ދުނިޔެ

އޮކްފޯޑް ވެކްސިން ޖެހި އެކަކު މަރުވެ، އިތުރު މީހެއްގެ ހާލު ސީރިޔަސް ވުމުން އޮސްޓްރިއާގައި ވެކްސިން ދިނުން މެދު ކަނޑާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެސްޓްރާޒެނިކާއާއި އޮކްފޯޑް އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖެހި އެކަކު މަރުވުމާއި، ވެކްސިން ޖެހި އިތުރު މީހެއްގެ ހާލު ސީރިޔަސްވުމުން، އެމީހުން ވެކްސިން ޖެހި ބެޗްގައި ހިމެނޭ ވެކްސިންތައް ނުޖެހުމަށް އެޤައުމުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެޤައުމުން މިގޮތަށް ނިންމާފައި ވަނީ، 49 އަހަރުގެ ވެކްސިން ޖެހި އަންހެނަކު ލޭ ގަނޑުވެ، (ބްލަޑް ކޯގްލޭޝަން) މަރުވުމާއި، 35 އަހަރުގެ މީހެއްގެ ނޭވާލާ ނިޒާމަށް ލޭ ދައުރުކޮށްދޭ ހޮޅިއެއް ތާށިވެ (ޕަލްމޮނަރީ އެމްބޮލިޒަމް) ހާލު ސީރިޔަސްވުމާ ގުޅިގެންނެވެ.

އޮސްޓްރިއާގެ ސިއްޙަތާ ބެހޭ އިދާރާ އިން ނެރުނު ބަޔާނެއްގައި މިމީހާގެ މަރާ ވެކްސިންއާ ގުޅުމެއްވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއީ މާ ބޮޑު ހެއްކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނޫން ކަމަށާއި މިކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފަރާތުން ބުނެއެވެ. އެވުޒާރާއިން ބުނެފައި ވަނީ ލޭ ގަނޑުވުން (ބްލޮޑް ކްލޮޓިންގ) އަކީ ވެކްސިންގެ ސައިޑް އިފެކްޓެއްތޯ ބެލުމުގެ ތަޙްޤީޤް މިހާރު ކުރެވެމުން އަންނަ ކަމަށާއި ހާލު ގޯސްވި މީހާއާއި މަރުވި މީހާ ޖަހާފައި ވަނީ އެއް ބެޗެއްގެ ވެކްސިން ކަމުން، އެ ބެޗް ދިރާސާ ކުރަން ނިންމާފައިވާ ކަމަށެވެ.

މި ވެކްސިން ބެޗް އުފައްދާފައި ވަނީ ކޮން ކާރުޚާނާއަކުން ކަމެއް ނުވަތަ ބެޗްގައި ހިމެނެނީ ކިތައް ވެކްސިން ޑޯޒް ކަމެއް އެޤައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މިވެކްސިން އުފައްދާ ކުންފުނިން އެސްޓްރާ ޒެނިކާއިން ބުނެފައި ވަނީ، އޮސްޓްރިއާގެ ސަރުކާރަށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމާށާއި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އެސްޓްރާޒެނިކާއާއި އޮކްފާޑް އިން އުފެއްދި ވެކްސިން ރައްކާތެރި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔޫރަޕިއަން މެޑިކަލް އެޖެންސީން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައި ވަނީ 23,000 މީހުންނަށް އަމާޒުކޮށްގެން އެކުންފުނިން ކުރިޔަށް ގެންދިޔަ ޓްރައިލް ނަތީޖާތަކަށް ފަހުގައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!