުވުމަށް އެންގުމުގެ އިތުރުން، ރަށުތެރެ ހިރަފުސް ވުމުގެ ސަބަބުން ރަށުގެ މަގުތަކަށް ފެން ޖެހުމުގެ ގޮތުން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އާމިނަތު މޫސާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުންނަ ފަރާތެއް ވާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ ނޫޅުމަށް ހެލްތު ސެންޓަރުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ސުކޫލަށް ހާޒިރު ނުވާތީ ސުކޫލުގެ ވެސް ކަންބޮޑުވުން!

އަލިފުށީގައި ރޯގާއެއް ފެތުރެމުން ދިއުމާ ގުޅިގެން އަލީފުށި ސުކޫލު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަލީ ޝަހީމް ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އާންމުކޮށް ހެނދުނުގެ ނާސްތާއަށް ފަހު ވަރަށް ގިނަ ކުދިން ބަނޑުގައި ރިއްސާ ހޮޑުލަވާތީ އަންނަ ކަމަށާއި، ފާހަގަ ކުރެވޭ ވަރަށް ، ކުދިން އެންމެ ފުރަތަމަ ، ސުކޫލަށް ހާޒިރު ނުވީ މިދިޔަ ހޯމަ ދުވަހު ކަމަށާއި، އެދުވަހު ގާތްގަނޑަކަށް 102 ދަރިވަރުން ހާޒިރު ނުވާކަމަށް ޝަހީމް ވިދާޅުވިއެވެ. ހަމައެހެންމެ ޖެހިގެން އައި ދުވަހު ގާތްގަނޑަކަށް 106 ދަރިވަރެއް ސުކޫލަށް ހާޒިރު ނުވާ ކަމަށް ސުކޫލުގެ ހާޒިރީން ދައްކާ ކަމުގައި ޝަހީމް ފާހަގަ ކުރެއްވިއެވެ. ދުވަހެއް ދުވަހަކަށް ސުކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު މަދު ވަމުންދާއިރު، މިއަދު 123 ދަރިވަރެއް ސުކޫލަށް ހާޒިރުވެފައެއް ނުވެއެވެ.

"އާންމުކޮށް ނާސްތާ އަށް ފަހު ވަރަށް ގިނަ ކުދިން (އޮފީހަށް) އަންނާނެ ބަނޑުގައި ރިއްސާތީ ނުވަތަ ހޮޑުލަވާތީ. ދެން އައިސް ކުޑަކޮށް އިނދެލާފަ ދާނީ. ބައެއް ކުދިން ދާނެ ގެއަށް. އެކަމު މިފަހަރު ވީ ގޮތަކީ އާދިއްތަ ދުވަހު ގިނަ ކުދިން އެބްޒެންޓު ހަމަ. ހޯމަ ދުވަހުގެ ހާޒިރީ ބަލާފަ ޓީޗަރުން ވަރަށް ކަންތައް ބޮޑުވި"

އަލީ ޝަހީމް

މީގެ އިތުރުން ޝަހީމް ފާހަގަ ކުރެއްވީ ސުކޫލަށް ހާޒިރުނުވާ ކަމަށް ބޮޑަށް ފާހަގަ ކުރެވެނީ ކީ ސްޓޭޖު ކުދިން ކަމަށެވެ. ކަންމިހެން އިތުމާއެކު ސުކޫލުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ވިސްނަވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، މިވަގުތު މިނިސްޓްރީން ވިދާޅު ވަނީ ސުކޫލަށް ދަރިވަރުން ހާޒިރުވެގެން ކިޔަވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"މިވަގުތު މިނިސްޓްރީން ވިދާޅު ވަނީ ސުކޫލުގެ ކިޔެވުން އަދި ކުރިއަށް ގެންދަން، ދެން މާދަމާއަކީ ހަފްތާގެ ފަހު ދުވަސް ކަމަށް ވުމާއެކު ދެން އޮތީ ކުރިއަށް ބަންދު ހަފްތާއެއް ވިީމަ މާދަމާ ވެސް ހަމަ ކިޔެވުން ކުރިއަށް ގެންދަން ނިންމާފަ އޮތީ"

އަލީ ޝަހީމް

މިކަމާ ގުޅިގެން ސުކޫލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، ޚާއްސަކޮށް ތުއްތު ކުދިން ބަލިވާ މިންވަރު ގިނަ ވުމުގެ ސަބަބުންނާއި އެކުދިންނަށް ގިނަ ފިލާވަޅުތަކެއް ގެއްލިގެން ދިއުމާ ގުޅިގެން އެކަމާ ސުކޫލުގެ ފަރާތުން ވަރަށް ކަންބޮޑުވާ ކަމުގައި ޝަހީމް ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo
  1. ޖުމްލަ ކިތައް ކުދިން ކިޔަވާ ސުކޫލެއްތޯ ތިއީ؟

  2. ޏަމްޏަމް

    މާކަ ގިނަ ފިލާވަޅު ތަކެއް ނުހުންނާ ނެ ގެއްލޭ ކަށް
    މިހާރު ތި ގްރޭޑްގަ އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ..

  3. އިންތިު ކައިރިވާކަން އެބަ އިނގޭ