އެޗްޕީއޭގެ އިތުބާރު ރައްޔިތުންނަށް ގެއްލޭތީ ދުންޔާގެ ކަންބޮޑުވުން
ކޮވިޑް-19 ކޭސްތަކުގެ އަދަދު މަދުނުވެ، އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ވެސް، ކަނޑައެޅިފައިވާ ތާރީހުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތްތޯ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު ކުރައްވައިފިއެވެ.
ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި އެޗްޕީއޭއިން އަޅަމުން އަންނަ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެޗްޕީއޭއާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ގެއްލޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ދުންޔާ އިޝާރާތް ކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރުމާ ގުޅިގެން އެކަމާ ގުޅިގެން ގިނަ ރައްޔިތުން އެޗްޕީއޭއަށް ފާޑު ކިޔަމުން ދާތީ އެކަމަށެވެ.
މީގެ އިތުރުން ދުންޔާގެ ޓްވީޓުގައި ވަނީ ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ގިނަ ދުވަސްވަރެއްގައި އިންތިހާބު ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތްތޯ ވެސް ސުވާލު ކުރައްވާފައެވެ.
އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ނެރުނު އެ އުސޫލުގައި ބުނެފައި ވަނީ ކެނޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލު ކުރަން ވާނީ އެ އޭޖެންސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރަން ވާނީ އެ އޭޖެންސީން އެކަމަށް ހާއްސަކޮށް ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ އެޗްޕީއޭ އިން އާންމު ކުރާ ގައިޑްލައިނާ ޚިލާފު ވެއްޖެ ނަމަ އެ ކެނޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ އެ އޭޖެންސީގެ ކަރަންޓީނު ކުރުމުގައި އަމަލު ކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުން ފާޅު ކުރަމުންނެވެ.
ކަމަނާގެ ވާހަކފުޅުގެ މަފުހޫމް އޮޅިއްޖެ. ބަލަގަ. ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބު ބޭއްވުނީވެސް ކޮވިޑް ތެރޭގައޭ.