ދީން

ބަރާބަރަށް ނަމާދު ނުކުރިއެއްކަމަކު އަހަރެން ފާފަތަކަކަށް އަރައެއް ނުގަންނަމެވެ. ނުރައްކާތެރި ވިސްނުމެއް!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ މުޖުތަމަޢުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ، ދީނީ ޢިލްމްވެރިންނާއި ދީނީ ޢިލްމް ފެތުރުމަށް އުފައްދާފައިވާ ގިނަގުނަ ޖަމްޢިއްޔާތަކާއި ވަކިވަކި ފަރުދުން ކުރަމުންދާ މިންނަތް މަސައްކަތްތަކަކީ މީގެ ކުރީގެ ޒަމާނެއްގައި ދިވެހީން ދެކެފައިނުވާފަދަ ހިތްވަރުގަދަ ، ބުރަ މަސައްކަތްތަކެކެވެ. ﷲގެ ރަޙުމަތް ފުޅުން ނަމާދު ޤާއިމްކޮށް ދީނީ ވާޖިބުތަކަށް ފަރުވާ ބަހައްޓަމުންދާ މީހުން އިތުރުވަމުންދާ ކަމީ ﷲއަށް ޙަމްދުކޮށް ، އުފާކުރުން ޙައްޤު ކަމެކެވެ. ނަމަވެސް މަދުން ނަމަވެސް އަދިވެސް މިފަދަ ވިސްނުންތައް މުޖުތަމަޢުތަކުން ފެންނަކަމީ ހިތާމަވެރި ކަމެކެވެ. ބަރާބަރަށް ނަމާދު ނުކުރިއެއް ކަމަކު ފާފަތަކަށް އަރައިނުގަންނަ ވާހަކައަކީ މަދުން ނަމަވެސް އިވޭ އަޑެކެވެ.

Ads by STELCO

ތެދެކެވެ. ފާފަތަކަށް އަރައިނުގަތުމީ އުފާވެރި ކަމެކެވެ. ނަމަވެސް ، ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަން ކަމުގައިވާ ނަމާދު އެޅުމަށްވުރެ ބޮޑު ނުބައިކަމެއް ، އެއަށްވުރެ ބޮޑު ސުންޕާކަމެއް އޮންނާނެ ހެއްޔެވެ؟

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދާއި ބެހޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ…) (1)

މާނައީ: “ހުރިހާ ކަމެއްގެ އެންމެ އިސްކަމަކީ އިސްލާމްކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ…”

ތަނބަކީ ގޭގެ ފުރާޅު ނުވަތަ މަތީ ބައިތައް ހަރުކޮށްދޭ އެއްޗެވެ. އެތަނބު ހަލާކުވެއްޖެނަމަ ގެ ވެއްޓޭނެއެވެ. މަތީގައިވާ ފަންގިފިލާތައް ވެސް ވެއްޓޭނެއެވެ. އިސްލާމްދީނުގައި ނަމާދަކީވެސް މިފަދަ ކަމެކެވެ. އަޅުގަނޑުމެންގެ ދީން ލައްކޮށްފައި ހުންނަ ތަނބަކީ އެއީއެވެ. އެ ދޫކޮށްލައިފިނަމަ، ތަނބުދޫކޮށްލައިފިނަމަ ދެން ބާކީ އޮންނާނީ ކޮންއެއްޗެއްތޯއެވެ؟

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ނަމާދުގެ މުހިންމުކަން ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވާފައިވެއެވެ. (الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ) (2) މާނައީ: “އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ފަރަޤަކީ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ.”

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ) (3)

މާނައީ: “ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދުއެޅުމެވެ.” މި ދެޙަދީޘުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުފުރާއި ޝިރުކު ކުރުމާއި މުސްލިމުން ވަކިކޮށްދޭ ކަމަކީ، އެބަހީ ކާފަރުވުމުން، ތަފާތުކޮށްދޭ ކަމަކީ ނަމާދުއެޅުންކަމުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން ނަމާދު އެޅުމުން މި ތަފާތު މި އިންފާރު ލުހިގެން ދެއެވެ. އެހެންކަމުން ކުފުރާއި ޝިރުކަށް އެމީހަކު ވެއްޓިގެންދެއެވެ.

ނަމާދު ނުކުރުމުގެ ސަބަބުން ނަރަކައަށް އެއްލޭ މީސްތަކުންގެ ތެރޭގައިވެއެވެ. އެކަމާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. (مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ) سورة المدثر: 42-43

މާނައީ: ” (ބުނެވެއެވެ.)ފަހެ ތިޔަބައިމީހުން ސަޤަރަށް އެއްލުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނެއެވެ. ފަހެ ނަމާދު ނުކުރާ މީހުންކަމުގައި ތިމަންމެން ވީމުއެވެ.”

އަދި ސަޤަރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ﷲ ވަޙީކުރައްވަފައިވެއެވެ.
( وَمَا أَدْرَاكَ مَا سَقَرُ، لَا تُبْقِي وَلَا تَذَرُ، لَوَّاحَةٌ لِّلْبَشَرِ) سورة المدثر: 27-28-29

މާނައީ: “އަދި ސަޤަރަކީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. އެއްވެސް (ފާފަވެރިޔަކު) އެނަރަކަ ދޫނުކޮށްލައެވެ. އަދި (އަންދައިނުލާ އެއްވެސް އެއްޗެއްވެސް) ދޫނުކުރެއެވެ. ހަންގަނޑު އަންދާލައެވެ.”

ފަހެ ، ނަމާދަށް އިންކާރުކުރާ ޙާލު ، ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކުފުރެއް ކަމަށް އުއްމަތުގެ ހުރިހާ ދަންނަ ބޭކަލުން އިއްތިފާގުވެއެވެ. ދެންފަހެ ، ނަމާދު ފަރުޟުވެގެންވާ ކަމަށް އިޢުތިޤާދުކޮށް އެކަމަށް އީމާންވުމާއެކު ކަންނެތްކަމުން ނުވަތަ ޝަރުޢީ ޢުޛުރަކާ ނުލައި ފަރުވާ ކުޑަކަމުން ނަމާދު އެޅުމަކީ ވެސް ކުފުރެއް ކަމަށް ވާރިދުވެގެން އައިސްފައިވެއެވެ.

ޢުމަރު ބިން ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. (لَا حَظَّ فِي الْإِسْلَامِ لِمَنْ تَرَكَ الصَّلَاةَ) (6)

މާނައީ: “އިސްލާމްދީނުގައި ނަމާދު ދޫކޮށްލައިފި މީހަކަށް އިސްލާމްކަމުގެ އެއްވެސް ނަސީބެއް ނުވެއެވެ.”

އެފަދައިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއިރު އެކަލޭގެފާނު އޮންނެވީ މަރުގެ ދާންމަތީގައެވެ. އޭރު އެކަލޭގެފާނުގެ ގައިކޮޅަށް ވަޅިހެރުނުތަނުން ލޭ އޮހޮރެމުންދިޔައެވެ. ނަމަވެސް ނަމާދަށް ފަރުވާ ކުޑަ ނުކުރައްވައި އެކަލޭގެފާނު އެހާލުކޮޅުގައިވެސް ނަމާދުކުރެއްވިއެވެ.

އެހެންކަމުން ނަމާދާއި މެދު ޚާއްޞަ އިސްކަމެއް ދޭން ޖެހެއެވެ. އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ހުރުމަށްޓަކައި ނަމާދުތަކަށް ފުރިހަމައަށް ރައްކާތެރިވެ ، ނަމާދު ޤާއިމް ކުރަންޖެހެއެވެ. ރަނގަޅު ވިސްނުމަކީ އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. އަދި ފާފަތަކަށް އަރައިނުގަތުމަށް އަހަރެން މަސައްކަތް ވެސް ކުރަމެވެ. ﷲ އެމަގަށް އަހަންނަށް ތައުފީގު ދެއްވާށިއެވެ.

މަސްދަރު: ކިތާބުއްޞަލާތު،ދި ސަލަފިއްޔާ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!