ޚަބަރު

ކައުންސިލް އިންތިހާބު ބާއްވައިފިނަމަ އެމްޑީޕީ ޖެހޭނީ ލަދުގަންނަން: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އޮތް ތާރީހުގައި ބާއްވައިފިނަމަ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތުން އެމްޑީޕީ ލަދު ގަންނަން ޖެހޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަދުރޭ ވިދާޅުވީ އެއްވެސް ކަމެއްގެ ސަބަބުން އިދިކޮޅުގެ އެއްވެސް ހަރަކާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި ލޯކަލް ކައުންސިން އިންތިހާބު ބާއްވައިފިިއްޔާ އެމްޑީޕީ ޖެހޭނީ ލަދުގަންނަން ކަމަށެވެ. އަދުރޭ މިހެން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އޭނާއަށް ދައުވާ އުފުލައިގެން އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

“ލޯކަލް ކައުންސިން އިންތިހާބު ބާއްވައިފިިއްޔާ އިރާދަކުރެއްވިއްޔާ އެމްޑީޕީ ޖެހޭނީ ލަދުގަންނަން. އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނަން” އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދު ކުރިޔަށް ދިޔައިރު އޭނާ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދައުވާއަކާ ސާފު ނުވާކަމަށް ބުނެ ބައެއް ސުވާލުތައް ވަނީ އުފައްދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!