މިއަދު ސުކޫލު ދެކެ ތިބާ ކިތަންމެ ރުޅި އަޔަސް، މާދަމާ އެސުކޫލު މަތިން ހަނދާންކޮށް ތިބާ ކަރުނަ އަޅާނެއެވެ.
ސުކޫލަކީ ކޮންމެ މީހެއްގެ ވެސް ތައުލީމު އުނގެނުމަށް އެޅޭ އެންމެ ފުރަތަމަ ބިންގަލެވެ. ވީއިރު ގުރޭޑު 1 އިން ގުރޭޑު 10 އާ ހަމައަށް ތައުލީމު ހާސިލު ކުރުމުގައި އެ ހޭދަ ވަމުންދާ 10 އަހަރަކީ އެތައް ހަނދާންތަކެއް އެތައް ތަޖުރިބާ ތަކެއް ތިބާއަށް ހޯދައި ދީފައިވާ އަހަރު ތަކެކެވެ.
އެއްބަޔަކު އެ ދުވަސްތައް ހިނިތުންވުމާއެކު ހަނދާން ކުރަމުން ގެންދާއިރު، އަނެއް ބަޔަކު އެ ދުވަސްތައް ހަނދާން ކުރާނީ ގިސްލާ ކަރުނަ އަޅާ ޙާލުގައެވެ. އެހެނީ އެތަނަކީ ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާން ތިމާގެ ނަފްސު ޓްރެއިން ވުމަށް އެހީވެދިން މަދަރުސާއެވެ. އެތަނަކީ ރަނގަޅު މުސްތަޤުބަލެއް ބިނާ ކުރުމަށްޓަކައި އެތައް ރެއަކާއި ދުވާލެއް ހޭދަކޮށް އެތައް ނިންޖެއް ނަގާލެވުނު ސުކޫލެވެ.
ހަމައެކަނި ތައުލީމު ހާސިލު ކުރުމެއް ނޫނެވެ. އިތުރު ހަރަކާތްތަކުގައި އަމަލީ ގޮތުން އެތައް މަސައްކަތްތަކެއް ކުރަން ފެށުނީ ވެސް ހަމަ ސުކޫލުންނެވެ. ތިބާގެ ކިބައިގައިވާ ހުނަރުތައް އެހެން ފަރާތްތަކަށް ދެއްކުމަށްޓަކައި ވެސް އެންމެ ފުރަތަމަ ފިޔަވަޅެއް އެޅުނު ތަނަކީ އެ ސުކޫލުގެ ސްޓޭޖެވެ. އެތައް ޓީޗަރުންނަކާ ގުޅުން ބަދަހިވެ އެތައް ވާހަކަތަކެއް ދެކެވުނު ތަނެކެވެ. ވީއިރު އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ތަނެއް ނޫނެވެ.
މިއަދު ޒަވާޖީ ޙަޔާތެއް ފަށައިގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ދެމީހުންނަކީ އެކުގައި ތަޢުލީމު ހާސިލު ކުރަމުން ދަނިކޮށް ދިމާވި ދެމީހުންނަށް ވެސް ވެދާނެއެވެ. އެސުކޫލުގައި ސިއްރު ސިއްރުން ބައްދަލުކޮށް އެތައް ވާހަކަތަކަކާ އެތައް ހަނދާން ތަކެއް ބިނާ ކުރެވުނު ނޫން ހެއްޔެވެ؟ އެއީ އިއްޔެ ތިބާ ނުދާން ބޭނުންވި ސުކޫލެވެ. މިއަދު ފުރާ ފުރިހަމަވެ ޒިންމާތަކެއް ބޮލުގައި އެޅުވުމުން، އަލުން ސުކޫލަށް ދިޔަ ދުވަސްތައް ހަނދާން ވާން ފެށީ ހެއްޔެވެ؟ ވާނީވެސް އެހެންތާއެވެ. އެއީ އަހަރެންގެ މަދަރުސާއެވެ. އެތަނުގައި އެތައް ހަނދާނެއް ވެއެވެ. އެތަނުގައި އެތައް ބަޔަކު ރައްޓެހިންނަށް ވިއެވެ. އަދި އެތަނުގައި އެތައް ބަޔަކު ބީރައްޓެހިންނަށް ވެސް ބަދަލުވެގެން ހިނގައްޖެއެވެ. އެއީ ވެސް ތަޖުރިބާއެވެ. ފުން ހަނދާންތަކެކެވެ.