ޚަބަރު

އަދުރޭގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެެއް ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

އަދުރޭގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާއެވެ. ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައިހުރެ، ހަޑިހުތުރު އެއްޗެހިކިޔައި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!