ބޭއަދަބީ ބަސް ބޭނުން ކުރެއްވުމުން މޮސްޓާއަށް ފިޔަވަޅު އަޅައިފި

ބޭ އަދަބީ ބަސް ބޭނުން ކުރައްވައިގެން މުއާމަލާތް ކުރެއްވި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މަޖިލީހުން ނަސޭހަތްތެރި ވެއްޖެއެވެ.
އޭނާ އަށް އަޅާ ފިޔަވަޅުގެ ގޮތުގައި ލިޔުމުން ނަސޭހަތްތެރިވުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.
މޮސްޓާއަށް ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕްގައި ބޭއަދަބީ ބަހުން މުހާތަބު ކުރައްވާފައިވާ މައްސަލައިގައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި މޮސްޓާއަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
މޮސްޓާ މީގެ ކުރިން ވެސް ރައީސް ނަޝީދުއަށް އަމާޒުކޮށް ގިނަ ޓްވީޓުތަކެއް ކޮށްފައިވެއެވެ. އެގޮތުން ފަރިއްކޮޅު ހިއްޕެވުމަށް ގަލޮޅު ކަންމަތީ ހޮޓަލަށް ރައީސް ނަޝީދު ވަޑައިގެންނެވި މަންޒަރު ފޮޓޯ ނަގައި އެމްޑީޕީގެ އެކްޓިވިސްޓުން މީސްމީޑިޔާގައި އާންމުކުރުމާ ގުޅިގެން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި މިހާރު ރައްޔިތުން ބަލައިގަންނާނީ އަމަލުން ރައްޔިތުންނަށް ތަސައްލީ ލިބޭނެ ސިޔާސަތުތަކެއް ތަންފީޒުކުރައްވާ ބޭފުޅެއް ކަމުގައެވެ. އަދި ސިޔާސީ ބޭފުޅުންގެ ދެއްކުންތެރިކަމާއި ހީލަތުގެ ގުއިރޯނުގައި މިހާރު ރައްޔިތުން ނުޖެހޭނެކަން މޮސްޓާ ފާހަގަ ކުރެއްވިއެވެ.
މޮސްޓާއަށް ފިޔަވަޅު އަޅާފައިވާއިރު އޭނާއާމެދު ކުރެވޭ ތުހުމަތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައިވާ ބަސްތަކަކީ ކޮބައިކަމެއް ވެސް ހާމަވެފައެއް ނުވެއެވެ.